Roadha Mihaaru
އައިޝްވާރިއާ އާއި ދަރިފުޅު ކޮވިޑުން ރަނގަޅުވެއްޖެ

އައިޝްވާރިއާ އާއި ދަރިފުޅު ކޮވިޑް-19 އިން ރަނގަޅުވެއްޖެ

28 ޖުލައި 2020

ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ އާއި ދަރިފުޅު އަރާދިއާ ބައްޗަން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ފަހު ހޯމަ ދުވަހު ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ އާއި ދަރިފުޅު އަރާދިއާ ބައްޗަން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ފަހު ހޯމަ ދުވަހު ދޫކޮށްލައިފި އެވެ.

މުމްބާއީގެ ނަނަވަތީ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު ބައްޔަށް ނެގަޓިވްވެގެން ދެމައިން ދޫކޮށްލީ އިއްޔެގެ އިރާކޮޅު ވަގުތެއްގަ އެވެ. އައިޝްވާރިއާ އާއި 8 އަހަރުގެ ދަރިފުޅު ކޮވިޑް-19 އަށް މި މަހުގެ 12 ވަނަ ދުވަހު ޕޮޒިޓިވްވެ، ހޮސްޕިޓަލްފައި އެޑްމިޓްކުރީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

އެ ދެމައިން ބައްޔަށް ނެގަޓިވްވެ، ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އައިޝްވާރިއާގެ ފިރިމީހާ އަބީޝެކް ބައްޗަނާއި ބަފައިބެ އަމީތާބް ބައްޗަނަށް ނަނަވާތީ ހޮސްޕިޓަލްގައި އަދިވެސް އަންނަނީ ކޮވިޑް-19 އަށް ފަރުވާ ދެމުންނެވެ. އެ ދެ މީހުން އެޑްމިޓްކުރީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

އަބީޝެކް ވަނީ ދެބަފައިންގެ ފަރުވާ އަދިވެސް ކުރިއަށްދާ އިރު، އަންހެނުންނާއި ދަރިފުޅު ނެގަޓިވްވެގެން ހޮސްޕިޓަލުން ދޫކޮށްލި ވާހަކަ ޓްވީޓް ވެސްކޮށްފަ އެވެ.

ބައްޗަން އާއިލާވެގެން ދިޔައީ ބޮލީވުޑްގެ އޭ-ލިސްޓް ތަރިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރަށެވެ. މިކަމާ ގުޅިގެން އެ މީހުން ދިރިއުޅެމުން އަންނަ ގެ ޖަލްސާ ހުރި ސަރަހައްދު ކޮންޓައިމަންޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި، ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވެ އެވެ. ނަމަވެސް ހޯމަ ދުވަހު ވަނީ ޖަލްސާ އަށް އެޅި ފިޔަވަޅުތައް ނަގައިފަ އެވެ.