Roadha Mihaaru
ތުރުކީ ކްލަބްގެ ކޯޗުކަމުން ޕިރްލޯ ވަކިކޮށްފި

ތުރުކީ ކްލަބްގެ ކޯޗުކަމުން ޕިރްލޯ ވަކިކޮށްފި

27 މެއި 2023

އަންދްރޭ ޕިރްލޯ ކޯޗުކޮށްދެމުން އައި ތުރުކީގެ ސުޕަ ލީގު ކްލަބް ފެޓީހް ކަރަގުމްރުކްގެ ނަތީޖާތައް ދަށްވެ، އޭނާ މަގާމުން ވަކިކޮށްފި އެވެ.

އަލީ ޝަހީމް އަލީ ޝަހީމް

އަންދްރޭ ޕިރްލޯ ކޯޗުކޮށްދެމުން އައި ތުރުކީގެ ސުޕަ ލީގު ކްލަބް ފެޓީހް ކަރަގުމްރުކްގެ ނަތީޖާތައް ދަށްވެ، އޭނާ މަގާމުން ވަކިކޮށްފި އެވެ.

ކޯޗިންގައި އާ ތަޖުރިބާއެއް ކުރުމަށް އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ޕިރްލޯ، 44، ތުރުކީގެ ކްލަބަށް ބަދަލުވީ މިދިޔަ އޮގަސްޓް މަހު އެވެ. އޭގެކުރިން ޕިރްލޯ ކޯޗުކޮށްދިނީ ޔުވެންޓަސް އަށެވެ. އެކަމަކު އެ ޓީމުގެ ނަތީޖާތައް ދަށްވުމުން 2021 ވަނަ އަހަރު މަގާމުން ވަކިކުރި އެވެ.

ޕިރްލޯ މަގާމުން ވަކިކުރިއިރު ލީގުގައި ބާކީ އޮތީ ތިން މެޗެވެ. 19 ޓީމު ވާދަކުރާ ލީގުގައި ކަރަގުމްރުކް އޮތީ ނުވަ ވަނައިގަ އެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން އެޓީމު މޮޅުވީ އެއް މެޗުންނެވެ. ތިން މެޗުން ބަލިވިއިރު އެއް މެޗު އެއްވަރުވި އެވެ.

"ޕިރްލޯއާ އެކީ އަންނަ ސީޒަނުގައި ކުރިއަށް ނުދާން ނިންމައި ކްލަބް ދޫކޮށްލުމުގެ ފުރުސަތު ޕިރްލޯ އަށް ދިނީ. އެއީ ޕިރްލޯ އަށް ވެސް އެހެން ފުރުސަތެއް ހޯދަން ފަސޭހައަކަށް ކުރި ކަމެއް،" ސޯޝަލް މީޑިއާގައި ކަރަގުމްރުކް އިން ބުދަ ދުވަހު ކުރި ޕޯސްޓުގައި ބުނެފައި ވެ އެވެ.

ކޯޗިންގައި ޕިރްލޯ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުއިރު، ކުޅުންތެރިއެއްގެ ގޮތުގައި ޕިިރްލޯ އަކީ މި ޖީލު ދުށް އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. ޕިރްލޯ ވަނީ އޭސީ މިލާން އާއި ޔުވެންޓަސް އަށް ކުޅެ ދެ ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ހަ ފަހަރު އިޓާލިއަން ލީގު ކާމިޔާބު ކޮށްފަ އެވެ. އަދި، 2006 ވަނަ އަހަރު އިޓަލީއާ އެކު ޕިރްލޯ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި އެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ޔުވެންޓަސްގެ ކޯޗުކަމާ ޕިރްލޯ ހަވާލުވީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ. އެ ފަހަރު ޔުވެންޓަސް އަށް އިޓާލިއަން ކަޕް ޕިރްލޯ ކާމިޔާބު ކޮށްދިނެވެ.

ޕިރްލޯ ޔުވެންޓަސްގެ ކޯޗުކަމުން ވަކިކުރީ އެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން ކެޓުމާއި ލީގުގެ ހަތަރު ވަނަ އަށް ޔުވެންޓަސް ވެއްޓުމުންނެވެ.