Roadha Mihaaru
މީހުން ކަރަންޓީނުކުރަން އިތުރު ދެ ރިސޯޓެއް ނަގައިފި

ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރަން އިތުރު ދެ ރިސޯޓެއް ނަގައިފި

04 އޯގަސްޓް 2020

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހަ ރިސޯޓެއް ނަގައި ބޭނުން ކުރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމާއެކު ކަރަންޓީން ފެސިލިޓީގެ ގޮތުގައި ހަ ރިސޯޓެއް ނަގައި ބޭނުން ކުރަން ފަށައިފި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "މިހާރު" އަށް މިއަދު ވިދާޅުވީ ކަރަންޓީންގެ ފެސިލިޓީގެ ގޮތުގައި ކުރިންސުރެ ބޭނުން ކުރަމުން އައި ބަނޑޮސް އައިލެންޑް ރިސޯޓްގެ އިތުރުން އެރިޔަދޫ އާއި ފަން އައިލެންޑް ރިސޯޓާއި ރޯޔަލް އައިލެންޑް ރިސޯޓް ވެސް މިހާރު ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި މިފަހުން މެދުފުށި ރިސޯޓާއި ފިލިތެޔޮ ރިސޯޓް ވެސް ކަރަންޓީން ފެސިލިޓީއަށް ބޭނުން ކުރަން ފަށާފައިވާ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

އެ ރިސޯޓްތަކުގެ އިތުރުން މާލެ ސަރަހައްދުން ބައެއް ގެސްޓް ހައުސްތަކުގައި ވެސް، ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުން ބައިތިއްބަމުން އަންނަ ކަމަށް ތަސްލީމާ ވިދާޅުވި އެވެ. ކަރަންޓީން ފެސިލިޓީތަކުގެ ކެޕޭސިޓީ ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭން ބޭރުން އަންނަ މީހުންނާއި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުން ބައިތިއްބަމުން އައީ އެކިއެކި ރިސޯޓްތަކުގަ އެވެ. އެ މީހުން އުޅޭ ރަށްތަކަށް ފޮނުވަމުން އައީ ކަރަންޓީންގެ މުއްދަތު ހަމަވެ، ކުރާ ޓެސްޓުން ކޮވިޑް-19 އަށް ނެގަޓިވް ވުމުންނެވެ.

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުވެ، ލޮންޑައުންނަށް ދިން ލުއިތަކާއެކު ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަމުން އައި ގިނަ ރިސޯޓްތަކެއް ސަރުކާރުން ވަނީ ދޫކޮށްލައިފަ އެވެ. އަނެއްކާ ވެސް އިތުރު ރިސޯޓްތަކެއް ނަގަން މި ޖެހުނީ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުންނެވެ.

ރިސޯޓްތަކުގެ ކަރަންޓީންގައި ބައިތިއްބާ ކޮންމެ މީހަކަށް ދުވާލަކު 750ރ. ސަރުކާރުން ހަރަދު ކުރެ އެވެ. އެހެންކަމުން އެކެއްގެ 14 ދުވަހުގެ ކަރަންޓީނަށް 10،500ރ. ހޭދަވެ އެވެ.

ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ރާއްޖޭގެ ރީތި ރިސޯޓްތައް ބޭނުން ކުރަމުން އަންނައިރު ކަރަންޓީން ކުރާ މީހުން ބައިތިއްބަނީ ގެސްޓް ރޫމްތަކުގަ އެވެ. ކޮންމެ އިރެއްގެ ކެއުމުގެ އިތުރުން ކޮންމެ މީހަކަށް ވެސް 10 ޖީބީ އިންޓަނެޓާއި ލޯންޑްރީގެ ހިދުމަތް ހިލޭ ލިބެ އެވެ. އަދި ތުވާއްޔާއި ޝޭމްޕޫ، ޝަވަޖެލް، ޕެޑް އަދި ނެޕީ ފަދަ ޒަރޫރީ ތަކެތި ވެސް ހިލޭ ފޯރުކޮށްދެ އެވެ. ކޮންމެ ފެސިލިޓީއެއްގައި ވެސް ޑޮކްޓަރަކާއި ނަރުހުން ހިދުމަތުގައި ތިބެ އެވެ.

ރާއްޖެއިން މިހާތަނަށް 4،293 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 2،670 މީހަކު ވަނީ ރަނގަޅުވެފަ އެވެ. މި ބައްޔަށް މިހާރު ފަރުވާ ދެމުން އަންނަނީ 1،589 މީހަކަށެވެ. ކޮވިޑަށް ޕޮޒިޓިވް ވެފައވާ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 4،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.