Roadha Mihaaru
މަސައްކަތުން ބްރޭކެއް ބޭނުންވާކަމުގެ އަލާމާތްތައް

މަސައްކަތުން ބްރޭކެއް ބޭނުންވާކަމުގެ އަލާމާތްތައް

03 އޯގަސްޓް 2020

ބައެއް މީހުންނަކީ ހުރިހާ ވެސް އެއްޗަކީ މަސައްކަތް ކަމަށް ދެކޭ މީހުންނެވެ. އެހެންވެ ބްރޭކެއް ނެތި ކިތަންމެ ގިނަ އިރަކު މަސައްކަތްކުރަން ވެސް އެފަދަ މީހުންނަށް މައްސަލައަކަށް ނުވެ އެވެ. އެކަމަކު އަމިއްލަ ސިއްހަތާ ދޭތެރޭ ވިސްނާ ނަމަ މިއީ ފަރުވާތެރިވުން މުހިއްމު ކަމެކެވެ. މަސައްކަތްތަކަށް ފަރުވާތެރިވުމާއި ޝައުގުވެރިކަން އޮތުމަކީ ވަރަށް ވެސް މުހިއްމު ކަންކަމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބައެއް މީހުންނަކީ ހުރިހާ ވެސް އެއްޗަކީ މަސައްކަތް ކަމަށް ދެކޭ މީހުންނެވެ. އެހެންވެ ބްރޭކެއް ނެތި ކިތަންމެ ގިނަ އިރަކު މަސައްކަތްކުރަން ވެސް އެފަދަ މީހުންނަށް މައްސަލައަކަށް ނުވެ އެވެ. އެކަމަކު އަމިއްލަ ސިއްހަތާ ދޭތެރޭ ވިސްނާ ނަމަ މިއީ ފަރުވާތެރިވުން މުހިއްމު ކަމެކެވެ. މަސައްކަތްތަކަށް ފަރުވާތެރިވުމާއި ޝައުގުވެރިކަން އޮތުމަކީ ވަރަށް ވެސް މުހިއްމު ކަންކަމެވެ.

އެކަމަކު ހުރިހާ ވެސް އެއްޗަކީ މަސައްކަތް ކަމަށް ހެދުމަކީ މައްސަލައެކެވެ. އަމިއްލަ ނަފުސަށް ވަގުތު ހޯދަން ޖެހެ އެވެ. އާއިލާގެ މީހުންނާއި ގާތް ރައްޓެހިންނާ އެކު ހޭދަކޮށްލާނެ ވަގުތެއް ނުލިބޭ ނަމަ، މިއީ ސިއްހީ އެތައް މައްސަލަތަކެއްގެ ތެރެއަށް ވެއްޓިދާނެ ކަމެކެވެ. އެހެންވެ ދޭތެރެ ދޭތެރެ އިން މަސައްކަތްތަކާ ދުރުވެލައި ނަސުފަށް ހަމަޖެހުން ހޯދުމަށް ޗުއްޓީ ނަގަން ޖެހެ އެވެ. ބްރޭކެއް ނެތި މަސައްކަތްކުރާ ނަމަ، އުފެއްދުންތެރިކަން ކުޑަވެ، މީހާ އެއްގޯސްވެދާނެ އެވެ. އެހެންވެ ޗުއްޓީއެއް ނުވަތަ މަސައްކަތްތަކުން ކުޑަ ނަމަވެސް ބްރޭކެއް ނެގުމަކީ ބޭކާރުކަމެއްގެ ގޮތުގައި ނުދެކޭށެވެ.

ދެން އޮތީ ތިމާއަށް ބްރޭކަށް މުހިއްމުވާކަން ދެނަގަނެވޭނީ ކިހިނެއް ހެއްޔެވެ؟ މިއޮތީ އެކަން ދެނެގަނެވިދާނެ މުހިއްމު ބައެއް ކަންކަމެވެ.

