Roadha Mihaaru
ޔައުގޫބްގެ ރައްދު: "ވަގުން ހިފުމުގައި ދުލެއް ނުދެން"

ޔައުގޫބުގެ ރައްދު: "ދުލެއް ނުދެން، މި އަންނަނީ ވަގުން ހިފަމުން"

19 އޯގަސްޓް 2020

ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ އޮޑިޓުން ބޮޑެތި ކޮރަޕްޝަންތަކެއް ފަޅާއެރުމާ އެކު ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޔައުގޫބެވެ. އެކަމަކު ބަލިމަޑުކަމުގެ ހާލަތުގައި "ރައްޔިތުން ގެއަށް ވައްދައި މާލިއްޔަތުން ވައްކަން ކުރިއިރު" ޔައުގޫބް ކޮބައިތޯ ސޯޝަލް މީޑިގާއި މީހުން އެހީ އޭނާގެ ސީދާ ބައިވެރިވުމެއް އޮވެގެންނެއް ނޫނެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީގެ ޚާއްސަ އޮޑިޓުން ބޮޑެތި ކޮރަޕްޝަންތަކެއް ފަޅާއެރުމާ އެކު ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޔައުގޫބެވެ. އެކަމަކު ބަލިމަޑުކަމުގެ ހާލަތުގައި "ރައްޔިތުން ގެއަށް ވައްދައި މާލިއްޔަތުން ވައްކަން ކުރިއިރު" ޔައުގޫބް ކޮބައިތޯ ސޯޝަލް މީޑިގާއި މީހުން އެހީ އޭނާގެ ސީދާ ބައިވެރިވުމެއް އޮވެގެންނެއް ނޫނެވެ.

އެ ސުވާލު ގުޅުވީ ގިނަ ބައެއްގެ ތައުރީފް އޭނާ ހޯއްދެވި ކޮރަޕްޝަން ހުއްޓުވުމުގެ ވައުދާ އެވެ. މަޖިލިސް ކެމްޕޭންގައި އޭނާ ޔަގީންކަން ދެއްވީ ވެެރިކަން ކުރާ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މަޖިލިސް ތަމްސީލް ކުރެއްވިޔަސް ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރާ ނަމަ އެކަން ފަޅާއަރުވާލާނެ ކަމެވެ. އެކަމުގައި ފަހަތަށް ޖެހިވަޑައިނުގެން ސާބިތުކަމާ އެކު ހުންނަވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

އެކަމަކު ޓޫރިޒަމާއި ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި އޮތީ ކޮވިޑުގެ ނަމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމެވެ. ރާއްޖެ އަށް ބޭނުންވި ވެންޓިލޭޓަރުތައް ހޯދުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް އަމަލުކުރި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ޗެއާ ކުރެއްވީ ޔައުގޫބަށް ބޮޑުބޭބެ ވިދާޅުވާ، ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ނިޝާމާ މުހައްމަދެވެ. އޭނާ އަކީ ޔައުގޫބްގެ އެއްބަފާ ބޭބެގެ ދަރިއެކެވެ.

ނިޝާމާގެ މައްސަލައިގައި އޭނާ ދިފާއުކުރައްވަން ޔައުގޫބް މަސައްކަތް ކުރައްވާނެ ކަމުގެ ތުހުމަތާ އެކު ފާޑުކިއުންތައް އޮއްސާލީ އެވެ. ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލާއިރު ޔައުގޫބް އެ ކޮމިޓީގައި އިންނެވުމަކީ ވެސް މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް އެއް ބަޔަކު ދެކެ އެވެ.

ވައުދު ހަނދާން ނެތުނީތޯ ސުވާލު އުފައްދަވައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ "ޔައުގޫބް ޒިންމާ އިން ގެއްލިއްޖެ" ކަމުގެ ތުހުމަތު ކުރައްވައިފަ އެވެ. ހުރިހާ ވައްކަންތަކެއް ކުރާއިރު، ހަބަރެއް ނުވެ ޔައުގޫބް އުޅުއްވަނީ ކޮން ތާކުތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، ވަގު ހިފާނެ އޮޑިޓަރެއް ކަމުގެ ޔަގީންކަން ދެއްވައި ޔައުގޫބް އުޅުއްވާ ގޮތުން އަންތަރީސް ވެއްޖެ އެވެ.

ޔައުގޫބަށް، ޝަހީމް ކުރެއްވި ޓުވީޓް.

