Roadha Mihaaru
ފްރޮންޓްލައިން މުވައްޒަފުންނަށް 13.4 މިލިއަން ދީފި

ކޮވިޑް-19: ފްރޮންޓްލައިން މުވައްޒަފުންނަށް 13.4 މިލިއަން ރުފިޔާ ދީފި

09 އޯގަސްޓް 2020

ކޮވިޑް-19 އިން އާންމުން ރައްކާތެރިކޮށް، އެ ބަލި ކޮންޓްރޯލް ކުރުމާއި އެހީތެރިވުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދޭ ހާއްސަ އެލަވަންސްގެ ގޮތުގައި މިހާތަނަށް 13.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19 އިން އާންމުން ރައްކާތެރިކޮށް، އެ ބަލި ކޮންޓްރޯލް ކުރުމާއި އެހީތެރިވުމަށް އިސް ސަފުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ދޭ ހާއްސަ އެލަވަންސްގެ ގޮތުގައި މިހާތަނަށް 13.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި އިތުރު 825 މީހަކަށް 10.4 މިލިއަން ރުފިޔާ މިއަދު ދީފައިވާ ކަމަށެވެ. އެއާއެކު ފްރޮންޓްލައިން އެލަވަންސްގެ ގޮތުގައި ޖުމުލަ 1045 މީހަކަށް 13.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަމީރު ކުރެއްވި ޓްވީޓް-

ފްރޮންޓްލައިން އެލަވަންސް ދޭން ޖެހޭ އެހެން މުވައްޒަފުންނަށް އެ ފައިސާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

މިއީ ރާއްޖެ އިން ކޮވިޑް-19 މިދިޔަ މާޗު 7 ގައި ފެނުނު ފަހުން ޖޫން މަހުގެ ނިޔަލަށް ލިބެންޖެހޭ ފައިސާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވަން ކުރާ މަސައްކަތުގެ އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން މިދިޔަ އެޕްރީލް މަހު ނިންމި އެވެ. އެ އެލަވަންސް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. ފުރަތަމަ ކެޓަގަރީ އަކީ ހައި ރިސްކް ކެޓަގަރީ އެވެ. އޭގެ ތެރޭގައި ހިމެނޭނީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަންޖެހޭ މީހުންނެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނާއި ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވާ މީހުންނާއި ލެބޯރެޓަރީ އަދި ބަލި މީހުން އުފުލާ އުޅަނދުތަކުގައި މަސައްކަތްކުރާ މީހުންނެވެ. ބަލި މީހުން އެޑްމިޓް ކޮށްފައިވާ ތަންތަނަށް ވަންނަން ޖެހޭ މީހުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ފިނޭންސް މިނިސްޓްރީން ކުރި ޓްވީޓް

އެ ކެޓަގަރީ އަށް އެލަވަންސްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 500ރ. އެވެ. މީޑިއަމް ރިސްކް ހިމެނެނީ ދެ ވަނަ ކެޓަގަރީގަ އެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ސީދާ ގޮތެއްގައި މުއާމަލާތް ކުރަން ނުޖެހުނަސް، އެގޮތަށް މަސައްކަތް ކުރާ މީހުންނާ އެކުގައި މަސަައްކަތް ކުރަން ޖެހޭ މީހުންނެވެ. އެ މީހުންނަށް އެލަވަންސެއްގެ ގޮތުގައި ދޭނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަަހަކަށް 250ރ. އެވެ.

ތިން ވަނަ ކެޓަރީއަކީ ކުރީގެ ދެ ކެޓަގަރީ އަށް ނުފެތޭ މީހުންގެ ތެރެއިން، ކޮވިޑް-19 ގެ މަސައްކަތްތައް ކުރަން އޭރު އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ދުވާލަކު ހަ ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތް ކުރާ މީހުންނެވެ. އެ މީހުންނަށް ދޭނީ މަަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 200ރ. އެވެ.

ކޮވިޑް-19 އާ ދެކޮޅަށް ކުރަމުން އައި މަސައްކަތްތައް އާ މަރުހަލާއަކަށް ގެންގޮސް، އެންއީއޯސީ އުވާލައި، ހެލްތު މިނިސްޓްރީގެ ދަށަށް ވަނީ އެ ޒިންމާތއް ބަދަލުކޮށްފަ އެވެ. މިހާރު ކޮވިޑާ ދެކޮޅަށް މަސައްކަތް ކުރަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިންނެވެ.