Roadha Mihaaru
ރަށްރަށުގައި ކޮވިޑް ކޭސްތައް އަދިވެސް ވަނީ އިތުރު

ރަށްރަށުގައި ކޮވިޑް ކޭސްތައް އަދިވެސް ދަނީ އިތުރުވަމުން

18 އެޕްރީލް 2021

މާލެ ފިޔަވައި ކޮވިޑް-19 ފެތުރިފައިވާ ރަށްތަކުގައި އަދިވެސް ކޭސްތައް އިތުރުވަމުންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލެ ފިޔަވައި ކޮވިޑް-19 ފެތުރިފައިވާ ރަށްތަކުގައި އަދިވެސް ކޭސްތައް އިތުރުވަމުންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިއަދު ބުނެފި އެވެ.

އެ އިދާރާ އިން މިއަދު މެންދުރު ފަހު ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އަދިވެސް ބައެއް ރަށްރަށުގައި ކޮވިޑްގެ ވަރަށް ބޮޑެތި އައުޓްބްރޭކްތައް ކުރިއަށް އެބަދާ ކަމަށެވެ. އޭގެ ތެރެއިން އޭނާ ފާހަގަކުރެއްވި އެއް އަތޮޅަކީ ތ. އަތޮޅެވެ.

ތ. ވޭމަންޑޫން މި މަހުގެ ނުވަ ވަނަ ދުވަހު ފުރަތަމަ ދެ ކޭސް ފެނުމަށް ފަހު، އެ ރަށުގެ ކޭސްތަކުގެ އަަދަދު މިހާރު ވަނީ 50 އަށް އަރައިފަ އެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި، އެ ރަށުން އިއްޔެ އެކަނިވެސް 12 މީހަކު ކޮވިޑަށް ޕޮޒިޓިވް ވި އެވެ. އޭގެ ކުރީ ދުވަހު ވެސް ވޭމަންޑޫން ނުވަ މީހަކު އެ ބައްޔަށް ޕޮޒިޓިވް ވި ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ، ކޮވިޑް ފެތުރެން ފަށާފައިވާ ރަށްތަކުގެ ތެރެއިން ޅ. ނައިފަރުން ވެސް މިދިޔަ ހުކުރު ދުވަހު އާ ކޭހެއް ފެނުނު ކަމަށާއި އެކަމަކު އެއީ އެ ރަށުގެ ފުރަތަމަ ކްލަސްޓާއާ ގުޅުން ހުރި މީހެއް ކަމަށެވެ. ނައިފަރުން ހުކުރު ދުވަހު ކޮވިޑަށް ޕޮޒިޓިވްވި މީހާއާ އެކު އެ ކްލަސްޓާ އިން ބަލި ޖެހުނު މީހުންގެ އަދަދަކީ މިހާރު 130 އެވެ.

ކޮވިޑް-19 ގެ އައުޓްބްރޭކެއް އދ. މާމިގިލީގައި ވެސް އެބަ އޮތެވެ.

ނަޒްލާ ވިދާޅުވި ގޮތުގައި އެ ރަށުން މިހާތަނަށް 65 މީހަކު ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މާމިގިލިން ހުކުރު ދުވަހު ނުވަ މީހަކު އަދި އިއްޔެ އެކަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ.

ކ. ހުރާ އިން މިހާތަނަށް 173 މީހަކަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން ދެ މީހަކު އެ ބައްޔަށް ޕޮޒިޓިވްވީ އިއްޔެ އެވެ.

އުތުރުގެ އަތޮޅުތަކުން އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިފައި ވަނީ ސިނާއީ ރަށް ފެލިވަރުންނެވެ.

ނަޒްލާ ވިދާޅުވީ، ފެލިވަރު ކްލަސްޓާއާ ގުޅުން ހުރި 489 މީހަކު އެކި ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިދިޔަ ހުުކުރުދުވަހުގެ ހަވީރު 6:00 އިން އިއްޔެ ހަވީރު 6:00 އަށް ރާއްޖޭން ކޮވިޑް ޖެހުނު މީހުންގެ އަަދަދަކީ 124 އެވެ. އެއީ 2،503 ސާމްޕަލްގެ ތެރެއިންނެވެ. ރާއްޖޭން މިހާތަނަށް އެ ބަލި ޖެހުުނު މީހުންގެ ޖުމުލައަކީ 26،145 އެވެ. ކޮވިޑުގައި މަރުވި މީހުންގެ އަދަދަކީ 69 އެވެ.