* ބޮލުގައި ރިއްސުން

ބޮލުގައި ރިއްސާ ނަމަ އެއީ ބްރޭކަށް ނަގަން ޖެހޭކަމުގެ ސިގްނަލެކެވެ. މަސައްކަތުގައި މާ ބުރަކޮށް އުޅެން ހަދައިގެން މި މައްސަލަ ދިމާވުން ވަރަށް އާންމެވެ. އެހެންވެ ބޮލުގައި ރިއްސައި، މީހާގެ މޫޑު ހަރާބުވާ ނަމަ އެއީ ތިމާއަށް ބްރޭކަށް ބޭނުންވާކަން އަންގައިދޭ ކަމެކެވެ.

* ހަޖަމުކުރުމުގެ މައްސަލަ ދިމާވުން

މާ ބުރަކޮށް އުޅޭ ނަމަ މުޅި މީހާ އަބަދު ލޮޑުވެފައި ހުރުމާ އެކު ސިކުނޑި އަށް ބާރުކުރުމަކީ ހަޖަމުކުރުމުގެ ނިޒާމަށް މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. މިކަން ތަޖުރިބާކުރެވޭ ނަމަ އަވަހަށް މަސައްކަތުން ބްރޭކެއް ނަގާފައި، އަމިއްލަ ސިއްހަތާ ދޭތެރޭ ފަރުވާ ބަހައްޓާށެވެ.

ބަނޑުގައި ރިއްސުމާއި ބޭރަށް ހިންގުން ފަދަ ކަންކަން ދިމާވާ ނަމަ މިކަމާ ދޭތެރޭ ފުންކޮށް ވިސްނައިލާށެވެ.

* ގިނަގިނައިން ހުންއައުން

ގިނަގިނައިން ހުން އައިސް ހުން ނުފިލާ ހުރުމަކީ މީހާގެ ހާލަތު ރަނގަޅު ނޫން ކަމުގެ ހެއްކެކެވެ. މަސައްކަތުގައި މާ ބުރަކޮށް އުޅެން ޖެހި، ވަރުބަލިވުމަކީ ހިތަށާއި ސިކުނޑިއަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. އެއާ އެކު މަސައްކަތުގެ ޕްރެޝަރު ބޮޑުވެ، އަބަދު ހާސްކަމާއި ފިކުރުގެ ތެރޭގައި އުޅެން ޖެހުމަކީ ހިތުގެ ވިންދާއި ހަށިގަނޑުގެ ލޭ ދައުރުވުމަށް ވެސް ހުރަސްއަޅާނެ ކަމެކެވެ.

މީގެ ސަބަބުން މީހާ އަބަދު ލޮނޑުވެފައި ހުރުމާއި ހުންއައުން ފަދަ ކަންކަން އާންމުވާނެ އެވެ. އޭގެ މާނަ އަކީ މިކަންކަމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވެސް ބަލިކަށިވަމުން ދިއުމެވެ.

* ބަރުދަން އިތުރުވުން

ގިނަ މީހުންނަކީ އާންމުކޮށް މޭޒު ދޮށުގައި މަސައްކަތްކުރާ މީހުންނަށްވާތީ ހަރަކާތްތެރިކަން ކުޑަވެ އެވެ. މީގެ ނަތީޖާ އަކީ ބަރުދަން އިތުރުވެ، މީހާ ފަލަވާން ފެށުމެވެ. އެހެންވެ މަސައްކަތުގައި ހޭދަކުރާ ވަގުތަކަކީ ވެސް ހެލިފެލިވެ އުޅެވޭ ކަހަލަ ގޮތަކަށް ބައްޓަންކުރެވިފައި އޮންނަ ކަމަކަށް ހަދަން ޖެހެ އެވެ.

