Roadha Mihaaru
ޕެންޝަންގައި ބައިވެރިނުވެގެން ކުރާ ޖޫރިމަނާ ކުޑަކޮށްފި

ޕެންޝަން ސްކީމްގައި ބައިވެރިނުުވުމުން ކުރާ ޖޫރިމަނާތައް ކުޑަކޮށްފި

24 އޮކްޓޯބަރ 2016

ރިޓަޔާމެންޓް ޕެންޝަން ސްކީމްގައި މުވައްޒަފުން ބައިވެރި ނުކުރުމާއި ރެކޯޑް ނުބެލެހެއްޓުމުން ވަޒީފާ ދޭ ފަރާތްތަކަށް އަންނަ ޖޫރިމަނާ ވަރަށް ބޮޑަށް ކުޑަކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރިޓަޔާމެންޓް ޕެންޝަން ސްކީމްގައި މުވައްޒަފުން ބައިވެރި ނުކުރުމާއި ރެކޯޑް ނުބެލެހެއްޓުމުން ވަޒީފާ ދޭ ފަރާތްތަކަށް އަންނަ ޖޫރިމަނާ ވަރަށް ބޮޑަށް ކުޑަކޮށްފި އެވެ.

ރިޓަޔާމެންޓް ޕެންޝަން ސްކީމްގެ ގަވާއިދު ކުރިން ބުނާ ގޮތުން ޕެންޝަން ސްކީމްގައި މުވައްޒަފުން ބައިވެރިނުކުރާ ފަރާތްތައް ނުވަތަ ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްފައި ނުވާ ނަމަ ފާއިތުވާ ކޮންމެ މަހަކަށް 500ރ. ގެ މަގުން ޖޫރިމަނާ ކުރާނެ އެވެ.

އެކަމަކު އެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައި އޮތީ ކޮންމެ މަހަކަށް އަރާ 500ރ. ގެ ޖޫރިމަނާގެ ބަދަލުގައި އެ ކުށުގެ މުޅި ޖޫރިމަނާގެ އަދަދު 500ރ. އަށް ބަދަލުކޮށްފަ އެވެ.

ޕެންޝަން ރެކޯޑްތައް ނުބެލެހެއްޓުމުން ވަޒީފާ ދޭ ފަރާތްތައް 500ރ. އިން ފެށިގެން 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދުގައި ކުރިން އޮތަސް އާ އިސްލާހުގެ ދަށުން އެ ޖޫރިމަނާ ވަނީ 1،000ރ. އަށް ކުޑަކޮށްފަ އެވެ.

ޕެންޝަން އޮފީހުން ބުނީ ޖޫރިމަނާތައް ކުޑަކުރީ އެކި ސަބަބުތަކާ ހެދި ޕެންޝަން ސްކީމްގައި ބައިވެރިނުވެ ތިބި ފަރާތްތަކަށް ހުރި ދަތިތަކަށް ލުޔެއް ދިނުމަށް ކަމަށެވެ. އެ ލުއިތައް ގެނަޔަސް ވަޒީފާ އަދާކުރާ ފަރާތްތަކަށް އެ ސްކީމްގެ ދަށުންް ލިބެމުން ދިޔަ ހުރިހާ މަންފާއެއް އެގޮތުގައި ލިބެމުންދާނެ ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.