Roadha Mihaaru
ޑިއުޓީއާ އެކު ދުންފަތުގެ އަގު ބޮޑުވެއްޖެ

ޑިއުޓީއާ އެކު ދުންފަތުގެ އަގު ބޮޑުވެއްޖެ

02 އޯގަސްޓް 2020

ރާއްޖެ އަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުވާ ގޮތަށް، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހަށް މި މަހު އަމަލުކުރަން ފެށުމާ އެކު ދުންފަތުގެ ބާވަތްތަކުގެ އަގު ވަރަށް ބޮޑުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުވާ ގޮތަށް، އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހަށް މި މަހު އަމަލުކުރަން ފެށުމާ އެކު ދުންފަތުގެ ބާވަތްތަކުގެ އަގު ވަރަށް ބޮޑުވެއްޖެ އެވެ.

ރާއްޖޭގައި އެންމެ ގިނައިން ގެންގުޅޭ ސިނގިރޭޓު ފޮއްޓަކުން 20-40ރ. ވަނީ އިއްޔެ އިން ފެށިގެން ބޮޑުކޮށްފަ އެވެ.

ގާނޫނަށް ގެނައި ބަދަލާއެކު ސިނިގިރޭޓު ފޮއްޓަކުން 25 ޕަސެންޓު ޑިއުޓީ ނަގާނެ އެވެ. އެއީ ސިނގިރޭޓަކަށް ތިން ރުފިޔާގެ މަގުންނެވެ. އެހެންވެ މިހާރު ސިނގިރޭޓު ފޮއްޓެއް ލިބެނީ 85-100ރ. އާ ދެމެދުގެ އަގެއްގަ އެވެ. ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދުގައި، ވަކި ސިނގިރެޓް ވިއްކުމަކީ މަނާ ކަމެކެވެ.

އަލަށް ގެނައި އިސްލާހުގައި ދުންފަތާ ގުޅުން ހުރި އެހެން އުފެއްދުންތަކުގެ ޑިއުޓީ ވެސް ވަނީ ބޮޑުކޮށްފަ އެވެ. އެގޮތުން، ބިޑިން ނަގަމުން އައި ޑިއުޓީ 25 ޕަސެންޓަށް އިތުރު ކޮށް ބިޑިއަކުން ތިން ރުފިޔާ ނަގަން ވަނީ ނިންމައިފަ އެވެ. އަދި ސިނގިރޭޓާއި ބިޑި ހެދުމަށް ބޭނުން ކުރާ ކަރުދާހާއި ނިކޮޓިން ކާޓްރިޖާއި ދުންފަތުގެ އިސްތިއުމާލުކުރަށް ބޭނުން ކުރާ ފްލޭވާ އިން 200 ޕަސެންޓު ޑިއުޓީ ނަގާނެ އެވެ.

ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި އެންމެ އާއްމުވެފައިވާ އީ-ސިނިރޭޓު ނުވަތަ ވޭޕުން ވެސް ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ. ކުރިން 20 ޕަސެންޓު ޑިއުޓީ ނެގި ނަމަވެސް އިއްޔެ އިން ފެށިގެން ވޭޕުން 25 ޕަސެންޓު ޑިއުޓީ ނަގާނެ އެވެ.

ދުންފަތުގެ އުފެއްދުންތަކުގެ ތެރެއިން އެންމެ ގިނައިން ރާއްޖެއަށް އެތެރެކުރަނީ ސިނގިރޭޓެވެ. އެގޮތުން އަހަރަކު 460 މިލިއަން ސިނގިރޭޓު އެތެރެކުރާއިރު، ދިވެހިންގެ އާބާދީގެ ތެރެއިން 34 ޕަސެންޓަށް ވުރެ ގިނަ މީހުން ދުންފަތުގެ އިސްތިއުމާލު ކުރެ އެވެ. އެހެންވެ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް މި ނުބައި އާދައިން މީހުން ދުރުކުރުވަން ޑިއުޓީ ބޮޑުކޮށް، އެ ލިބޭ އަގު ބޮޑުވާ ގޮތް ހެދުމަކީ ކުރަމުން އަންނަ ކަމެކެވެ.