Roadha Mihaaru
ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް

ކިމް އާއި ޓެނިސް ތަރި ލިއަންޑާ ކައިވެންޏާ ދިމާއަށް

08 ޑިސެމްބަރ 2021

ބޮލީވުޑްގެ ކުރީގެ ބަތަލާ ކިމް ޝަރުމާ އާއި އިންޑިއާގެ ޓެނިސް ތަރި ލިއަންޑާ ޕައެސްގެ ގުޅުން މިހާރު ވަރަށް ސީރިއަސް ކަމަށާއި އެ މީހުން މިހާރު ކައިވެންޏާ ދޭތެރޭ ވެސް ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ކުރީގެ ބަތަލާ ކިމް ޝަރުމާ އާއި އިންޑިއާގެ ޓެނިސް ތަރި ލިއަންޑާ ޕައެސްގެ ގުޅުން މިހާރު ވަރަށް ސީރިއަސް ކަމަށާއި އެ މީހުން މިހާރު ކައިވެންޏާ ދޭތެރޭ ވެސް ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ދެ މީހުންގެ ގުޅުމުގެ ވާހަކަ މިހާރު ސިއްރެއް ވެސް ނޫނެވެ. އެކީގައި ނަގާފައިވާ ފޮޓޯތައް ކިމް އާއި ލިއަންޑާ ވެސް އިންސްޓަގްރާމްގައި ޕޯސްޓްކޮށް ހަދަ އެވެ. ދެ މީހުންނަކީ ވެސް ކުރީގެ ކައިވެނިތައް ރޫޅިފައިވާ ބައެކެވެ.

ދެހާސް ވަނަ އަހަރުގެ ކާމިޔާބު ފިލްމު "މުހައްބަތޭން" ގެ ރޯލެއް ކުޅުނު ކިމް، 41، ކުރިން ކައިވެނިކުރީ ކެންޔާގެ ވިޔަފާރިވެރިއެއް ކަމަށްވާ އަލީ ޕުޖާނީ، 48، އާ އެވެ. މީގެ 10 އަހަރު ކުރިން ކުރި އެ ކައިވެނި ރޫޅުނީ 2016 ގަ އެވެ.

އަލީއާ ވަކިވި ފަހުން ވެސް ކިމް އެކި މީހުންނާ ލޯބީގެ ގުޅުންތަކެއް ބޭއްވި އެވެ. އެގޮތުން ލިއަންޑާއާ ރައްޓެހިވުމުގެ ކުރިން އޭނާ ދުވަސްތަކެއް ވަންދެން އެކްޓަރު ހާޝްވަރުދަން ރާނޭއާ ރައްޓެހިވެގެން އުޅުނެވެ. ހާޝް، 37، އަކީ "ހަސީން ދިލްރުބާ" އާއި "ސަނަމް ތޭރީ ގަސަމް" ފަދަ ފިލްމުތަކުގެ ބަތަލެވެ.

"މުހައްބަތޭން" އިން އެކްޓިން ނުކުމެ ކިމް ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "ތުމް ސެ އައްޗާ ކޯން ހޭ"، "ފިދާ" އަދި "މަނީ ތޯ ހޭ ހަނީ ހޭ" ހިމެނެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ 2010 ގެ ތެލެގޫ ފިލްމު "ޔަގަމް" އެވެ.

ކިމްގެ މިހާރުގެ ބައިވެރިޔާ ލިއަންޑާ، 48، އަކީ ކުރީގެ ކައިވެންޏަށް 15 އަހަރުގެ އަންހެން ދަރިޔަކު ވެސް ހުރި މީހެކެވެ. އޭނަގެ ކުރީގެ އަންހެނުންނަކީ އެކްޓަރު ސަންޖޭ ދަތާ ވެސް އިން މޮޑެލް ރިއާ ޕިއްލާއި އެވެ. ސަންޖޭ އާއި ރިއާ 1998 ގެ ކައިވެނި ރޫޅުނީ 2008 ގަ އެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ކިމް އާއި ލިއަންޑާގެ ކައިވެނި ވަރަށް އަވަހަށް އިއުލާން ވެސްކޮށްފާނެ އެވެ. ލިއަންޑާ އަކީ އިންޑިއާގައި އުފެދުނު އެންމެ ކާމިޔާބު ޓެނިސްކުޅުންތެރިންގެ ތެރެއިން އެކެކެވެ.