Roadha Mihaaru
ރާއްޖެ ދެކެ ފޫއްސެއް ނުވާނެ، 50 ފަހަރު ވެސް އާދޭ

ރާއްޖެ ދެކެ ފޫއްސެއް ނުވާނެ، ޗުއްޓީއަށް 50 ފަހަރު ވެސް އެބައާދޭ: މިނިސްޓަރު

13 މާޗް 2023

ޗުއްޓީ ހޭދަކުރަން ރާއްޖެ ކަމުނުދާ ކަަމަށް ބުންޏަސް އެ ވާހަކަ ނުހިނގާނެ ކަމަށާއި ގިނަ މީހުންނަކީ ތަކުރާރުކޮށް ރާއްޖެ އަންނަ ޓޫރިސްޓުންކަން ރެކޯޑުތަކުން ފެންނަން އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޗުއްޓީ ހޭދަކުރަން ރާއްޖެ ކަމުނުދާ ކަަމަށް ބުންޏަސް އެ ވާހަކަ ނުހިނގާނެ ކަމަށާއި ގިނަ މީހުންނަކީ ތަކުރާރުކޮށް ރާއްޖެ އަންނަ ޓޫރިސްޓުންކަން ރެކޯޑުތަކުން ފެންނަން އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖަރުމަން ވިލާތުގައި މިދިޔަ ހަފުތާ ބޭއްވި އައިޓީބީ ފެއާގައި ބައިވެރިވި ލަންކާގެ ޓޫރިޒަމް މިނިސްޓަރު ފެނާންޑޯ ހަރިން ވިދާޅުވީ ރާއްޖޭގައި ޓޫރިސްޓުން ހިތްހަމަޖައްސާލަން އޮތީ ރީތި ގޮނޑުދޮށްތައް އެކަނި ކަމަށެވެ. އެހެންވެ ފަސް ވަރަކަށް ދުވަހު ރާއްޖޭގައި ހޭދަކުރުމުން ފޫހިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެނާންޑޯގެ ވާހަކަތަކާ ގުޅިގެން، މައުސޫމް "މިހާރު"އަށް ވިދާޅުވީ ލަންކާގެ މިނިސްޓަރު އެހެން ވިދާޅުވީ ރާއްޖެއަށް ނެގެޓިވް ކެމްޕޭނެއް ކުރުމުގެ ގަސްތެއް އޮވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އައިޓީބީން [ފެނާންޑޯ ހަރިންއާ] އަޅުގަނޑާ ބައްދަލުވި. ވަރަށް ޔަންގް އެނެޖެޓިކް މިނިސްޓަރެއްގެ ގޮތުގައި އަޅުގަނޑަށް ފެނުނީ. އަޅުގަނޑު ގަބޫލެއްނުކުރަން އެއީ ގަސްތުގަ ވިދާޅުވި ވާހަކައެއް ކަމަށް. ދެން އަތް ދަށުން ދިޔަ ވާހަކައެއް ކެމެރާތަކަށް އަރާފައި އެ ހުރީ،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ފެނާންޑޯގެ އެ ވާހަކައިން ރާއްޖޭގެ ޓޫރިޒަމަށް އެއްވެސް އަސަރެއް ނުކުރާނެ އެވެ.

ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް މިދިޔަ ތިން އަހަރު ވިދިވިދިގެން ރާއްޖެއިން ހޯދިކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ބްރޭންޑް މުޅި ދުނިޔޭގައި ވެސް މަގްބޫލް ކަަމަށެވެ. ލަންކާގެ ޓޫރިޒަމް އިންޑަސްޓްރީ އިންވެސްޓްމެންޓުން ވެސް ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާކަމަށް މައުސޫމް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމްއާ މެދު ޓޫރިސްޓުން ފޫހި ނުވާކަމުގެ ހެކި ދައްކަވަމުން މައުސޫމް ވިދާޅުވީ މިހާރު ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ ތަކުރާރުކޮށް ރާއްޖެ އަންނަ ފަތުރުވެރިން ކަމަށާއި އޭގެ ތެރޭގައި 40-50 ފަހަރު ރާއްޖެ އައި މީހުން ވެސް ހިމެނޭ ކަމަށެވެ.

