Roadha Mihaaru
ގޭގެއަށް ނުދެވުނަސް މީހުންގެ ހާލު ބަލާ: ރައީސް

ރައީސްގެ އީދުގެ މެސެޖު، ގޭގެ އަށް ނުދެވުނަސް އާއިލާގެ މީހުންގެ ހާލު ބަލާ

31 ޖުލައި 2020

މި ފަހަރުގެ އަޟްހާ އީދާ ދިމާވީ، ކޮވިޑް-19 ގެ ބަލިމަޑަމުގެ ދުވަސްވަރާ ކަމަށް ވާތީ، ގޭގެ އަށް ޒިޔާރަތް ނުކުރެވުނަސް އާއިލާގެ މީހުންގެ ހާލު އޮޅުން ފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މިފަދަ މުނާސަބަތެއްގައި ބޭނުންތެރި ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މި ފަހަރުގެ އަޟްހާ އީދާ ދިމާވީ، ކޮވިޑް-19 ގެ ބަލިމަޑަމުގެ ދުވަސްވަރާ ކަމަށް ވާތީ، ގޭގެ އަށް ޒިޔާރަތް ނުކުރެވުނަސް އާއިލާގެ މީހުންގެ ހާލު އޮޅުން ފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަކީ މިފަދަ މުނާސަބަތެއްގައި ބޭނުންތެރި ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނުގެ އީދުގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ، ކޮވިޑާ ގުޅިގެން، ދިރިއުޅުމުގެ އާންމު އާދަކާދަތަކާ ޚިލާފަށް އުޅެން ޖެހިފައި ވިޔަސް، އާއިލީ އަދި ރަހުމަތްތެރިކަމުގެ ގުޅުންތައް ބަދަހިކޮށް، އާލާކުރުމުގެ ފުރުސަތުތައް ތަނަވަސް ވެފައިވާ ކަމަށެވެ.

"ކިތަންމެ ދުރުގައި ތިބެން ޖެހުނަސް، ގޭގެ އަށް ޒިޔާރަތް ނުކުރެވުނަސް، އަދި ބޮޑެތި އެއްވުންތަކާއި ހަފުލާތައް ނުބޭއްވުނަސް، އާއިލާގެ މީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި، އީދުގެ ތަހުނިޔާ ބަދަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަކީ، މިފަދަ މުނާސަބަތެއްގައި ނުހަނު ބޭނުންތެރި ކަމެކެވެ. ވަކިން ޚާއްސަ ގޮތެއްގައި، އާއިލާގައި ހިމެނޭ، އުމުރުން ދުވަސްވީ މީހުންނާއެކު، ފޯނުގެ ޒަރީއާ އިން ވިޔަސް ވަގުތުކޮޅެއް ހޭދަކޮށްލައި، އެ މީހުންގެ ޝުއޫރުތަކާއި އިހުސާސްތައް އަޑުއަހައިލުމަކީ، މިފަދަ އުފާވެރި ދުވަހެއްގައި އާއިލީ ގުޅުންތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، މުސްލިމުންގެ އަޅުކަންތަކަށް ވެސް ބުރޫއަރައި، އިސްލާމީ އުއްމަތް ވަރަށް ހިތްދަތި ވަގުތުތަކެއް ތަހައްމަލު ކުރަމުންދާ މިފަދަ ދުވަސްވަރެއްގައި އުފާވެރި އީދެއް އައުމަކީ، ކޮވިޑް-19ގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް، އަލުން ބަދަހިކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އަޟްޙާ އީދަކީ، މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި އެހީތެރިވުމާއި އެއްބާރުލުމުގެ އިތުރުން، އެތައް ގުރުބާނީއެއްގެ ޒިކުރާ އާކޮށްދޭ މަތިވެރި މުނާސަބަތެއް ކަަމަށެވެ. އަދި ވިދާޅުވީ، މިއީ ގައުމެއްގެ ނިސްބަތުން ބަލާއިރު، މިއަދުގެ މި ހާލަތުގައި، ވަކިން ޚާއްސަ ގޮތެއްގައި އަޅުގަނޑުމެން ސަމާލުކަން ދޭންވީ ކަންކަން ކަމަށެވެ.

"މިއީ މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ އީދެކެވެ. އެހެންކަމުން ހައްޖުގެ މަތިވެރި އަޅުކަމާއި އަޟްހާ އީދާ ގުޅިފައިވާ މިފަދަ މަތިވެރި ހިކުމަތްތައް އަޅުގަނޑުމެންގެ ހިތްމައްޗަށް ގެނެސް، އެކަކު އަނެކަކަށް މައާފުކޮށް، އަހުވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ސުލްހަޔާއި ހަމަޖެހުމަށް އިސްކަން ދެއްވުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ،" ރައީސްގެ އީދުގެ ތަހުނިޔާގައި ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ މިހާރު ތަޖުރިބާ ކުރަން ޖެހިފައިވާ އިގުތިސާދީ އަދި އިޖުތިމާއީ ދަތިކަމުން އަވަހަށް ސަލާމަތްވެ، ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިއުމަށްޓަކައި، ސިއްހީ މީހުންގެ ލަފަ އާއި އިރުޝާދާ އެއްގޮތަށް، އެންމެން އެކުގައި މަސައްކަތް ކުރުމަށް ވެސް ގޮވާލައްވައިފަ އެވެ.

"އިޖުތިމާއީ ގައިދުރުކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމާއެކު، އާންމުންގެ ތެރެއަށް ނުކުމެ އުޅުން ވީވަރަކުން މަދުކުރެއްވުމަކީ، ކޯވިޑް-19 ފެތުރޭ މިންވަރު ދަށްކުރުމަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ. މިކަމުގައި އަޅުގަނޑުމެންނަށް ކާމިޔާބު ލިބޭނީ، ކޮންމެ ބޭފުޅަކު ވެސް ޒިންމާދާރުކަމާއެކު ފަރުދީ ޒިންމާ އަދާކުރައްވައިގެންނެވެ،" ރައީސް ވިދާޅުވި އެވެ.