Roadha Mihaaru
24 ގަޑިއިރުގެ ތެރޭގައި ކޮވިޑުގެ ދެ ވަނަ މަރު

ކޮވިޑް-19: 24 ގަޑިއިރުގެ ތެރޭގައި ކޮވިޑުގެ ދެވަނަ މަރު

06 މެއި 2021

ކޮވިޑު-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ޅ. ނައިފަރުގައި މިިއަދު މަރުވެއްޖެ އެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ބަލީގައި މަރުވި ދެ ވަނަ މީހާ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ޅ. ނައިފަރުގައި މިިއަދު މަރުވެއްޖެ އެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ބަލީގައި މަރުވި ދެ ވަނަ މީހާ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ 83 އަހަރުގެ އަންހެނަކު މެންދުރުފަހު 12:30 ހާއިރު މަރުވެފައިވާ ކަމަށެވެ.

އެއީ، މި ބަލީގައި މި އަހަރު މަރުވި 28 ވަނަ މީހާ އަދި މުޅި ރާއްޖެއިން މަރުވި 76 ވަނަ މީހާގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.

ރ. އުނގޫފާރުން ނައިފަރަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެން އެ ރަށް މޮނިޓަރިންއަށް ލީ މިދިޔަ މާޗު 23 ގަ އެވެ. އޭގެ ފަހުން ދެ މަހަށް އެޅިއިރު ވެސް ރަށުގެ ހާލަތު ރަނގަޅެއް ނުވި އެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 30އަށް ވުރެ މަތި އިރު، އެ ރަށުން މިހާތަނަށް ވަނީ 568 މީހަކަށް ބަލި ޖެހިފަ އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 77 އަހަރުގެ އަންހެނަކު ވެސް ރޭ ވަނީ މަރުވެފަ އެވެ.

މި ފަހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް އަރައިފަ އެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ ބަޔަކު ޕޮޒިޓިވްވަމުން އައިސް އިއްޔެ އެ އަދަދު އުޅުނީ 700 އިން މަތީގަ އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވެސް 198 އަށް އަރާފައި އެވެ. ހޮސްޕިޓަލުގެ އެނދުތައް ފުރޭތީ ވަސީލަތް އިތުރު ކުރުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.