Roadha Mihaaru
ހިޒްބުﷲއާ މަޝްވަރާކުރަން ތައްޔާރު: އިޒްރޭލު

ހިޒްބުﷲއާ މަޝްވަރާކުރަން ތައްޔާރު: އިޒްރޭލު

12 ޑިސެމްބަރ 2023

ލުބްނާންގެ ދެކުނުގައި ތިބި ހިޒްބުﷲގެ ހަނގުރާމަވެރިން އިޒްރޭލުގެ ތެރެއަށް ދޭ ހަމަލާތައް ހުއްޓުވުމުގެ ގޮތުން އެ ޖަމާއަތާ އެކުގައި މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް އިޒްރޭލު ސަރުކާރުން އިއްޔެ ބުނެފި އެވެ.

ލުބްނާންގެ ދެކުނުގައި ތިބި ހިޒްބުﷲގެ ހަނގުރާމަވެރިން އިޒްރޭލުގެ ތެރެއަށް ދޭ ހަމަލާތައް ހުއްޓުވުމުގެ ގޮތުން އެ ޖަމާއަތާ އެކުގައި މަޝްވަރާ ކުރަން ތައްޔާރަށް އޮތް ކަމަށް އިޒްރޭލު ސަރުކާރުން އިއްޔެ ބުނެފި އެވެ.

އިޒްރޭލުގެ ދިފާއީ ވުޒާރާ ޔޯއާވް ގަލާންޓް ވިދާޅުވި ގޮތުގައި އިޒްރޭލާއި ލުބްނާން ގުޅޭ އިމުގެ ކައިރީގައި އަމާން ސަރަހައްދެއް ގާއިމުކުރަން ހިޒްބުﷲ ތައްޔާރަށް އޮތް ނަމަ، ހިޒްބުﷲއާ އެކުގައި އެއްބަސްވުމެއް ހެދުމަށް އިޒްރޭލު އޮތީ ތައްޔާރަށެވެ. ހިޒްބުﷲއާ އެކުގައި ހަދާ އެއްބަސްވުމަކުން އިޒްރޭލަށް ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ނަމަ، އެފަދަ އެއްބަސްވުމެއް ހަދަން އިޒްރޭލު ފަހަކަށް ނުޖެހޭނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިޒްރޭލާއި ލުބްނާން ގުޅޭ ސަރަހައްދީ އިމުން ފެށިގެން ލުބްނާންގެ ތެރޭގައި ގާއިމުކުރާ އަމާން ސަރަހައްދަކީ، ލުބްނާންގެ ތެރެއިން އިޒްރޭލަށް އިތުރު ހަމަލާއެއް ނުދޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ގާއިމުކުރަން ބޭނުންވާ ސަރަހައްދެކެވެ.

އިޒްރޭލުގެ ސަރުކާރުގައި ހިމެނޭ، ވަކި މިނިސްޓްރީއެއް ނެތް ވަޒީރެއް ކަމަށްވާ ބެނީ ގާންޓްޒް ވިދާޅުވި ގޮތުގައި ލުބްނާންގެ ތެރެއިން އިޒްރޭލަށް ދޭ ހަމަލާތައް ހުއްޓުވުމާ ބެހޭ ގޮތުން އެމެރިކާއާ އެކުގައި މިހާރު ވަނީ މަޝްވަރާ ކުރެވިފަ އެވެ. އަދި ހިޒްބުﷲ އިން އިޒްރޭލަށް ދޭ ހަމަލާތައް ލުބްނާން ސަރުކާރުން ހުއްޓުވައިދިނުމަށް ބައިނަލްއަގުވާމީ މުޖްތަމައުން މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިޒްބުﷲ އިން އިޒްރޭލަށް ހަމަލާ ނުދެވޭނެ ފަދަ އެއްބަސްވުމެއް ހަދަން އިޒްރޭލުން މަސައްކަތް ކުރާ އިރު، އިޒްރޭލު މިހާރު ވެސް އޮތީ ލުބްނާންގެ ބިމުން ބައެއް ފޭރިގަނެ އަމިއްލަ ކޮށްލައިގެންނެވެ. ލުބްނާންގެ ދެކުނުގައި އޮންނަ ޝިބްއާގެ ދަނޑުބިންތައް ހިފައި، އެ ތަނުގައި އިޒްރޭލު ސިފައިން ގާއިމުވެ ތިބޭތާ އެތައް އަހަރެއް ވެފައިވާ އިރު، އިޒްރޭލު ސިފައިންނާ ދެކޮޅަށް ލުބްނާންގެ ތެރެއިން އެންމެ ވަރުގަދަ އަށް ހަމަލާ ދެނީ، އީރާންގެ މަދަދު ލިބޭ ހިޒްބުﷲގެ ހަނގުރާމަވެރިންނެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ފަލަސްތީނުގެ ޣައްޒާގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ ފެށުމާ އެކު، ހިޒްބުﷲ އިން ވެސް ވަނީ ސަރަހައްދީ ރޮނގު ހުރަސްކޮށް އިޒްރޭލުގެ ތެރެއަށް ދޭ ހަމަލާތައް އިތުރުކޮށްފަ އެވެ. އެ ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ ހަ މީހަކާއި އާންމުންގެ ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

