Roadha Mihaaru
ހާލަތު ގޯސްވާތީ ޕީޕީއެމުން މުޒަހަރާ ނުފަށަން ނިންމައިފި

ކޮވިޑް ޖެހޭ އަދަދު އިތުރުވާތީ ޕީޕީއެމުން މުޒާހަރާ އަލުން ނުފަށަން ނިންމައިފި

04 އޯގަސްޓް 2020

ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ހާލަތު ގޯސްވަމުންދާތީ އިދިކޮޅުގެ މުޒާހަރާތައް އަލުން ނުފަށަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ހާލަތު ގޯސްވަމުންދާތީ އިދިކޮޅުގެ މުޒާހަރާތައް އަލުން ނުފަށަން ނިންމައިފި އެވެ.

ކޯލިޝަން ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށާއި ޝަރުއީ ނިޒާމް މިނިވަންކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލަން ގޮވާލައި ޕީޕީއެމާއި ޕީއެންސީން މާލޭގައި ފެށި މުޒާހަރާތައް މެދުކަނޑައިލީ އީދު ބަންދަށެވެ. މި ބަންދަށް ފަހު ހުޅުވުމާ އެކު އެއްވުންތައް އޮންނާނެކަން ވަނީ އިއުލާންކޮށްފަ އެވެ.

ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ފިޔަވަޅެއްގެ ގޮތުން އާއްމުން އެއްވެ ނޫޅުމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން (އެޗްއީއޯސީ) އިން އިލްތިމާސްކޮށްފައި އޮއްވައި މުޒާހަރާތައް ބާއްވާތީ ފާޑުކިއުން ވެސް އަމާޒުވި އެވެ. މާލޭގެ އެންމެ ތޮއްޖެހުން ބޮޑު، މަޖީދީމަގަށް މީހުން ޖަމާކޮށްގެން ފަށާ މުޒާހަރާ ނިންމަނީ، ބޮޑުތަކުރުފާނުމަގު، ޕީޕީއެމްގެ އޮފީހާ ހަމައިންނެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު ރޭ ސަންގުޓީވީގައި ވިދާޅުވީ މުޒާހަރާތައް މެދުކަނޑާލީ އެންމެ ފުރަތަމަ ގައުމު އިސްކުރާތީ ކަމަށެވެ. ޕީޕީއެމްގެ މޮޓޯ އަކީ ވެސް "އެންމެ ފުރަތަމަ ގައުމު" ކަމަށް ވިދާޅުވި އެވެ.

"މުޒާހަރާ އަށް ނުނިކުމެ މި ތިބީ ދިވެހި ރައްޔިތުންގެ ހައްގުގައި. އެއީ މި ހާލަތުގައި، މި ކޭސްތައް އިތުރުވެގެން ގޮސް އަނެއްކާވެސް މީގެން ނޭދެވޭ އަސަރުތަކެއް ރައްޔިތުންތަކަކަށް ކޮށްފާނެތީ އެ ބިރުވެރިކަމަށްޓަކައި ރައްޔިތުންގެ ސައިޑު އިޚްތިޔާރުކޮށްގެން މި ތިބީ،" ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަޑުއުފުލުން ނުބޭއްވިޔަސް ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އިދިކޮޅުން ފަހެއް ނުޖެހޭނެ އެވެ. މި ސަރުކާރުންވެ ނުފުއްދި ހުރި ވައުދުތަކުގެ މަތިން ހަނދާންކޮށް ޒިންމާދާރުކުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން މި ފަހުން ބޭއްވި އެއްވުންތައް ހޫނުވެ، އެޗްޕީއޭގެ އުސޫލުތަކުން ބޭރުން ވެސް ބައެއް ކަންކަން އެ މުޒާހަރާގައި ކުރިއަށް ގެންގޮސްފައިވެ އެވެ.

އެއްވެ އުޅުމުގެ ގާނޫނު ބުނާ ގޮތުން ނުރައްކާތެރި ބަލިމަޑުކަމެއް ނުވަތަ ގައިން ގަޔަށް އަރާ ބައްޔެއް ފެތުރެމުންދާކަން އިއުލާން ކޮށްފައިވާ ދުވަސްވަރެއްގައި އެކަމުން މީހުން ސަލާމަތް ކުރުމަށްޓަކައި އެއްވެ އުޅުމުގެ ހައްގު ފުލުހުންނަށް ހިފެހެއްޓިދާނެ އެވެ.

މި މުޒާހަރާތައް ބޭއްވީ ލިއުމުން ހުއްދަ ހޯދައިގެން ނޫނީ ކުރިއަށް ނުގެންދަން ހޯމް މިނިސްޓްރީން އަންގާފައި ވަނިކޮށެވެ. ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިކޮށް ޕީޕީއެމްގެ ސަރުކާރުގައި ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ހުއްދަ ނުނަގައި މާލޭގައި އެއްވެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށެވެ. ހައްގު ހިފަހައްޓާފައިވާ އެ އިސްލާހަށް ތާއީދުކޮށް، މި ސަރުކާރުން ވެސް އަންނަނީ އަމަލުކުރަމުންނެވެ. ކުރިން ދެކޮޅު ހެދި ނަމަވެސް އެ އިސްލާހު އުވާލުމުގެ ވިސްނުމެއް މިހާރު މި ސަރުކާރަކުން ވެސް ނުގެންގުޅެ އެވެ.