Roadha Mihaaru
އެޗްޕީއޭގެ އެންގުމާ ޚިލާފުވުމުން ޝުޖާއު ޖޫރިމަނާކޮށްފި

އެޗްޕީއޭގެ އެންގުމާ ޚިލާފުވުމުން ޕީއެންސީގެ ނައިބު ރައީސް ޝުޖާއު 1،000ރ. އިން ޖޫރިމަނާކޮށްފި

30 އޯގަސްޓް 2020

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ އެންގުންތަކާ ޚިލާފަށް އަމަލުކުރި މައްސަލާގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު 1،000 ރުފިޔާ އިން މިރޭ ޖޫރިމަނާކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި ސައިކަލް ބުރުގައި އެޗްޕީއޭގެ އެންގުންތަކާ ޚިލާފަށް އަމަލުކުރި މައްސަލާގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު 1،000 ރުފިޔާ އިން މިރޭ ޖޫރިމަނާކޮށްފި އެވެ.

"ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ގެ ނަމުގައި ބޭއްވި ސައިކަލް ބުރުގައި، ކޮވިޑް-19 ފެތުރޭތީ އަމަލުކުރުމަށް އަންގާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފަށް، މާސްކް ނާޅައި އަދި ގައިދުރުކަމެއް ނެތި އެތައް ބަޔަކު އެއްވެފައިވެ އެވެ. މި އެއްވުމުގައި އިސްކޮށް އުޅުއްވި ޝުޖާއު ޖޫރިމަނާކުރީ އެ މައްސަލާގައި އޭނާ މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

ޝުޖާއުގެ އިތުރުން ޕީޕީއެމް/ޕީއެންސީގެ އިސް އެހެން ބައެއް ބޭފުޅުން ވެސް ވަނީ ސައިކަލްބުރުގެ މައްސަލާގައި ފުލުހަށް ހާޒިރުވާން އަންގައިފަ އެވެ.

ޝުޖާއުއާ އެކު ފުލުސް އޮފީހަށް ހާޒިރުވި ވަކީލު ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހްތާޒް މުހްސިން ވިދާޅުވީ، ހާޒިރުކުރި ތުހުމަތުތަކާއި، ފުލުސް އޮފީހަށް އައުމުން ކުރި ތުހުމަތުތަކާ ދިމާނުވާ ކަމަށާއި އެހެންވެ ފުލުހުންގެ ތަހުގީގަށް އެކަށީގެންވާ ވަރަށް އެއްބާރުލުން ދީފައި ނުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހާޒިރުކުރުމަށް ފަހު ކުރި ތުހުމަތުތަކުގެ ތެރޭގައި އެޗްޕީއޭގެ އެންގުންތަކާ ހިލާފުވުމާއި އަޑުގަދަކޮށް، މީހުން ބިރުގެންނެވުމާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރި ކަމުގެ ތުހުމަތު ހިމެނޭ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުވައްކިލުގެ މައްޗަށް އިއްވި ހުލާސާގައި، ތަހުގީގަށް ހާޒިރުކުރަން ދިން ޗިޓުގައި މި އިނީ ގައިދުރުކަމެއް، މާސްކު ނާޅައި، އެއްވެ އުޅުމުގެ ސަބަބުންނޭ ހާޒިރުކުރަނީ. އެހެން ނަމަވެސް ހާޒިރުކޮށްފައި އިއްވި ތުހުމަތުތަކުގައި އަޅުގަނޑުމެންނަށް ޖަސްޓިފިކޭޝަނެއް ދެވިފައެއް ނެތް [ހާޒިރުކުރާކަށް]" މުހްތާޒް ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ޕޮލިހަށް ހާޒިރުކުރި ނަމަވެސް އިދިކޮޅުގެ ހަރަކާތްތައް ނުހުއްޓާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި އިރާދުކުރެއްވިއްޔާ މިއަށް އިތުރު ވަރުގަދަ ހަރަކާތްތަކެއް ސަަރުކާރާ ދެކޮޅާށް އަޅުގަނޑުމެން ހިންގާނަން. ސަކުރާރު ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރުމުގެ ޒިންމާ އަޅުގަނޑުމެން މި އަދާ ކުރަނީ،" ޝުޖާއު ވިދާޅުވި އެވެ.

އެއްވުމުގައި، އެޗްޕީއޭގެ އެންގުންތަކާ ހިލާފުވި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ވަހީދު ވެސް މިރޭ ޕޮލިހަށް ހާޒިރުކުރި އެވެ. ނަމަވެސް ވަކީލަކު ހަމަޖައްސަން ބޭނުން ކަމަށް ވިދާޅުވުމުން ވަހީދާ ސުވާލު ނުކޮށް މިރޭ ވަނީ ފޮނުވާލައިފަ އެވެ. ޕީޕީއެމާއި ޕީއެންސީގެ އެހެން ބައެއް ބޭފުޅުން ވެސް މާދަމާ ޕޮލިހަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ.