Roadha Mihaaru
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ބައްދަލުވުން ސިއްރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅޭ ބައްދަލުވުން ސިއްރުކޮށްފި

05 މާޗް 2019

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއެމް) ގެ ގަވަރުނަރު އަހުމަދު ނަސީރާއި އެތަނުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފް އާ ސުވާލުކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއެމް) ގެ ގަވަރުނަރު އަހުމަދު ނަސީރާއި އެތަނުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފް އާ ސުވާލުކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

އެ ދެބޭފުޅުންނާ މާލިއްޔަތު ކޮމިޓީން ސުވާލުކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިދިޔަ މަހުގެ 14 ވަނަ ދުވަހު އާންމު ކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތް ކޮށެވެ.

މަޖިލިހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ސިއްރު ކުރަނީ އެ ކޮމިޓީއަކުން ފާސްކޮށްގެންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އޭސީސީން އާންމު ކުރި ތަފްސީލީ ރިޕޯޓްގައި ބުނެފައިވާ ގޮތުން 57 ރަށެއްގެ މައްސަލަ އެ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަށް ވަނީ ވަރަށް ބޮޑު ހިޔާނާތެއް ވެފަ އެވެ. އެގޮތުން، އެ ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ.

ރާއްޖޭގައި މިހާތަނަށް ހިންހި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އޭސީސީން ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުން އެމްއެމްޕީއާރުސީ އަށް ނުލިބި 59.4 މިލިއަން ޑޮލަރު އެބަ ހުއްޓެވެ. އަދި ވަދެފައިވާ އާމްދަނީގެ ތެރެއިން ވެސް އެސްއޯއެފް އާއި މިލީނިއަމް ކެޕިޓަލަށް ބޮޑު ބައެއް ޖަމާކޮށްފައި ވެ އެވެ.