Roadha Mihaaru
ދިވެހިންގެ ދުއާ މިއަދު ލުބުނާނާ އެކު

ބައިރޫތުގެ ވަރުގަދަ ގޮވުން: ދިވެހިންގެ ދުއާ މިއަދު ލުބުނާނަށް

05 އޯގަސްޓް 2020

ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ރޭ އާދަޔާ ހިލާފު ބާރުގަދަ ގޮވުމެއްގައި މުޅި ސިޓީ ވީރާނާވި ހިތާމަވެރި ހާދިސާގެ އަސަރު ދިވެހިންނަށް ވެސް ވަރަށް ބޮޑަށް ކޮށްފި އެވެ. ރެ އާއި މިއަދު ސޯޝަލް މީޑިއާގައި ދިވެހިން ގެންދަނީ، ލުބުނާންގެ ރައްޔިތުންނަށް ހެޔޮ ދުއާކުރަމުންނެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ލުބުނާނުގެ ވެރިރަށް ބޭރޫތުގައި ރޭ އާދަޔާ ހިލާފު ބާރުގަދަ ގޮވުމެއްގައި މުޅި ސިޓީ ވީރާނާވި ހިތާމަވެރި ހާދިސާގެ އަސަރު ދިވެހިންނަށް ވެސް ވަރަށް ބޮޑަށް ކޮށްފި އެވެ. ރެ އާއި މިއަދު ސޯޝަލް މީޑިއާގައި ދިވެހިން ގެންދަނީ، ލުބުނާންގެ ރައްޔިތުންނަށް ހެޔޮ ދުއާކުރަމުންނެވެ.

"ލުބުނާނުގައިވާ އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް ﷲ ރަހުމަތް ލައްވާށި. ބިރުވެރި ގޮވުމުގައި މަރުވި މީހުންނަށްް ސުވަރުގެ މިންވަރު ކުރައްވާށި،" ފޭސްބުކްގައި ހިތާމަ ފާޅުކުރަމުން އަންނަ ދިވެހިން ލިއެފައިވެ އެވެ. އާންމުން ދިވެހިންގެ އިތުރުން ރާއްޖޭގެ ކުރީގެ ރައީސުންނާއި ސިޔާސީ ބޭފުޅުން ވެސް މި ހިތާމައިގައި ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ހައިތަމް ލިއުއްވި ގޮތުގައި އެންމެ ބޮޑު ހިތާމައަކީ މިފަދަ ބޮޑު ގެއްލުމެއް ލިބުނު އިރު ލުބުނާނު އޮތް ހާލަތެވެ.

"އެގައުމުން މިހާރު ވެސް އިގުތިސާދީ ބޮޑެތި ގެއްލުންތައް ތަހައްމަލުކުރަމުން ދާއިރު މި ހާދިސާގެ ސަބަބުން މަރުވެދާނެ މީހުންގެ އަދަދު އަޅުގަނޑަށް ހިޔާލަށް ވެސް ނުގެނެވެ އެވެ،" ފޭސްބުކްގައި ހައިތަމް ލިއުއްވި އެވެ.

"ލެބަނަންގެ ރައްޔިތުންނަށް ހެޔޮ ދުއާކުރަމެވެ. މި ކަމުން އަރައިގަނެވޭނެ އެވެ."

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދަކީ ބޭރޫތުގެ އެމެރިކަން ޔުނިވަސިޓީން ވެސް ކިޔަވާވިދާޅުވި ބޭފުޅެކެވެ. އޭރު ރާއްޖޭގެ ޒުވާން އެތައް ބަޔަކަށް މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އެ ޔުނިވަސިޓީން ލިބުނެވެ. އޭގެ ތެރެއިން ގިނަ ބޭފުޅުންނަކީ ފަހުން ރާއްޖޭގައި ނަން މަޝްހޫރު ޝަހުސިއްޔަތުންނެވެ.

ޑރ. ވަހީދު ޓްވިޓާގައި ލިއުއްވާފައިވާ ގޮތުގައި ބޭރޫތުގައި ތިބި އެކުވެރިންގެ ހާލަތާ މެދު ކަންބޮޑުވެވަޑައިގަންނަވަ އެވެ. ހިތްޕުޅު އޮތީ އެހާދިސާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އާއިލާތަކާ އެކު ކަމަށް ވެސް ވިދާޅުވި އެވެ.

"މި އުނދަގޫ ވަގުތުގައި ލުބުނާނަށް އެހީތެރިކަން ބޭނުންވެ އެވެ،" ޓްވީޓް ނިންމަވައިލައްވަމުން ޑރ. ވަހީދު ލިއުއްވި އެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިއަދު ހިއްސާކުރަމުން އަންނަނީ ގޮވުންތަކަށް ފަހު ބޭރޫތަށް ލިބުނު ބޮޑެތި ގެެއްލުންތައް ދައްކައިދޭ ފޮޓޯތަކާއި ވީޑިއޯތަކެވެ. "ޕްރޭ ފޯ ލެބެނަން" ހޭޝްޓެގާ އެކު އެ ޕޯސްޓްތަކުން ފޭސްބުކާއި ޓްވިޓާ ފީޑް ވަނީ ފުރާލައިފަ އެވެ. މަރުވި އަދި ޒަހަމްވި މީހުންނަށް ކޮށްފައިވާ ހެޔޮ ދުއާތަކާއި ލުބުނާނުގެ ރައްޔިތުންްނަށް ހިތްވަރު ލިބުން އެދި ކޮށްފައިވާ ދުއާތައް ވެސް ގިނަ އެވެ.

ކުރީގެ ޔޫތު މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވި ގޮތުގައި ބޭރޫތަކީ އޭނާ ވަޑައިގެންނެވި އެންމެ ހިތްގައިމު އެއް ސިޓީގެ އިތުރުން ދިމާވި އެންމެ ހިތްހެޔޮ ރައްޔިތުން ވެސް އުޅޭ އެއް ސަހަރެވެ. ލުބުނާނުގެ ރައްޔިތުންނަށް އޭނާ ހެޔޮ ދުއާކުރެއްވި އެވެ.

ވީޑިއޯ އާއި ފޮޓޯތަކުން ފެންނަ ގޮތުގައި ބޭރޫތުގެ ބަނދަރުމަތީ ސަރަހައްދުގައި ހިނގި ބާރުގަދަ ގޮވުންތަކަށް ފަހު މުޅިން ވަނީ ވީރާނާ ވެފަ އެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

މިހާ ބޮޑު ގޮވުމެއްގެ އަސްލު މަންޒަރެއް މި ފަހުގެ ތާރީހުގައި އިންސާނުންނަށް ފެނިފައެއް ނުވެ އެވެ. އެހެންކަމުން ހާދިސާގެ ނުރައްކާތެރިކަން، ވަރަށް ބޮޑަށް އިހުސާސްކުރެވެ އެވެ.

މި ގޮވުމުގެ ގުޑުން ބޭރޫތާ 240 ކިލޯ މީޓަރު (150 މޭލު) ދުރުގައި އޮންނަ ސައިޕްރަސްއަށް ވެސް އެރި އެވެ.