Roadha Mihaaru
އެފްއޭއެމްގެ އިންތިހާބު ބަލައިގަންނަން: މަހްލޫފް

އެފްއޭއެމްގެ އިންތިހާބު ބަލައިގަންނަން: މަހްލޫފް

24 އޯގަސްޓް 2020

ފީފާ އާއި އޭއެފްސީ އެކޭ އެއްގޮތަށް ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސް ވެސް އެފްއޭއެމްގެ އިންތިހާބު ބަލައިގަންނާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާއި އަދި އޭނާގެ އަމިއްލަ ހައިސިއްޔަތުން އިންތިހާބު ބަލައިގަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ފީފާ އާއި އޭއެފްސީ އެކޭ އެއްގޮތަށް ރާއްޖޭގެ ކޮމިޝަނާ އޮފް ސްޕޯޓްސް ވެސް އެފްއޭއެމްގެ އިންތިހާބު ބަލައިގަންނާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށާއި އަދި އޭނާގެ އަމިއްލަ ހައިސިއްޔަތުން އިންތިހާބު ބަލައިގަންނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހެންވޭރު ދެކުނު ދާއިރާގެ އަނދުން ހުސެއިން ޝަހީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިއަދުގެ ޖަލްސާ އަކީ އެފްއޭއެމްއާ ގުޅުންހުރި ކަންތައްތަކާ ބެހޭގޮތުން ސްޕޯޓްސް މިނިސްޓަރު މަޖިލީހުގައި ޖަވާބު ދެއްވި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ހާޒިރުވީ މިދިޔަ މަހު ހަތް ވަނަ ދުވަހު އެވެ. އެއީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ހުށަހެޅުއްވި ގަރާރެއްގެ މައްސަލަ އިޖްތިމާއީ ކޮމިޓީން ދިރާސާކުރުމުގެ ގޮތުންނެވެ. ދެ ވަނަ ފަހަރަށް ހާޒިރުވީ މިދިޔަ މަހު 21 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ އަށެވެ. އެ ޖަލްސާ އަށް މިނިސްޓަރު ހާޒިރުވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރައްވާ ސުވާލުތަކަށް ޖަވާބުދާރީ ވުމަށެވެ

މިނިސްޓަރު މަހުލޫފް މިއަދު ވަނީ އެފްއޭއެމާއި ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުމުގެ އިތުރުން ކުޅިވަރުގެ ތަރައްގީ އަށް ކުރާ މަސައްކަތްތަކުގެ ކަންތައްތަކާ ބެހޭގޮތުން ކުރި ގިނަ ސުވާލުތަކަށް ޖަވާބު ދެއްވައިފަ އެވެ.

މެމްބަރު އަނދުން ހުސެއިން ކުރެއްވި ސުވާލަކީ އެފްއޭއެމްގެ އިންތިހާބު ފަސްކުރަން އެންގި ކަމަށް މިނިސްޓަރު ވިދާޅުވެފައިވަނިކޮށް އެ އިންތިހާބު ބޭއްވީ ވަޒީރުގެ އެންގުމާ ހިލާފަށްތޯ ގަބޫލުކުރަންވަންތޯ އެވެ. ޖަވާބުގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ އެ ގޮތަށް އެންގީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން އެދޭތީ ކަމަށާއި އެއީ އެއްވެސް ގޮތަކަށް އެފްއޭއެމްގެ އިންތިހާބު ފަސްކުރަން އެންގި އެންގުމެއް ނޫނީ ކުރި އަމުރެއް ނޫން ކަމަށެވެ.

"ކުރިން ދުވަހު ވެސް އަޅުގަނޑު ފާހަގަކުރިހެން އިންތިހާބު ހުއްޓުވުުމުގެ ބާރެއް އަޅުގަނޑަށް ވެސް އަދި ސްޕޯޓްސް ކޮމިޝަނަރަށް ވެސް ނޯވޭ. މިކަމާ (އެފްއޭއެމް އިންތިހާބު) ބެހޭގޮތުން އެންމެ ފަހުން އިއްޔެ ވެސް ސްޕޯޓްސް ކޮމިޝަނަރު އަޅުގަނޑަށް އަންގާފައިވަނީ މައްސަލައެއް ނެތް ކަމަށް." މަހުލޫފް ވިދާޅުވި އެވެ.

