Roadha Mihaaru
ވިހެއުމުން ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފި

ވިހެއުމުން ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފި

07 މާޗް 2019

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ، ހަ މަސް ދުވަށް މިއަދުން ފެށިގެން ސަރުކާރުން އިތުރުކޮށްދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ، ހަ މަސް ދުވަށް މިއަދުން ފެށިގެން ސަރުކާރުން އިތުރުކޮށްދީފި އެވެ.

އެކަން އިއުލާން ކޮށްދެއްވީ، މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރަން ކ. މާފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނު ވިދާޅުވީ ވިހެއުމުން އަންހެނުންނަށް މުސާރައާ އެކު ހަ މަސް ދުވަހުގެ ޗުއްޓީ މިއަދުން ފެށިގެން ލިބޭނެ ކަމަށެވެ.

ވިހެއުމާ ގުޅިގެން މިހާރު ލިބެނީ ތިން މަހުގެ މެޓާނިޓީ ލީވެކެވެ. ފިރިންނަށް ޗުއްޓީގެ ގޮތުގައި މިހާތަނަށް ލިބެނީ އެންމެ ތިން ދުވަސް ކަމަށް ވީ ނަމަވެސް މިއަދުން ފެށިގެން އެ މުއްދަތު ވެސް ވަނީ އެއް މަހަށް އިތުރުކޮށްދީފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޓުވީޓު

މެޓާނިޓީ ލީވްގެ މުއްދަތުގެ އިތުރުކުރުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ހަމަޖައްސާފައިވާ ކަމެކެވެ.

ސިވިލް ސާވިސްގައި މިހާރު 13،000 އަށް ވުރެ ގިނަ އަންހެނުން މަސައްކަތް ކުރެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި ހައްގު މަގާމަށް އެ މީހުން ގެންގޮސް ދިނުމަކީ އެންމެންގެ ވާޖިބެއް ކަމަށެވެ. އަދި އަންހެނުންގެ ހާލަތު، އެ އަށް ވުރެ މަތީ މަރުހަލާ އަކަށް ގެންދެވޭނީ އަންހެނުން ބާރުވެރިކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.