Roadha Mihaaru
ކޮވިޑުގެ މަރު އިތުރުވުމަކީ ކޮމިއުނިޓީގެ ހާލަތެއް ނޫން

ކޮވިޑުގެ މަރު އިތުރުވުމަކީ ކޮމިއުނިޓީގެ ހާލަތެއް ނޫން: އެޗްއީއޯސީ

16 ނޮވެމްބަރ 2020

ކޮވިޑް-19 ގައި މަރުވާ މީހުންގެ އަދަދަކީ މުޖުތަމައުގެ ތެރޭގައި އެ ބަލި ފެތުރިފައިވާ ސީދާ އަދަދެއް ނޫން ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ރޭ ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކޮވިޑް-19 ގައި މަރުވާ މީހުންގެ އަދަދަކީ މުޖުތަމައުގެ ތެރޭގައި އެ ބަލި ފެތުރިފައިވާ ސީދާ އަދަދެއް ނޫން ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން ރޭ ބުނެފި އެވެ.

ކޮވިޑް ޖެހިފައިވާ ދެ މީހަކު އިއްޔެ ވަނީ މަރުވެފަ އެވެ. ކައިރިކައިރިން ދެ މީހަކު މަރުވުމުން، އެޗުއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭގެ މީޑިއާ ބްރީފިންގައި ވިދާޅުވީ ކޮވިޑް ޖެހިގެން ގިނަ މީހުން މަރުވަނީ ކުއްލި ގޮތަކަށް ނޫން ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ދެމުން އަންނަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މިއަދުގެ ނިޔާ އަކީ، ހޮސްޕިޓަލުގައި ގާތްގަނޑަކަށް 23 ދުވަހު އެޑްމިޓް ކޮށްފައި ފަރުވާ ދެނިކޮށް ނިޔާވި ފަރާތެއް،" އެޗުޕީއޭގެ ސީނިއާ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ވިދާޅުވި އެވެ.

ނަމަވެސް ބައެއް ފަހަރު ހޮސްޕިޓަލުގައި އެޑްމިޓްކުރާތާ ފަސް ވަރަކަށް ދުވަސް ފަހުން ވެސް މީހުން މަރުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިގުދެމިގެންދާ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ކޮވިޑް ޖެހުމުން ބޮޑަށް އަސަރުކުރާ ކަން ނަޒްލާ ހަނދާން ކޮށްދެއްވި އެވެ. އެންމެ ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކޮވިޑް ޖެހިގެން އެހާ ބޮޑު ވަރެއް ނުވި ނަމަވެސް ދިގުދެމިގެންދާ ގޮތަށް ގެއްލުންވާ ކަން ފެންނަ ކަމަށް ވިދާޅުވި އެވެ.

"ފުރަތަމަ ކޮވިޑް ޖެހިގެން އެހާ ބޮޑަށް އޭގެ އަސަރު ކުރި ހެން ހީ ނުވާ ފަރާތްތަކަށް، ފަސޭހައިން ރަނގަޅުވި ފަރާތްތަކަށް ވެސް ބައެއް ފަހަރު ދިގު ދެމިގެންދާ ކަމަށް މިހާރުގެ ސްޓަޑީޒްތަކުން ފާހަގަކުރެވޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އެހެންވެ، ކޮވިޑުން ރައްކާތެރިވާން އެޗްޕީއޭ އިން ކަނޑައަޅާފައިިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން އޭނާ އިލްތިމާސް ކުރެއްވި އެވެ. މާސްކު އެޅުމަށާއި ސޯޝަލް ޑިސްޓެނސިން އާއި ކޮންޓެކްޓް ބަބުލް ވީހާ ވެސް ކުޑަކުރަން މަސައްކަތްކުރަން އެދިވަޑައިގަތެވެ.

މިހާތަނަށް 12،204 މީހަކަށް ރާއްޖެ އިން ކޮވިޑް ޖެހިފައިވި ނަމަވެސް މި ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 871 މީހެކެވެ. މި ބަލި ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 44 މީހެކެވެ.