Roadha Mihaaru
އެޖެންޑާ19ގެ މިސްރާބާއި ދުވެލި ރަނގަޅު: މައުސޫމް

އެޖެންޑާ 19ގެ މިސްރާބާއި ދުވެލި ވެސް ރަނގަޅު: މައުސޫމް

15 އޯގަސްޓް 2020

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ވައުދުތައް ހިމެނޭ އެޖެންޑާ 19ގެ މިސްރާބާއި ދުވެލި ވެސް މޫސުމަށް ބަލާއިރު ރަނގަޅު ކަމަށް ވިދާޅުވެ އާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ތައުރީފް ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ވައުދުތައް ހިމެނޭ އެޖެންޑާ 19ގެ މިސްރާބާއި ދުވެލި ވެސް މޫސުމަށް ބަލާއިރު ރަނގަޅު ކަމަށް ވިދާޅުވެ އާ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ތައުރީފް ކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގަތް މައުސޫމް މިގޮތަށް ވިދާޅުވީ ށ. ނަރުދު އަށް ދުވާލު ގަޑީގައި އިޔާދަކުރަނިވި ހަކަތައިން ކަރަންޓް ދިނުމާ ގުޅޭ ޚަބަރެއް ޝެއާކުރައްވަމުންނެވެ. އިޔާދަކުރަނިވި ހަކަތަ ފުޅާކުރުމަކީ ތިމާވެއްޓާ ރައްޓެހި އިގްތިސާދަކަށް އެމްޑީޕީން ވެފައިވާ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެޖެންޑާ19 އެކުލަވާލީ އެމްޑީޕީގެ ޖަޒީރާ ރާއްޖެ މެނިފެސްޓޯގައިވާ ފަސް ވައުދުގެ މައްޗަށް ބިނާކޮށެވެ. އެއީ، އޯގާތެރި ސަރުކާރާއި އިންސާފު ގާއިމްކުރުމާއި ޖަޒީރާ ދިރިއުޅުމާއި ނޫއިގްތިސާދުގެ އިތުރުން ފަޚުރުވެރި އާއިލާތައް ބިނާކޮށްދިނުމެވެ.

މިނިސްޓަރަކަށް ހަވާލުވެވަޑައިގަތް ފަހުން މައުސޫމް ޓޫރިޒަމް ދާއިރާއާ މެދު ގެންގުޅުއްވާ ތަސައްވުރާ ގުޅޭ ގޮތުން އަދި ވާހަކައެއް ނުދައްކަވަ އެވެ. އެމްޑީޕީގެ ސާފު އަޣުލަބިއްޔަތު އޮންނަ ރައްޔިތުންގެ މަޖިލީހުން މައުސޫމަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމަން އޮތީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުވައިފަ އެވެ.

އެޖެންޑާ19 ހޭޝްޓެގާއެކު މައުސޫމް މި ސަރުކާރުގެ ވައުދުތަކުގެ ސްޕީޑާ މެދު ހިތްހަމަޖެހުންފާޅުކުރެއްވިއިރު، ވައުދުތައް ފުއްދުން ލަސްވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަތް ވައުދު ފުއްދެވުމުގައި، ސްޕީޑް ލަސް ކަމަކަށް ސަރުކާރުން ގަބޫލެއް ނުކުރެ އެވެ. ބައެއް ކަންކަން މިހާރު މަޑުޖެހިފައި ވަނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކަމަށް ރައީސް އޮފީހުން އަންނަނީ ބުނަމުންނެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ކުރިން ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަދި ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މައުސޫމް އެންމެ ފަހުން ފުރުއްވީ ސިންގަޕޫރަށް ރާއްޖެ އިން ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމެވެ. ޓޫރިޒަމް ޑިވެލޮޕްމަންޓުގެ ދާއިރާ އިން ފުރަތަމަ ޕީއެޗްޑީ ހެއްދެވި ދިވެއްސަކީ މައުސޫމެވެ. އޭނާ ކިޔަވާ ވިދާޅުވީ ވިލާ ސްކޮލާޝިޕް ސްކީމްގެ ދަށުން އިނގިރޭސިވިލާތުގެ ބާމިންގްހަމް ޔުނިވާސިޓީސްކޫލް އޮފް ޕަބްލިސިޓީ އިންނެވެ. ތީސިސް ލިއުއްވީ "އެންކްލޭވް މައިކްރޯ އައިލެންޑްޓޫރިޒަމް" އިންނެވެ.

އޭނާ މިނިސްޓަރަކަށް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި އަލީ ވަހީދަށް ކުރި ޖިންސީ ފުރައްސާރައިގެ ތުހުމަތާ އެކު މަގާމުން ވަކިކުރުމުންނެވެ.