Roadha Mihaaru
އަބީޝެކް ވެސް ކޮވިޑް-19 އިން ރަނގަޅުވެއްޖެ

އަބީޝެކް ބައްޗަން ވެސް ކޮވިޑް-19 އިން ރަނގަޅުވެއްޖެ

08 އޯގަސްޓް 2020

މިދިޔަ މަހުން ފެށިގެން ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަން މިއަދު ބައްޔަށް ނެގަޓިވްވެ، ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ މަހުން ފެށިގެން ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ ބޮލީވުޑްގެ އެކްޓަރު އަބީޝެކް ބައްޗަން މިއަދު ބައްޔަށް ނެގަޓިވްވެ، ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އަަބީޝެކް ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މުމްބާއީގެ ނަނަވާތީ ހޮސްޕިޓަލްގައި ފަރުވާ ހޯދަން ފެށީ މިދިޔަ މަހުގެ 11 ގަ އެވެ. އެ ދުވަހު އޭނާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު އަމީތާބް ބައްޗަން ވެސް ބައްޔަށް ޕޮޒިޓިވްވެގެން ހަމަ އެ ހޮސްޕިޓަލްގައި އެޓްމިޓްކުރި އެވެ. އަމީތާބް ބަލިން ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.

އަބީޝެކާއި އަމީތާބްގެ އިތުރުން އަބީޝެކްގެ އަންހެނުން އައިޝްވާރިޔާ ރާއީ އާއި 8 އަހަރުގެ ދަރިފުޅު އަރާދިއާ ބައްޗަނަށް ވެސް ކޮވިޑް-19 ޖެހި ފަރުވާ ދީފައިވެ އެވެ. އެ ދެމައިން ބައްޔަށް ޕޮޒިޓްވީ މިދިޔަ މަހުގެ 12 ގަ އެވެ. އަދި ނަނަވާތީގައި ފަރުވާ ދިނުމަށް ފަހު، ރަނގަޅުވެގެން ދޫކޮށްލީ މިދިޔަ މަހުގެ 27 ގަ އެވެ.

ފަރުވާ ދިން މީހުންނާއި ހެޔޮ ދުއާކޮށް ދިން އެންމެންނަށް އަބީޝެކް ޓްވިޓާގައި ޝުކުރު އަދާކޮށްފައިވާ އިރު އަމީތާބް ވެސް ވަނީ އަބީޝެކް ބަލިން ރަނގަޅުވުމުގެ އުފާ ޓްވިޓާގައި ފާޅުކޮށްފަ އެވެ.

ބައްޗަން އާއިލާގެ ބަޔަކަށް ކޮވިޑް-19 ޖެހުނީ އަބީޝެކްގެ ފަރާތުން ކަމަށް ބެލެވެ އެވެ. ސަބަބަކީ އެމެޒޯން ޕްރައިމް ވީޑިއޯ އިން މިދިޔަ މަހުގެ 10 ވަނަ ދުވަހު ސްޓްރީމްކުރި އޭނާގެ ފުރަތަމަ ވެބް ސީރީޒް "ބްރީތު: އިން ޓު ދަ ޝެޑޯޒް" ގެ ޑަބިން އަށް ބޭރުތެރެއަށް ނުކުމެ، ސްޓޫޑިއޯގައި ވެސް ގިނަ ވަގުތު އުޅެފައިވުމެވެ. އަބީޝެކް ޕޮޒިޓިވްވުމާ ގުޅިގެން އޭރު އޭނާއާ އެކު ޑަބިންގައި މަސައްކަތްކުރި އެހެން ފަންނާނުން ވެސް ކޮވިޑަށް ޓެސްޓްކުރި އެވެ. އޭގެ ތެރޭގައި އެކްޓަރު އަމިތު ސާދު ވެސް ހިމެނެ އެވެ. އެކަމަކު އެންމެންގެ ނަތީޖާ ވެސް ދެއްކީ ނެގަޓިވްކޮށެވެ.

އިންޑިއާ އަކީ މިހާރު ކޮވިޑްގެ ހާލަތު އެންމެ ގޯސް ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ ދެ މިލިއަނަށް ވުރެ ގިނަ އެވެ.