Roadha Mihaaru
އިންޑިއާއިން ރާއްޖެއަށް މާލީ އެހީގެ އާ ޕެކޭޖެއް

އިންޑިއާއިން ރާއްޖެ އަށް މާލީ އެހީގެ އާ ޕެކޭޖެއް

25 ޖުލައި 2020

ކޮވިޑް-19 އާ ހެދި ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ޓަކައި މާލީ އާ ޕެކޭޖެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އިންޑިއާއިން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އާ ހެދި ރާއްޖެއަށް ކުރިމަތިވެފައިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ޓަކައި މާލީ އާ ޕެކޭޖެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އިންޑިއާއިން ބުނެފި އެވެ.

ރާއްޖޭގެ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބާގައި އިންޑިއާގެ ސަފީރު ސަންޖޭ ސުދިރު ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ވިދާޅުވީ އިންޑިއާއިން ވަރަށް އަަވަހަށް އިއުލާނުކުރަން ނިންމާފައިވާ މާލީ އެހީގެ ޕެކޭޖަކީ އެކަށީގެންވާ ބޮޑު އަދަދެެއްގެ ޕެކޭޖަަކަށް ވާނެ ކަމަށެވެ. އެއީ ރާއްޖޭގެ އިގުތިސާދަށް އެހީވުމަށާއި ކޮވިޑް-19 ގެ ފަހުން އިގުތިސާދީ ގެއްލުމުން އަރައިގަންނަން ރާއްޖެއަށް އެހީވާން ކަނޑައަޅާ ޕެކޭޖެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ރަހުމަތްތެރިކަމަކީ ހުރިހާ ތާރީހަކާ ގުޅިފައިވާ، މުސްތަގުބަލު އުޖާލާ، ހުރިހާ ހާލަތަކަށް ހެޔޮވަރު ގުޅުމެއް،" މެސެޖްގައި ސަފީރު ވިދާޅުވި އެވެ.

އިންްޑިއާއިން ރާއްޖެއަށް މާލީ އެހީތެރިކަންދޭން ކުރިން ތައާރަފްކުރި ޕެކޭޖްގައި ހިމެނޭ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕުން ފައިސާ ނެގޭނެ އިންތިޒާމް އެ ގައުމުން މިހާރު ވަނީ ހަމަޖައްްސައިފަ އެވެ. ސަފީރު ވިދާޅުވީ އެ އެހީގެ އިތުރުން ވެސް ކޮވިޑާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް ގިނަ އެހީތަކެއް ދެމުން އަންނަ ކަމަށެވެެ. އޭގެ ތެރޭގައި ބޭސްފަރުވާ އާއި ކާނާގެ އެހީ އާއި މެޑިކަލް ޓީމުތައް ފޮނުވައިގެން ވީ އެހީ ވެސް ހިމެނެ އެވެ.

ސަފީރުގެ މެސެޖްގައި ދިވެހި ސަރުކާރާއި ރައްޔިތުންނަށް މިނިވަންދުވަހުގެ ތަހުނިޔާ ވިދާޅުވި އެވެ. މިއީ ރާއްޖެއާ އިންޑިއާއިން ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރޭ އަހަރު ކަމަށާއި އެހީ ވެސް ދެ ގައުމުން ފާހަގަކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިނިވަން ދުވަހުގެ މުނާސަބާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އާއި ރައީސް ރާމްނާތު ކޮވިންދު ވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މެސެޖެއް ފޮނުއްވި އެވެ.

އިންޑިއާއިން ރާއްޖެއަށް ކުރިން ދިން މާލީ ޕެކޭޖްގައި ހިމެނެނީ 800 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެކެވެ. އެ ޕެކޭޖް ދޭން އެެ ގައުމުން އެއްބަސްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. އެ ޕެކޭޖްގައި ހިމެނޭ އުމްރާނީ ބައެއް މަސައްކަތްތައް މިހާރުވެސް ފަށާފައި ވާއިރު ބައެއް ބޮޑެތި ޕްރޮޖެކްޓްތައް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓަކީ އެގޮތުން އެންމެ އަވަހަށް ފަށާނެ ޕްރޮޖެކްޓެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އެހެން ގައުމުތަކުންނާއި ރާއްޖޭން އެޅި ފިޔަވަޅުތަކުގެ ސަބަބުން އާމްދަނީގެ ބޮޑު ބައެއް ވަނީ ހުއްޓިފަ އެވެ. ރާއްޖޭގެ އެންމެ ބޮޑު އިންޑަސްޓްރީ ކަމަށް ޓޫރިޒަމް އަލުން ފެށި ނަމަވެސް ޓޫރިސްޓުން އަދި އަންނަނީ ވަރަށް މަދުންނެވެ.