Roadha Mihaaru
ފައިސާ ޗާޕުކުރުމުގެ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި

ފައިސާ ޗާޕުކުރުމުގެ ހުއްދަ އެއް އަހަރަށް އިތުރުކޮށްފި

25 އެޕްރީލް 2021

އިތުރަށް ފައިސާ ޗާޕުކުރަން ނުވަތަ އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް އަމަލުކުރުން ހުއްޓާލާފައި އޮތް އޮތުން އެއް އަހަރުގެ މުއްދަތަކަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުއްދަ ދީފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިތުރަށް ފައިސާ ޗާޕުކުރަން ނުވަތަ އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯ ކުރުމުގެ ހުއްދަ ހޯދުމަށްޓަކައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ވަކި މާއްދާތަކަކަށް އަމަލުކުރުން ހުއްޓާލާފައި އޮތް އޮތުން އެއް އަހަރުގެ މުއްދަތަކަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ހުއްދަ ދީފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގުްތިސާދަށް ކުރިމަތިވި މައްސަލަތަކާ އެކު، އެ ހުއްދަ ފުރަަަތަމަ ދިނީ މިދިޔަ އަހަރު އެވެ. އޭރު ވެސް ހުއްދަ ދިނީ ޗާޕުކުރާ ފައިސާގެ އަދަދު ހަތަރު ބިލިއަނަށް ވުރެ ބޮޑުނުވާނެހެން އެއް އަަހަރު ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ މާދަމާއަށެވެ.

އެހެންވެ މުއްދަތު އިތުރުކޮށްދޭން އެދި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީއަކާ ގުޅިގެން މަޖިލީހުގެ ވަގުތީ ކޮމިޓީއަކުން އެ މައްސަލަ ބެލުމަށް ފަހު، އެކުލަވައިލި ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރީ އެކަމަށް ހާއްސަ ޖަލްސާއެއް ބާއްވައިގެންނެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) (ރ) އަދި (ބ) އަށް އަމަލުކުރުން އިތުރު އެއް އަހަރަށް ސަސްޕެންޑުކޮށް، ފައިސާ ޗާޕުކުރުމުގެ ހުއްދަ އެ މުއްދަތާ ހަމައަށް ދިނުމަށް މިއަދުގެ ޖަލްސާގައި ވޯޓު ދެއްވީ 44 މެމްބަރުންނެވެ. ނުފެންނަ ކަމަށް ހަތަރު މެމްބަރަކު ވޯޓު ދެއްވި އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ ހައްދަށް ވުރެ އިތުރަށް ފައިސާ ޗާޕްކުރުމަށް ޓަކައި އެ ގާނޫނުގެ ބައެއް ބައިތައް ސަސްޕެންޑްކޮށްފައި އޮތް އޮތުން އިތުރު އަހަރަކަށް ދަންމައިލަން އެދުނު އިރު އެގޮތަށް ކަންތައް ކުރަން ޖެހޭ ކަމަށް ސަރުކާރުން ގަބޫލުކުރާ ގިނަ ސަބަބުތަކެއް ފިނޭންސުން ދެއްކި އެވެ. އޭގެ އެއް ސަބަބަކީ ދައުލަތް ހިންގުމަށް ޓަކައި ހޯދަން ޖެހޭ އަދަދަށް ބައިނަލްއަގުވާާމީ މާލީ ބާޒާރުުން ހޯދަން މިއީ ރަނގަޅު ވަގުތަކަށް ނުވުން ކަމަށް ފިނޭންސުން ބުންޏެވެ.

މަޖިލީހުގައި ތަމްސީލުކުރާ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެމްބަރުންނާއި އަމިއްލަ މެމްބަރުން ވެސް ހިމެނޭ ގޮތަށްް އެކުލަވައިލި ވަގުތީ ކޮމިޓީއަކުން އެ މައްސަލަ ދިރާސާ ކުރި އިރު އެ ކޮމިޓީ އަށް ފިނޭންސުން މައުލޫމާތު ދީފައިވާ ގޮތުގައި ދުނިޔޭގެ މާލީ ބާޒާރުން ފައިސާ ހޯދުމަކީ އެކަމަށް ގިނަ އިދާރީ މަސަައްކަތްތަކެއް ކުރަން ޖެހޭ އަދި ވަގުތު ބޭނުންވާ ކަމެއް ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ލިބުނު ގެއްލުމާއި އެކު ބައިނަލް އަގުވާމީ އެޖެންސީތަކުންް ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފަ އެވެ. ފިނޭންސް މިނިސްޓްރީން މަޖިލީހަށް މައުލޫމާތު ދީފައިވާ ގޮތުގައި އެއީ ވެސް ބައިނަލް އަގުވާމީ މާލީ އިދާރާތަކުން ފައިސާ ހޯދަން ދަތިވި ސަބަބެކެވެ.

އެކަމަކު މި އަހަރުގެ ދެވަނަ ބައިގައި ރާއްޖޭގެ ތަސައްވުރު ރަނގަޅުވެ، ކްރެޑިޓް ރޭޓިން އަށް ހެޔޮ ބަލެއް އަންނާނެ ކަމަށް ވެސް ސަރުކާރުން ލަފާކުރެ އެވެ.

އޯވަޑްރޯކޮށްގެން ފައިސާ ނުނަގާ ނަަމަ ސަރުކާރުން ކުރަން ޖެހޭނެ ކަމަކީ ހަރަދުތައް ކުޑަކުރުމެވެ، މަޖިލީހަށް މައުލޫމާތު ދެމުން ފިނޭންސުން ބުނީ އިގުތިސާދީ ގޮތުން މިހާ ނުތަނަވަސް ވަގުތެއްގައި ހަރަދުތައް ކުއްލިއަކަށް ކުޑަކޮށްފި ނަމަ އެކަމުގެ ސަބަބުން އިގުތިސާދީ ރިކަވަރީ އަށް ބުރޫ އަރާނެ ކަމަށެވެ.

ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރާ ފައިސާ އަނބުރާ ދައްކަން ސަރުކާރުން ހުށަހަޅާފައި އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ ދައުލަތުގެ އާމްދަނީ ރަނގަޅުވާ ވަރަކުން އިންފްލޯތައް އަންނަަ ވަރަކުން އޮޓަމެޓިކުން އޯވަޑްރޯ ދަށްވަމުން ދާނެ އިންތިޒާމް ހަމަޖެއްސުމެވެ. ދެވަނަ ގޮތަކީ އޯވަޑްރޯކުރާ ފައިސާ އަކީ ދިގުމުއްދަތުގައި އަނބުރާ ދައްކާ ބޮންޑަށް ބަދަލުކުރުމެވެ.