މަލާމާތް ރައްދުކުރަމުން އެހެން މީހަކު ބުނެފައި ވަނީ ޔައުގޫބް "މަޖިލީހުގައި އޮޑިޓްކުރައްވަނިކޮށް، ނިޒާމް ތެރެއިން ޚަޒާނާ ހުސްކޮށްފި" ކަމަށެވެ. ދެން ވެސް ނުހުއްޓުވޭނެ ކަމަށާއި ކޮރަޕްޝަން ހިނގަނީ އެންމެން ބައިވެރިވެގެން ކަމުގެ ތުހުމަތު އޭނާ އެޅުވި އެވެ.

ފާޑުކިއުންތަކާ ގުޅިގެން ޔައުގޫބް ވަނީ އަދިވެސް އޭނާ ހުންނެވީ "ވަގު ހިފާނެ ވައުދު"ގެ މަތީ ކަން ހަނދާންކޮށް ދެއްވައިފަ އެވެ.

ޔައުގޫބް "މިހާރު"އަށް މިއަދު ވިދާޅުވީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގައި އޭނާގެ ކޮއްކޮއަކު ހިމެނޭތީ އޭނާއަށް ތުހުމަތުތަކެއް އަމާޒުކުރިއަސް ވައްކަމާއި ކޮރަޕްޝަންގައި އޭނާ އަކީ ވަކި މީހަކަށް ބަލައި ދޫދެއްވާނެ ބޭފުޅެއް ނޫން ކަމަށެވެ.

"ކޮއްކޮއެއް ބޭބެއެއް، އާއިލާ މީހެއް، ގާތް ރަހުމަތްތެރިއެއް މިކަމުގައި ނޯންނާނެ. އަޅުގަނޑު ހުންނާނީ ވައުދުގެ މަތީގައި ސާބިތުވެ،" ޔައުގޫބް ވިދާޅުވި އެވެ.

މި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ތަކުރާރު ކުރެއްވި އެވެ.

"އަޅުގަނޑަކީ އޮޑިޓަރެއް، ކިޔެވީ ވަގު ހިފުން. މި ކުރަނީ އެ މަސައްކަތް. ކުރިއަށް އޮތް ތަނުގައި ވެސް ކުރާނީ އެ މަސައްކަތް. ދުވަހަކު ވެސް ނުހުއްޓާނަން. އިރާދަކުރެއްވިއްޔާ އަބަދުވެސް ކުރާނަން. މި ސަރުކާރަކަސް ކުރީގެ ސަރުކާރަކަސް އެއްވެސް ތަފާތެއް ނުކޮށް ގާތް، ތިމާގެ، އެއްބަނޑު އެއް ބަފާ، މަންމަ އަށް ވިޔަސް ވައްކަމުގައި އެއްވެސް ވަރަކަށް ދޫނުދީ މިކަން ކުރިއަށް ގެންދާނަން،" ހުވަދޫ ބަހުރުވަ އިން ވާހަކަ ދައްކަވަމުން ޔައުގޫބް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ އިހުމާލު އޮތް ކަން އޮޑިޓް ރިޕޯޓުން އެނގޭތީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ކޮމިޓީގައި ވެސް އެކަން އެންމެ ބޮޑަށް ފާހަގަކުރެއްވި އެއް މެމްބަރަކީ އޭނާ ކަން ޔައުގޫބް ހަނދާންކޮށްދެއްވި އެވެ. ރިޕޯޓުގައި ދެން ހުރި މާލިއްޔަތު ގަވާއިދާ ޚިލާފު ކަންކަމުގައި ވެސް ޔައުގޫބް، އޮޑިޓަ ޖެނަރަލް އޮފީހުގެ ބޭފުޅުންނާ ސުވާލު ކުރެއްވި އެވެ.