ސިއްހަތަށް ބަލާލުމެއް ނެތި ބުރަކޮށް މަސައްކަތުގައި ވަގުތު ހޭދަކުރުމުގެ އަނެއް ނަތީޖާއަކަށްވާނީ ސިއްހަތަށް ރަނގަޅު ނޫން ކާން ވެސް މަގުފަހިވުމެވެ. އެހެންވެ ވަގުތު ހޯދައިގެން ސިއްހަތަށް ރަނގަޅު ކާނާ ތައްޔާރުކޮށްގެން ކާން އިސްކަންދޭން ޖެހެ އެވެ.

ބަރުދަން އިތުރުވާން މެދުވެރިވާ އަނެއް ސަބަބަކީ ހާސްކަމާއި ފިކުރުތަކާ ހެދި ކޯޓިސޯލް ހޯމޯން އުފައްދާ މިންވަރު އިތުރުވުމެވެ.

* މޭގައި ރިއްސުން

މޭގައި ރިއްސާ ނަމަ މިއީ ވަރަށް ފަރުވާތެރިވާން ޖެހޭނެ ކަމެކެވެ. މާ ބިޒީކޮށް އުޅެން ޖެހުމުން މޭގައި ރިއްސާގޮތް މެދުވެރިވާނެ އެވެ. އެއިން ދޭހަކޮށްދެނީ އަރާމުކުރަން ޖެހޭ ކަމެވެ. އަދި އެކަމަށް ސަމާލުނުވާ ނަމަ ހިތް ފެއިލްވުން ފަދަ ބޮޑު ސިއްހީ މައްސަލައަކާ ވެސް ކުރިމަތިވެދާނެ އެވެ.

* ނިދަން އުނދަގޫވުން

ހަމަ ގައިމު ވެސް މަސައްކަތުގެ ބުރަބޮޑުވުމަކީ މީހާގެ ނިދުން ހަރާބުކޮށްލާނެ ކަމެކެވެ. އެހެންވެ ވަޒީފާ އަދާކުރަން އޮންނަ ރަސްމީ ގަޑީގައި މަސައްކަތްތައް ނިންމުމަށް ފަހު، ނިދަން އޮންނަ ގަޑީގައި ނިދައި، މަދުވެގެން އަށް ގަޑިއިރުގެ ނިދި ހަމަކުރުން ވަރަށް މުހިއްމެވެ.

ނިދި އޮޅުންބޮޅުންވެއްޖެ ނަމަ ކުރިމަތީގައި ދެން ހުންނާނީ ހުސް ސިއްހީ މައްސަލަތެކެވެ. އަނެއް ކަމަކީ ކުރާ ކަމަކަށް ރަނގަޅަށް ފޯކަސްކުރަން ވެސް ހަމަ ނިދި ނުލިބޭ ނަމަ އުނދަގޫ ކަމަކަށްވާނެ އެވެ. މީގެ ސަބަބުން ބޮލަށް ކުރާ ބާރު ބޮޑުވުމާއި ނަފުސާނީ އެކި ކަހަލަ މައްސަލަތަކަށް މަގުފަހިވުން ވެސް ހިމެނެ އެވެ.

މިކަންކަން ތަޖުރިބާކުރެވޭ ނަމަ ޗުއްޓީއަކަށް ދޭތެރޭ ވިސްނައިލާށެވެ. ގަބޫލުކުރަން ޖެހޭ ހަގީގަތަކީ މީހާ ދުޅަހެޔޮ ސިއްހަތެއްގައި ހުރެގެން ނޫނީ ރަނގަޅަށް މަސައްކަތް ވެސް ނުކުރެވޭނެކަމެވެ. ޗުއްޓީ އަށް ނެގުމަކީ މީހާގެ މުޅި ނަފުސަށް ތާޒާކަމާއި އާރޯކަން އަންނާނެކަމެކެވެ. ހަމަޖެހޭ އުފާވެރި ޗުއްޓީއަކަށް ފަހު މަސައްކަތަށް އެނބުރި ނުކުތުމުން މިކަން އަމިއްލަ އަށް ވެސް އިހުސާސްކުރެވޭނެ އެވެ.