Roadha Mihaaru
ދުބާއީގައި ވައިގެ ތެތްކަމުން ފެން އުފައްދަނީ

ދުބާއީގައި ވައިގެ ތެތްކަމުން ފެން އުފައްދަނީ

24 އޯގަސްޓް 2020

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ހަނަފަސް ސަހަރާތަކުން ޖައްވުގެ ތެރެއަށް ބޭރުވާ ތެތްފިނިކަން ނުވަތަ ވައި ބޭނުންކޮށްގެން ބޯފެން އުފައްދަން އަމާޒު ހިފައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ހަނަފަސް ސަހަރާތަކުން ޖައްވުގެ ތެރެއަށް ބޭރުވާ ތެތްފިނިކަން ނުވަތަ ވައި ބޭނުންކޮށްގެން ބޯފެން އުފައްދަން އަމާޒު ހިފައިފި އެވެ.

މި ބޮޑު މަޝްރޫއުގެ ފަހަތުގައި އޮތީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޒީރޯ މާސް ވޯޓާ އެވެ. އެތަނުގެ އޮފީހެއް ދުބާއީގައި ގާއިމުކޮށް ވައިން ފެން އުފެއްދުމަށް ކުރަންޖެހޭ ދިރާސާތައް މިހާރު ވަނީ ފަށައިފަ އެވެ. ޒީރޯ މާސް ވޯޓާ އިން ބުނިގޮތުގައި ވައިން ފެން އުފައްދާ ވާހަކަ ބުނެލުމުން އެއީ ވެދާނެ ކަމެއްތޯ ގިނަ ބަޔަކު ސުވާލުކޮށްފާނެ އެވެ. އެކަން ކުރެވޭނެ ކަމަށާއި އެކަން ކާމިޔާބުކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެކަމަކު މިއީ އާންމުކޮށް ބޯފެން އުފައްދަން ކުރާ މަސައްކަތަށް ވުރެ ހަރަދު ބޮޑު އަދި އުނދަގޫ މަސައްކަތަކަށް ވާނެ އެވެ. ނަމަވެސް ޒީރޯ މާސް ވޯޓާގެ އަމާޒަކީ ވައިން އުފައްދާ ފެން ފުޅީގައި ބަންދުކޮށްގެން ބާޒާރަށް ނެރުމެވެ.

މި މަޝްރޫއުގެ ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން ދުބާއީއާ 50 ކިލޯމީޓަރު ދުރުގައި އޮންނަ ލެބާބް އަވަށުގައި މިހާރު ވަނީ ފެން އުފައްދާ ޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޒީރޯ މާސް ވޯޓާ އިން އުފައްދާ ފެނަށް ދުބާއީގެ ޝާހީ އާއިލާގެ ބޭފުޅެއް ކަމަށްވާ ބުއްތީ ބިން މަކްތޫމް ބިން ޖުމާ އަލް މަކްތޫމްގެ ކުންފުނި އައިބީވީ (އިނޮވޭޝަން، ބެލެންސް، ވާޗޫ) ޝައުގުވެރިކަން ވެސް ފާޅުކޮށްފަ އެވެ. މީގެ 25 އަހަރު ކުންފުނިން ވުޖޫދަށް އައި އެ ކުންފުނީގެ ބޭނުން ވަނީ ވީހާ ވެސް ތިމާވެއްޓާ ރައްޓެހިކޮށް ފެން އުފައްދައި ބާޒާރަށް ނެރުމުގެ ގޮތުން ބިއްލޫރި ފުޅީގައި ފެން ނެރޭށެވެ.

މިކަމާ ބެހޭ ގޮތުން އައިބީވީގެ ޖެނެރެލް މެނޭޖަރު ސާމިއުﷲ ޚާން ބްލޫމްބާގަށް ވިދާޅުވި ގޮތުގައި ވައިން ފެން އުފައްދާ ޕްލާންޓް ހިންގާނީ އަވިން ލިބޭ ހަކަތައިންނެވެ. އަދި އެތަނުގައި ފެން ބަންދުކުރަން ރިސައިކަލްކުރެވޭ ގޮތަށް ބިއްލޫރި ފުޅި ބޭނުންކުރަން ނިންމާފައިވާ އިރު، ފުޅީގެ މަތި ތައްޔާރުކުރާނީ އޮނުންނެވެ.

"މިއީ ވަރަށް އުންމީދީ މަޝްރޫއަަކަށްވާނެ،" ސާމިއުﷲ ވިދާޅުވި އެވެ. "އަދި މުސްތަގުބަލަށް ވިސްނައިގެން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދެވޭނެ މަޝްރޫއަކަށް ހަދަން އައިބީވީން ބޭނުންވޭ. މިކަމަށް ކުންފުނީގެ އެހީ އަބަދު ވެސް އޮންނާނެ."

ނަމަވެސް ވައިން އުފައްދާ ފެން ބާޒާރަށް ނެރޭނެ އިރެއް އަދި ނޭނގެ އެވެ.