ކޮމިޓީގައި އޭނާ އިންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބުނާ ވާހަކަ ޔައުގޫބް ގަބޫލެއް ނުކުރައްވަ އެވެ. ކޮވިޑުގެ މައްސަލަތައް ބަލަން ކޮމިޓީ އަށް އޭނާ ހުށަހެޅުއްވި އިރު އިއްޔެ އޮތީ އޮޑިޓަށް ފަހު ރިޕޯޓް މެމްބަރުންނާ ހިއްސާކުރެއްވުން ކަމާއި އޭގައި އޭނާ އިންނެވުން މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ކޮމިޓީގައި ބައިވެރިވުމުގެ ކުރިން ބެލިން އެއީ މަސްލަހަތު ފުށުއަރާފާނެ ކަމެއްތޯ. އަޅުގަނޑަށް ލަފާ ލިބުނީ ނީންނަންވީ ސަބަބެއް ނެތް ކަމަށް. އެއީ އިއްޔެ އޮތީ ރިޕޯޓް އޮޑިޓަ ޖެނެރަލް ޕްރެޒެންޓްކުރުން،" ޔައުގޫބް ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ މަޖިލީހުން ބެލުމުގައި ލަސްވި ސަބަބާ މެދު ސުވާލު އުފައްދާ ކަމަށާއި އޭގެ ސަބަބަކީ އޭސީސީގެ ތަހުގީގު ފަށައި ނެރެފައި އޮތް ރިޕޯޓުން މައްސަލައެއް ފެންނަން ނެތުން ކަމަށް ޔައުގޫބް ވިދާޅުވި އެވެ. ވެންޓިލޭޓަރުތައް ގެންނަން އެގްޒެކިއުޓާސްއާ ހަވާލުކުރީ ޑަބްލިއުއެޗްއޯގެ މަޝަވަރާގެ މަތިން ކަމަށް މަޖިލީހުގެ ޖަލްސާގައި ތަކުރާރުކޮށް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވުމަކީ ވެސް މައްސަލަ ލަސްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔައުގޫބު ވިދާޅުވީ ދުނިޔޭގެ އެހާ އިތުބާރު ހިފޭ، ގަދަރުކުރާ ޖަމިއްޔާއަކާ މަތިކޮށް ބޮޑު ވައްކަމެއް ކޮށްފާނެ ކަމަށް އެކަކަށް ވެސް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

"ޑަބްލިއުއެޗްއޯއާ ގުޅިގެން މިވަރުގެ ވައްކަމެއް ކޮށްފާނެ ކަމަކަށް ޚުދު އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. މާލިއްޔަތު ކޮމިޓީގެ މެމްބަރަކު ވެސް ގަބޫލެއް ނުކުރައްވާ. އަދި މަޖިލީސް މެމްބަރަކު ވެސް ގަބޫލެއް ނުކުރައްވާ. އެ އިތުބާރާ އެކު ތިބީ،" ޔައުގޫބް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ހެލްތު މިނިސްޓްރީން އެވަރަށް ދިން ޔަގީންކަމާ އެކު ވެސް މަޖިލީހަށް ޝައްކުތަކެއް ހުރުމުން، އޮޑިޓް ކުރުވައި ވައްކަން ފަޅާއަރުވާލާފައިވާ ކަމަށެވެ. އެ ވައްކަމުގެ ރިޕޯޓް ނެރުމާ އެކު ޖެހިގެން އައި ދުވަހު މާލިއްޔަތު ކޮމިޓީން ބަލަން ފެށިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޔައުގޫބް ވިދާޅުވި ގޮތުގައި، ހެލްތުގެ ކޮރަޕްޝަންގައި އޭނާގެ ކޮއްކޮ ދިފާއުކުރައްވަން އެއްވެސް ކަމެއް ނުކުރައްވާނެ އެވެ. ވައްކަން ހުއްޓުވުމުގައި ވެސް ފަރުވާކުޑަ ނުކުރައްވާނެ ކަމަށާއި ޚިޔާނާތެއް ހިނގާކަން އެނގިވަޑައިގެން އެކަން ދޫކޮށްލައްވައިގެން ނުހުންނަވާނެ ކަމަށް ވެސް ޔައުގޫބް ވިދާޅުވި އެވެ.

"ކެމްޕޭންގައި އަޅުގަނޑު އެ ވާހަކަ ދެއްކީ އޮޅިގެންނެއް ނޫން. ވައްކަމަށް ޖާގަ ނުދޭނެ ކަމަށް ބަހުސްގައި ބުނީ ގަސްތުގައި. އެއީ އަޅުގަނޑު ޖަވާބުދާރީ ކުރުވަން ރައްޔިތުންނަށް ދިން ޓޫލްއެއް."

ޔައުގޫބް އެދިވަޑައިގަންނަވަނީ އެ ވައުދުގެ މަތިން އަބަދުވެސް އޭނާ ހަނދާން ކޮށްދެއްވުމަށެވެ. ފާޑުކިއުންތައް އުފަލާ އެކު ބަލައިގަންނަ ކަމަށާއި ވައްކަމުގައި ދޫ ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.