Roadha Mihaaru

މައުމޫންގެ ވަކީލު ސުއޫދު ހައި ކޯޓަށް ހާޒިރުވާން އަންގައިފި

ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސްނުއްސުއޫދު މާދަމާ ހައި ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ސުއޫދު ހައި ކޯޓަށް ހާޒިރުވާން އަންގައިފި
އަލީ ނާފިޒް
އަލީ ނާފިޒް

24 އޮކްޓޯބަރ 2016

ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސްނުއްސުއޫދު މާދަމާ ހައި ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

ސުއޫދު ދެންމެއަކު "މިހާރު" އަށް ވިދާޅުވި ގޮތުގައި މާދަމާ ހެނދުނު 10:00 ގައި ހައި ކޯޓަށް ހާޒިރުވާން އެ ކޯޓުން ވަނީ ޗިޓެއް ފޮނުވާފަ އެވެ. އެކަމަކު، ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެންކަން އެނގެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ކޯޓުގެ ބަހެއް އަދި ނުލިބެ އެވެ.

އެކަމަކު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި ސުއޫދު ހާޒިރު ކުރަނީ ހައި ކޯޓުން މައްސަލަތައް ކުރިއަށް ގެންދާ އުސޫލުތަކާ މެދު ސުއޫދު ފާޑު ވިދާޅުވެފައިވާތީ އެވެ.

ބަންޑާރަ ނައިބުކަން ވެސް ކުރިން ކުރައްވާފައިވާ ސުއޫދު މިހާރު ހަރަކާތްތެރިވެވަޑައިގަންނަވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ މައްސަލައިގައި އެ ޕާޓީގެ ރައީސް މައުމޫންގެ ވަކީލުންގެ ޓީމުގަ އެވެ. އެ ގޮތުން، މައުމޫން ޕާޓީގެ ރައީސްކަމުން ދުރުކުރަން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި މައުމޫންގެ ފަރާތްޕުޅުން ސުއޫދު ވަކާލާތުކުރެއްވި އެވެ. އެ މައްސަލަ މައުމޫނާ ދެކޮޅަށް ސިވިލް ކޯޓުން ނިންމުމުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގައި ވެސް މައުމޫން ތަމްސީލު ކުރެއްވި ވަކީލުންގެ ޓީމުގައި ސުއޫދު ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.

ހައި ކޯޓުން ވެސް އިއްޔެ ހުކުމް ކުރީ، ޕީޕީއެމްގައި ކުރީގެ ރައީސް މައުމޫން އަދާކުރައްވާ ޒިންމާތައް އެ ޕާޓީގެ މުސްތަޝާރާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށެވެ.

ސިވިލް ކޯޓާއި ހައި ކޯޓުގައި ހިންގި ޝަރީއަތުގައި މައުމޫން ދިފާއު ކުރެއްވުމުގެ އިތުރަށް، ސުއޫދު ވަނީ މީޑިއާގައި ވެސް މައުމޫނާ އެއްކޮޅަށް ވަކާލާތު ކުރައްވައި، ކޯޓަށް ވެސް ކޮންމެވެސް ވަރަކަށް ފާޑު ވިދާޅުވެފަ އެވެ. އެ ގޮތުން، މައުމޫނަށް ނޭނގި، ދަށު ކޯޓަށް މައްސަލަ ހުށަހެޅި ރައީސް ޔާމީންގެ ފެކްޝަންގެ މީހަކު މައްސަލަ އިސްތިއުނާފްކޮށްފައި ވާތީ، އެ މައްސަލަ ކޯޓުން ބޭރުކުރަން ޖެހޭނެ ކަމަށާއި އެފަދަ ކަންކަމަށް ކޯޓުތަކުން ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި ސިވިލް ކޯޓުން ކުރި ހުކުމަކީ ރައީސް ޔާމީނަށް ދިން "ހަދިޔާއެއް"ގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފަ އެވެ.

ސުޕްރީމް ކޯޓުގައި ކުރިން ހިންގި މައްސަލައަކުން ސުއޫދު ސަސްޕެންޑް ވެސް ކޮށްފައިވެ އެވެ. އެއީ މިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ ބާތިލްކޮށް ދިނުމަށް އެދި އެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިލެކްޝަންސް ކޮމިޝަން ތަމްސީލު ކުރައްވަން ވަޑައިގަތުމުންނެވެ.