Roadha Mihaaru
މުސާރަ ދީފައި އާސެނަލުން އޮޒިލް ދޫކޮށްލަނީ

18 މިލިއަން ޕައުންޑް ދީފައި އާސެނަލުން އޮޒިލް ދޫކޮށްލަނީ

10 އޯގަސްޓް 2020

ލަންޑަން (އޮގަސްޓް 10) - މެސުތު އޮޒިލްގެ ކޮންޓްރެކްޓްގައިވާ ގޮތަށް ބާކީ ހުރި މުސާރަ ދިނުމަށް ފަހު އޭނާ ދޫކޮށްލަން އާސެނަލުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ލަންޑަން (އޮގަސްޓް 10) - މެސުތު އޮޒިލްގެ ކޮންޓްރެކްޓްގައިވާ ގޮތަށް ބާކީ ހުރި މުސާރަ ދިނުމަށް ފަހު އޭނާ ދޫކޮށްލަން އާސެނަލުން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިކޭލް އާޓެޓާގެ ކޯޗުކަމުގައި އަންނަ ސީޒަނަށް އާސެނަލުން ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، އޭގެ ތެރެއިން އެ ޓީމަށް ކުޅޭ ބައެއް ކުޅުންތެރިން ވިއްކާލުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އެ ގޮތުން އެ ޓީމުން ވިއްކާލަން މަސައްކަތްކުރާ އެއް ކުޅުންތެރިއަކީ ބޮޑު މުސާރައެއްގައި ހުރި ޖަރުމަނުގެ ތަރި އޮޒިލް އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން އާސެނަލްގެ ބޯޑާ އެކު އާޓެޓާ ބޭއްވި މަޝްވަރާތަކަށް ފަހު ހުށަހަޅާފައިވަނީ އެ ޓީމުން ކޮންމެ ގޮތެއް ހެދުމަށް ފަހު ނަމަވެސް އޮޒިލް ދޫކޮށްލުމަށެވެ. އެ ގޮތުން އާސެނަލް ބޯޑުން އޮޒިލްގެ އޭޖެންޓަށް ދެ ގޮތެއް ހުށަހަޅާފައިވެ އެވެ. ފުރަތަމަ ގޮތަކީ ލޯން އެއްބަސްވުމެއްގައި ވިޔަސް އެހެން ޓީމަކަށް ބަދަލުވުމެވެ. އެ ގޮތަށް ބަދަލުވެއްޖެނަމަ އޮޒިލް އަށް ދެމުން އަންނަ މުސާރަ ކަމަށް ހަފްތާ އަކު 350،000 ޕައުންޑްގެ ދެ ބައި ކުޅަ އެއްބައި ދޭން ވެސް އާސެނަލް އޮތީ ތައްޔާރަށެވެ. ދެ ވަނަ ހުށަހެޅުމަކީ އޮޒިލްގެ ކޮންޓްރެކްޓްގައި ބާކީ އޮތް އަހަރަށްވާ މުސާރަ 18 މިލިއަން ޕައުންޑް (23 މިލިއަން ޑޮލަރު) ދިނުމަށް ފަހު އޮޒިލް ދޫކޮށްލުމެވެ. ވާހަކަ ދެކެވެނީ ދެ އަހަރަށް ބަހާލައިގެން 18 މިލިއަން ޕައުންޑް އޮޒިލް އަށް ދިނުމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮންމެ ގޮތެއް ހަދާފައި ވިޔަސް އޮޒިލް ދޫކޮށްލަން އާޓެޓާ ނިންމި އެންމެ ބޮޑު ސަބަބަކީ އޮޒިލްގެ ސަބަބުން ކްލަބްގެ މަސްލަހަތަށް ގޯސް އަސަރުތަކެއް ކުރުމެވެ. މީޑިއާގައި އާސެނަލްގެ މެޗުތަކުގެ ވާހަކަތަކަށް ވުރެން އޮޒިލްގެ ވާހަކަ ގިނައިން ދެކެވޭތީ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން އާޓެޓާ ވަނީ އެ ކަމަށް ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ކޮވިޑް-19ގެ މެދުކެނޑުމަށް ފަހު އަލުން ޖޫން މަހު ފުޓްބޯޅަ ފެށި ފަހުން އާސެނަލް ކުޅުނު އެއްވެސް މެޗެއްގައި އޮޒިލް ބޭނުމެއް ނުކުރެ އެވެ. އާސެނަލުން ވަނީ ޗެލްސީ ބަލިކުރުމަށް ފަހު އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އާސެނަލުން އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރަން ގިނަ ކުޅުންތެރިންތަކަކާ އަންނަނީ މަޝްވަރާ ކުރަމުންނެވެ. އެގޮތުން ޗެލްސީ ދޫކޮށްލަން ނިންމާފައިވާ ވިލިއަން އާއި ލޯން އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ ފިލިއްޕޭ ކުޓީނިއޯގެ އިތުރުން އެތުލެޓިކޯ މިޑްފީލްޑަރު ޕާޓޭ އަދި ލިލްގެ ޑިފެންޑަރު މާކަސް މަގަޅާއެސް އަކީ އާސެނަލުން ފާރަލަމުން އަންނަ ކުޅުންތެރިންނެވެ.

ރިޕޯޓްތައް ބުނާގޮތުން އާސެނަލުން ވިއްކާލަން ނިންމާފައިވާ ކުޅުންތެރިންގެ ތެރޭގައި އޮޒިލްގެ އިތުރުން ހިމެނެނީ މަޓެއޯ ގެންޑޫޒީ އާއި ސޮކްރަޓިސް ޕަޕަސްތޮޕަލަސް ހިމެނެ އެވެ.