Roadha Mihaaru
ރަށަށް ނުދެވޭތީ ރިސޯޓު މުވައްޒަފުންގެ ޕެޓިޝަނެއް

ރަށަށް ދެވޭގޮތް ހަދައިދޭން އެދި ރިސޯޓުތަކުގެ މުވައްޒަފުންގެ ޕެޓިޝަނެއް

27 ޖޫން 2021

ރިސޯޓު މުވައްޒަފުންނަށް ރަށަށް ދިއުމުގައި ދަތިތަކެއް ހުރުމުން އެކަން ހައްލުކޮށްދޭން އެދި ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރިސޯޓު މުވައްޒަފުންނަށް ރަށަށް ދިއުމުގައި ދަތިތަކެއް ހުރުމުން އެކަން ހައްލުކޮށްދޭން އެދި ޕެޓިޝަނެއް ހުށަހަޅަން ނިންމައިފި އެވެ.

"ރިސޯޓް ވޯކާސް މޯލްޑިވްސް" އިސްވެ އޮންލައިންކޮށް ހުށަހަޅާ މި ޕެޓިޝަނުގައި މިހާތަނަށް ރިސޯޓްތަކުގެ 500 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ސޮއިކޮށްފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ކަމާ ބެހޭ އެހެން ފަރާތްތަކަށް ވެސް މި ޕެޓިޝަން ހުށަހަޅާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ރިސޯޓު ވޯކާސް މޯލްޑިވްސް އިން ބުނި ގޮތުގައި، ޕެޓިޝަން ހުށަހަޅަން ނިންމީ އެޗްޕީއޭގެ ގަވާއިދުތައް ހުރި ގޮތުން ރިސޯޓުން ރަށަށް ނުދެވޭތީ އެކަމުގެ ޝަކުވާތައް ގިނަވެފައި ވާތީ އެވެ. އަދި ކޮވިޑް-19 ގެ ހާލަތާ ހެދި ސަންސެޓު ގާނޫނަށް ގިނަ ރިސޯޓުތަކުން އަމަލު ނުކުރާ ކަަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ހަދާފައިވާ ސަންސެޓް ގާނޫނުގައި ބުނެފައިވާގޮތުގައި މުވައްޒަފުންނަށް ދޭ ޗުއްޓީގެ ތެރޭގައި، ކޮވިޑްގެ ބަލިމަޑުކަމާ ހެދި ކަރަންޓީނުގައި ހުންނަން ޖެހޭ މުއްދަތެއް ނުހިމެނޭނެ އެވެ. ނަމަވެސް މިގޮތަށް ގިނަ ރިސޯޓުތަކުން އަމަލު ނުކުރާތީ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.

"ޗުއްޓީއަށް ގޮސްފިއްޔާ ހުރިހާ ލީވެއް ކަނޑާލަނީ ޗުއްޓީން. ސަންސެޓު ގާނޫނުން ޗުއްޓީގައި ހުންނައިރު ލީވަކުން ވެސް އަދި މުސާރައަކުން ވެސް ނުކެނޑޭނެ ކަން ކަށަވަރުކޮށްދޭ، އެކަމަކު ދެރައީ ގިނަ ރިސޯޓުތަކުން ޗުއްޓީވެސް ނުދޭތީ،" ރިސޯޓް ވޯކާސް މޯލްޑިވްސް އިން ބުންޏެވެ.

ރިސޯޓް ވޯކާސް މޯލްޑިވްސް އަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން ވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ފިރިހެން މުވައްޒަފުންނަށް ތުބުޅި ބެހެއްޓޭނެ ގޮތް ހަދައިދޭން އެދި ވެސް ޕެޓިޝަނެއްގައި ސޮއި ކުރަން ހުޅުވާލައިފަ އެވެ.