Roadha Mihaaru
ލޯނާއި އެހީގެ ގޮތުގައި 520 މިލިއަން ޑޮލަރު ލިބޭނެ

ލޯނާއި އެހީގެ ގޮތުގައި 520 މިލިއަން ޑޮލަރު ހަމަޖެހިއްޖެ: އަމީރު

07 އޮކްޓޯބަރ 2020

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި މާލީ ދަތިކަން ހައްލުކުރަން ލޯނާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 520 މިލިޔަން ޑޮލަރު ހަމަޖެހިފައިވާ ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖެއަށް ކުރިމަތިވި މާލީ ދަތިކަން ހައްލުކުރަން ލޯނާއި ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ގާތްގަނޑަކަށް 520 މިލިޔަން ޑޮލަރު ހަމަޖެހިފައިވާ ކަަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ލޯނާއި އެހީގެ ގޮތުގައި ގާތްގަނޑަކަށް 520 މިލިޔަން ޑޮލަރު (8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު އޭގެ ތެރެއިން މިހާތަނަށް ލިބުނީ ކިހާވަރެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އަމީރު އެ ވިދާޅުވި 520 މިލިއަން ޑޮލަރުގެ ތެރެއިން 250 މިލިއަން ޑޮލަރަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް، އިންޑިއާ ސަރުކާރުން ބޮންޑު ގަންނަ ގޮތަށް ދިން 250 މިލިއަން ޑޮލަރުގެ ލޯނެވެ.

އަނެއް ބަޔަކީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)، އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކް، ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް، އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން، އައިއެމްއެފް، އައިޑީބީ، ޖައިކާ އަދި އޮޕިޑް އިން ދޭން ނިންމާފަައިވާ ލޯނާއި އެހީ އެވެ.

ހިލޭ އެހީގެ ގޮތުގައި އެންމެ ގިނަ ފައިސާ ދޭން ހަމަޖެހިފައި އޮތީ އެ ހިސާބުތަކުން އެނގޭ ގޮތުން، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުންނެވެ. އެ ބޭންކުން ރާއްޖެއަށް 50 މިލިއަން ޑޮލަރު ދޫކުރާ އިރު އޭގެ ދެބައިކުޅަ އެއްބައި ހިލޭ އެހީގެ ގޮތުގައި ދޭން އޮތީ ހަމަޖެހިފަ އެވެ.

އެންމެ ލުއި ގޮތަކަށް ލޯނެއް ދޭން ހަމަޖެހިފައި އޮތީ އައިއެމްއެފުންނެވެ. އެ ބޭންކުން 28 މިލިޔަން ޑޮލަރު ދޫކުރަން ނިންމާފައި އޮތީ އިންޓަރެސްޓް ފްރީ ލޯނެއްގެ ގޮތުގަ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން ރާއްޖެ އާއި އެހެން ގައުމުތަކުން ފުރަތަމަ އެޅި ފިޔަވަޅުތަކާ އެކު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ ހުއްޓުމަކަށް އަ އެވެ. އެހެންވެ ރާއްޖެ އަށް މާލީ ގޮތުން ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ދަތިކަމުން އަރައިގަތުމަށް ގިނަ ގައުމުތަކަކާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ އެހީތެރިކަމަށް ރާއްޖޭން ވަނީ އެދިފަ އެވެ.