Roadha Mihaaru
ރައީސްގެ އިލްތިމާސަކީ ރުޅިވެރިކަމާއި ހަސަދައިން ދުރުވުން

މިއީ ރުޅިވެރިކަމާއި ހަސަދަވެރިކަން ނައްތާލަން އަޒުމު ކަނޑައަޅަންވީ ވަގުތު: ރައީސް

27 ޖޫން 2023

އީދުގެ އެންމެ ބޮޑު މަގްސަދަކީ އެކަކު އަނެއްކަކަށް މާފުކޮށް ހިތްހެޔޮ ކުރުން ކަމަށާއި މިއަދުން ފެށިގެން ރުޅިވެރިކަމާއި ހަސަދަވެރިކަން ނުބާއްވަން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އީދުގެ އެންމެ ބޮޑު މަގްސަދަކީ އެކަކު އަނެއްކަކަށް މާފުކޮށް ހިތްހެޔޮ ކުރުން ކަމަށާއި މިއަދުން ފެށިގެން ރުޅިވެރިކަމާއި ހަސަދަވެރިކަން ނުބާއްވަން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަޟްހާ އީދުގެ މުނާސަބަތުގައި ރައީސް މިއަދު ފޮނުއްވި ހިތާބުގައި ވިދާޅުވީ އީދުގެ އެއް މަގްސަދަކީ ޒާތީ ހަސަދަ އާއި ނަފްރަތުން އެއްކިބާވެ އަހުވަންތަކަމުގައި ދެމިތިބެ އަދި ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ ރަހުމަތްތެރިކަމާއި އޯގާތެރިކަމާއެކީ އެންމެން ގުޅިގެން ހިތްހަމަޖެހުން ހޯދުން ކަމަށެވެ.

"އަޅުގަނޑުމެންގެ ހިތްތަކުގައި ކިތަންމެ ކުޑަ މިންވަރެއްގެ ވިޔަސް، ހަސަދަވެރިކަމާއި އަދާވާތްތެރިކަމެއް ނުބޭއްވުމަށް އަޒުމް ކަނޑައަޅައި އެ ގޮތުގައި ދެމިހުރުމުގެ މަސައްކަތް ފެށުމަށް މިއީ ނުހަނު ރަނގަޅު މުނާސަބަތެއް،" ރައީސް ވިދާޅުވި އެވެ.

މިފަދަ ކޮންމެ މުނާސަބަތެއްގައި ނިކަމެތިންނާއި ފަގީރުންނާއި މިސްކީނުން މަތިން ހަނދާންކޮށް އެ މީހުންނަށް އެހީތެރިވާންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިއީ މުޖުތަމައު އެކުގައި މަސައްކަތްކޮށް، ފޯރުންތެރިކަން ހުންނަ ފަރާތްތަކުން ނިކަމެތިންނަށް އެހީތެރިވެދޭން ޖެހޭ މޫސުމެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އީދާ ގުޅިފައިވާ ހައްޖުގެ މަތިވެރި އަޅުކަމުގައި ހިމެނޭ ކޮންމެ ކަމަކުން ވެސް އިންސާނީ ދަރިފަސްކޮޅުގެ މެދުގައި އޮންނަންވީ ގާތް ގުޅުން ރަމްޒު ކޮށްދެ އެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުން ދިނުމުގެ މުހިންމު ކަން ވެސް ދައްކުވައިދޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިފަދަ މަތިވެރި އަޅުކަމަކާ ވިދިގެން އަންނަ މި އުފާވެރި އީދު ދުވަހުގައި، މި މަތިވެރި ފިލާވަޅުތަކުން އަޅުގަނޑުމެން ޢިބްރަތް ހާސިލް ކުރަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.