ރައްދުގައި އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި، އޮކްޓޫބަރު 7 ން ފެށިގެން މިއަދާ ހަމައަށް، ލުބްނާންގެ ތެރެއިން 120 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ލުބްނާންގެ ދެކުނު ސަރަހައްދުގައި ދިރިއުޅޭ އާންމުންގެ 17 މީހަކު ހިމެނޭ އިރު، ޝަހީދުވި ގިނަ މީހުންނަކީ ހިޒްބުﷲގެ ހަނގުރާމަވެރިންނެވެ. އިޒްރޭލުން އިއްޔެ ދިން ހަމަލާތަކުގައި ލުބްނާން ސިފައިންގެ އެކަކު ޝަހީދުވެ އިތުރު ސިފައިންތަކެއް ޒަޚަމްވި އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލު ސިފައިން ޣައްޒާއާ ދެކޮޅަށް ފެށި ހަނގުރާމަ އަށް މިއަދަށް 67 ދުވަސް ވީއިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު ވަނީ 18300 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރޭގައި 7900 އަށް ވުރެ ގިނަ ކުޑަކުދިންނާއި 5200 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.

އަދި ޒަޚަމްވި މީހުންގެ އަދަދު 49700 އަށް ވުރެ މަތިވެފައިވާ އިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެ ނުވަތަ ހަމަލާތަކުގައި ހަށިގަނޑު ކުދިކުދިވުމުގެ ސަބަބުން، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ އަދަދު ވެސް މިހާރު ވަނީ 8900 އަށް ވުރެ މަތިވެފަ އެވެ.

އިޒްރޭލުން ޣައްޒާއާ ދެކޮޅަށް، އޮކްޓޫބަރު 7، 2023 ގައި ހަނގުރާމަ އިއުލާން ކުރީ، ހަމާސް ޖަމާއަތުގެ ހަނގުރާމަވެރިން އެއްގަމާއި ކަނޑާއި ވައިގެ މަގުން، ޔަހޫދީ އާބާދީތަކަށް އެ ދުވަހު އަރައިގަނެ ދިން ހަމަލާތަކުގައި 1200އެއްހާ މީހުން މަރައިލުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އިޒްރޭލުން ބުނާ ގޮތުގައި "އެކަތައިގެ ކަނޑިތައް" ނަމުގައި ފެށި ހަނގުރާމައިގެ އަމާޒަކީ ހަމާސް ޖަމާއަތް ނައްތައިލުމެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލުގެ ޔަހޫދީ އާބާދީތަކަށް އަރައިގަނެ ދިން ހަމަލާތަކުގައި ރަހީނުކުރި 240 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އިޒްރޭލު ސިފައިންނާއި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރުމަށް ފަހު ރިޒާވް ލަޝްކަރާ ގުޅިފައިވާ 137 މީހުން އަދިވެސް ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.