Roadha Mihaaru
ނައިފަރުން ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ނައިފަރު ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

12 އޯގަސްޓް 2020

ޅ. ނައިފަރުގެ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ޅ. ނައިފަރުގެ ބޯޓެއްގެ ފަޅުވެރިއަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

ނައިފަރުގެ ކައުންސިލް މެމްބަރު މުހައްމަދު ކާރިމް "މިހާރު" އަށް ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވީ ނައިފަރުން މާލެ އަށް މުދަލާއި ފަސިންޖަރުނާ އެކު ދަތުރުކުރާ "މެގައާރު" ބޯޓުގެ ބަންގްލަދޭޝް ފަޅުވެރިއެއް ކަމަށެވެ. އެ ބޯޓު އެ ރަށަށް އެންމެ ފަހުން ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެ މީހާ ކޮވިޑަށް ޓެސްޓު ކުރީ ހުމުގެ އަލާމާތްތަކެއް ފެނުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނައިފަރު މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

"އެ މީހާގެ ކޮވިޑަށް ޓެސްޓުކުރީ ހޯމަ ދުވަހު. ޓެސްޓުގެ ނަތީޖާ މިއަދު ލިބުނު އިރު ޕޮޒިޓިވްވެފަ ހުރީ،" އޭނާ ވިދާޅުވި އެވެ.

އެ ފަޅުވެރިޔާ ކޮވިޑަށް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް ކާރިމް ވިދާޅުވި އެވެ. އެ ބޯޓުގެ ފަޅުވެރިން ރަށަށް ފޭބުމަށް ފަހު އާންމުން އެއްވެ އުޅޭ ތަންތަނަށް ދިޔަ ކަމަށް ވެ އެވެ.

"ދެ ހޮޓަލަކަށް ދިޔަ ހަމަ ގައިމުވެސް. އެ ތަންތަން ބަލަމުން އެ ދަނީ މިހާރު،" އޭނާ ވިދާޅުވި އެވެ.

އެ ފިރިހެން މީހާއާ އެކު އިތުރު އެހެން ބިދޭސީ ފަޅުވެރިއަކާއި ހަ ދިވެހިން އެ ބޯޓުގައި މަސައްކަތް ކުރެ އެވެ. ނަމަވެސް އެ މީހާގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން އެ ބޯޓު ރޭގެ ވަގުތެއްގައި ދަތުރުވެރިންތަކަކާއި އެކު މާލެ ފުރި އެވެ. އެ މީހުން ފުރީ، ބަލީގެ އަލާމާތްތައް ފެންނަން ހުރި ފަޅުވެރިޔާ ނައިފަރުގައި ބަހައްޓައިފަ އެވެ.

މެގައާރު ބޯޓުގެ ވެރިފަރާތް އަބްދުﷲ އާދަމް ވިދާޅުވީ އެ ބޯޓަށް އަަރާ ފޭބުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެ ބޯޓު މިހާރު އޮތީ މާލޭގެ ފަޅުތެރޭގައި ކަމަށާއި އެ ބޯޓު ރޭގައި ދަތުރުކުރީ، ފަޅުވެރިންގެ އިތުރުން 10 ބިދޭސީ ދަތުރުވެރިންނެވެ.

"އެޗްޕީއޭ އިން އެންގީމަ، އެންގި ތަނަކަށް އެ ބޯޓު ގާތް ކުރާނީ،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ފަހު ލުއިދޭން ފެށުމުން މި ބަލި ފެތުރޭ މިންވަރު މި ވަނި ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މާލޭގެ އިތުރުން 12 ރަށެއްގައި ކޮވިޑްގެ ކޭސްތައް މިހާރު ހުރި ކަމަށް އެޗްޕީއޭ އިން ރޭގައި ބުނެފައި ވެ އެވެ. މިހާތަނަށް 5،223 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު 21 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފަ އެވެ.