ދުބާއީގެ އެގްޒިބިޝަން ސެންޓަރުގައި ކުރިއަށް ދިޔަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދުބާއީގެ އެގްޒިބިޝަން ސެންޓަރުގައި ކުރިއަށް ދިޔަ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"މިހާރު ރާއްޖެ އަންނަ ގިނަ ފަތުރުވެރިންނަކީ ރިޕީޓެޑް ޓުރިސްޓް. ތިބޭފުޅުންނަށް ވެސް އަޑު އިވޭނެ ބައެއް ފަހަރު އަޅުގަނޑު ވެސް އެއާޕޯޓަށް ދާ ވާހަކަ 40 ނުވަތަ 50 ވަނަ ފަހަރު ރާއްޖެ އައި ޓޫރިސްޓަކަށް މަރުހަބާ ކިޔަންދާ ވާހަކަ. ހާއްސަކޮށް ކޮވިޑްގެ ފަހުން ރާއްޖެ އަންނަ ގިނަ މީހުންނަކީ ރިޕީޓެޑްކޮށް އަންނަ ޓޫރިސްޓުން،" މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވި ގޮތުގައި ތަކުރާރުވާ ޓޫރިސްޓުން ގިނަ ވުމަކީ ވެސް ރާއްޖޭގެ ޓޫރިޒަމާ މެދު މީހުން ފޫހި ނުވާ ސަބަބެކެވެ. ރަޝިއާ އާއި ބައެއް އެހެން ގައުމުތަކުން އަންނަ ޓޫރިސްޓުންނަކީ ދިގު މުއްދަތަކަށް ރާއްޖޭގައި ތިބެ ބޭނުންވާ ޓޫރިސްޓުން ކަމަށް ކުރިން ޓޫރިޒަމް ދާއިރާގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވި މައުސޫމް ވިދާޅުވި އެވެ.

"ލޯންގް ސްޓޭ ޓޫރިޒަމްއަކީ ރާއްޖޭގައި މަގުބޫލުވަމުން އަންނަ ޓޫރިޒަމްގެ އެއް ޕްރޮޑަކްޓް. ޓްރެވަލް އެޖެންސީތަކުން ވެސް ބުނޭ 90 ދުވަހަށް ވުރެ އިތުރަށް ވެސް ރާއްޖޭގައި ހުންނަން ޓޫރިސްޓުން ބޭނުންވާ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މައުސޫމް ވިދާޅުވީ ސަރަހައްދީ ޓޫރިޒަމް އަކީ ވެސް ރާއްޖޭގައި ފުޅާ ވަމުން އަންނަ އެއް ދާއިރާ ކަމަށެވެ. ލަންކާއަށް އަންނަ ޓޫރިސްޓުން އެ ދަތުރުގައި ރާއްޖެ އަށް ވެސް އަންނަ ކަމަށާއި ރާއްޖެ އަންނަ ޓޫރިސްޓުން ލަންކާ އަށް ވެސް ދާ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖެ އަންނަ ގިނަ އެއާލައިންތަކަކީ ރާއްޖެ އާއި ލަންކާ އަށް ވެސް އަންނަ އެއާލައިންތައް. މިސާލަކަށް ކޮރެއަން އެއާލައިން،" މައުސޫމް ވިދާޅުވި އެވެ.

"ރީޖަނަލް ޓޫރިޒަމަކީ ވަރަށް މަގުބޫލުވަމުން އަންނަ ކޮންސެޕްޓެއް. ލަންކާގެ ޓޫރިޒަމް އިންޑަސްޓްރީ ތަރައްގީވުމަކީ ރާއްޖެ އަށް ވެސް ފައިދާ ވާނެ ކަމެއް. ހަމަ އެގޮތަށް ރާއްޖޭގެ ޓޫރިޒަމްގެ އިންޑަސްޓްރީ ތަރައްގީވެފައި އޮތުމަކީ ލަންކާ އަށް ވެސް އޭގެ ފައިދާވާނެ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.