Roadha Mihaaru
ކޮވިޑްގައި ނިޔާވި ގިނަ މީހުންގެ ބޮޑެތިބަލިތައް ހުރި

ކޮވިޑްގައި ނިޔާވި ގިނަ މީހުންގެ ބޮޑެތި އެހެން ބަލިތައް ހުރޭ: ޑރ. އަފްޒަލް

23 މެއި 2021

ކޮވިޑުގައި ނިޔާވި މީހުންގެ ތެރެއިން އުމުރުން ހަގު ގިނަ މީހުންނަކީ ކުރިއްސުރެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އައި ބައެއް ކަަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑުގައި ނިޔާވި މީހުންގެ ތެރެއިން އުމުރުން ހަގު ގިނަ މީހުންނަކީ ކުރިއްސުރެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އައި ބައެއް ކަަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ހަވީރު ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އުމުރުން ހަގު ގިނަ މީހުންނަކީ ސިއްހީ ގޮތުން ސީރިއަސް މައްސަލަތައް ކުރިން ހުރި ބައެއް ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑްގައި އިއްޔެ ނިޔާވި ގިނަ މީހުންގެ ވެސް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިއްސުރެ ހުރި ކަމަށެވެ.

"މި ބަލީގައި ނިޔާވާ މީހުންނަށް ވަކިން ބަލައިލާއިރު، އެއްކަމަކީ ހަމަ ގިނައީ އުމުރުން ދުވަސްވީ މީހުން އެއް ކަމަކަށް. އެހެން ނަމަވެސް މަދުމަދުން އެބަހުރި އުމުރުން އެހާ ދުވަސްނުވާ މީހުން ވެސް ނިޔާވެފައި. އެހެން ނަމަވެސް އެ އެންމެންނަކީ ވެސް ކޮންޑިޝަނަށް ބަލައިލާއިރު ހަމަ ގިނައީ އޭގެ ތެރޭގައި ސީރިއަސް ކޮމްޕްލިކޭޝަންސް ހުރި ކޯމޯބިޑިޓީސްތައް ހުރި ބޭފުޅުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ،

އޭނާ ވިދާޅުވިގޮތުގައި ކޮވިޑަކީ އާއްމު ގޮތެއްގައި ސިއްހަތު ސަލާމަތުން ހުންނަ މީހުންނަށް އެ ބަލީގެ މައްްޗަށް ގަދަވެ ގަނެވޭ ބައްޔެކެވެ. ތަފާސްހިސާބުން ފެންނަނީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.

"މޭ މަހުގެ ހިސާބުތަކަށް ބަލައިލާއިރު ވެސް އެބަ އެނގޭ ބަލި ޖެހިފައިވާ މީހުންގެ ގާތްގަނޑަކަށް ދޭއް އިން ސައްތަ މީހުންނަށް ހޮސްޕިޓަލައިޒް ކޮށްގެން ފަރުވާދޭން ޖެހިފައި ވަނީ. އަދި އޭގެ ތެރެއިން ވެސް ބޮޑު ބަޔަކީ ވެކްސިން ނުޖަހާ ތިބި މީހުން،" ޑޮކްޓަރު ވިދާޅުވި އެވެ.

އެ އެންމެންނަކީ ވެސް ކޮންޑިޝަނަށް ބަލައިލާއިރު ހަމަ ގިނައީ އޭގެ ތެރޭގައި ސީރިއަސް ކޮމްޕްލިކޭޝަންސް ހުރި، ކޯމޯބިޑިޓީސްތައް ހުރި ބޭފުޅުން،"--- ޑރ. އަފްޒަލް

ސިއްހީ މައްސަލަތަކެއް ކުރިން ވެސް ހުރި މީހުން ވެސް ވެކްސިން ޖެހުމުން، ކޮވިޑްގައި ހާލަތު ގޯސް ނުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވާ ވިދާޅުވުން ޑރ. އަފްޒަލް ވެސް މިއަދު ތަކުރާރު ކުރެއްވި އެވެ. އެކަމަކު، ކޮވިޑުން ދިފާއުވާން މިހާރު ހުރި ގިނަ ވެކްސިންތަކަކީ ސިއްހީ ބޮޑެތި މައްސަލަތައް ހުންނަ މީހުންނަށް ނުދެވޭ ވެކްސިން ތަކެކެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 126 އަށް އެރި އިރު، މިއީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 50،000 އަށް ވުރެ އިތުރުވެފަ އެވެ. އެބަ ލީގެ އެކްޓިވް ކޭސްތަކުގެ މިހާރުގެ އަދަދަކީ މިހާރު 22،421 އެވެ.