"ޕާސަނަލީ އަޅުގަނޑު އިންތިހާބު ބަލައިގަންނަން. އެކަމަކު ރަސްމީކޮށް އެކަން ލިޔުމުން އަންގާނީ ސްޕޯޓްސް ކޮމިޝަނުން. އަޅުގަނޑަށް ޔަގީންކުރެވެނީ ވަރަށް އަވަހަށް އެކަން ކުރާނެކަން،"

އެފްއޭއެމްގެ އިންތިހާބު މިދިޔަ މަހު ދެ ވަނަ ދުވަހު ބޭއްވިއިރު، އެ އިންތިހާބު ކާމިޔާބުކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އިތުރު ދައުރަކަށް ހޮވިވަޑައިގެންފަ އެވެ.

އެފްއޭއެމްގެ އިންތިހާބު ބޭއްވީ ކުޅިވަރު ގާނޫނާއި އެފްއޭއެމްގެ އަސާސީ ގަވާއިދުގެ ވެސް ވަކި މާއްދާތަކަކާ ހިލާފަށް ކަމަށް ފެންނަން އޮތްއިރު އެއީ މައްސަލައެއް ނޫންތޯ ނޮޅިވަރަމް ދާއިރާގެ މެމްބަރު އަދި ނިއު ރޭޑިއަންޓުގެ ޗެއާމަން މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޖެއްސެވީ މިސާލެކެވެ.

"ބައިވަރު ގަވާއިދުތަކެއް ބައިވަރު ގާނޫނުތަކެއް ހެދިފައި ހުރޭ ދެއްތޯ. މިސާލަކަށް ދި ވިދާޅުވާ ގޮތަށް ކޮންމެސް ގާނޫނަކުން ގަވައިދަކުން އިދެދާނެ ތަންކޮޅެއް ނެއްޓިފައިގޮސްފައި. އަޅުގަނޑުމެން މަގުމަތީގައި އެއްޗެހި ދުއްވާހަދާއިރުގައި އޭގެ އިނދެދާނެ މިސާލަކަށް މަގަށް އަޅާއިރު ސިގްނަލް ދޭން ޖެހޭ ކަމަށް އޭގެ އޮވެދާނެ ބަރުގޮނު ނާޅަންޖެހޭ ކަމަށް. އެހެންވީމަ ކޮންމެ ފަހަރަކު ގައުމީ ބޮޑު ކުޅިވަރު އެސޯސިއޭޝަނެއް ބަލައިނުގަނެ އުވާލަން ޖެހޭ ހިސާބަށް ދިއުމެއް ނޫން ދެއްތޯ. ހިޔާލު ތަފާތުވާ ކަންތައްތަކެއް އެބައުޅޭ އެވާހަކަތައް މި ދެއްކެނީ، އޭއެފްސީ އާއި ފީފާ އިން ވެސް އޮބްޒާވްކޮށްފައި މައްސަަލައެއް ނެތް ކަމަށް ބަޔާންކޮށްފައި އެބައޮތް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރުގެ އެ ވާހަކަތަކަށް އިޝާރާތްކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކަންތައްތައް ކުރައްވަންޖެހޭނީ "ސީދާ ގާނޫނުގައިވާ ގޮތަށް" ކަމަށާއި "ކަނާތް ފަރާތަށް ސިގްލަން ދީފައި ކަނާތް ފަރާތަށް އަޅަންޖެހޭނެ" ކަމަށެވެ.

މަހުލޫފް ވިދާޅުވީ އެފްއޭއެމްގެ އިންތިހާބާ ގުޅޭގޮތުން މިހާތަނަށް އެފްއޭއެމްގެ އެއްވެސް މެމްބަރު ކްލަބަކުން ސްޕޯޓްސް މިނިސްޓްރީ އަށް ނޫނީ ސްޕޯޓްސް ކޮމިޝަނަށް ވެސް މައްސަލައެއް ހުށަހަޅާފައިނުވާ ކަމަށެވެ.

މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ދެން މިނިސްޓަރު މަހުލޫފް ފާހަގަކުރެއްވި އެއް ކަަމަކީ ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރޭގައި ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރާ ޖަމިއްުޔާއެއް އޮތް ކަމަށް ނުދެކޭކަން ކަމަށެވެ. އަދި ކުޅިވަރު ކުޅުމަށާއި ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތަކާ ބެހޭގޮތުން ގޮތެއް ނިންމުމަށް އިކޮނޮމިކް ކައުންސިލާއި ކެބިނެޓްގެ ލަފާ ވެސް ހޯދަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބާ ގުޅޭ މައްސަލަތައް އަބަދުވެސް އަންނަނީ އިންތިހާބު ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި އޮންނަ ވަގުތެއްގައި ކަމަށާއި ދުރާލާ އެ ފަދަ ކަންތައްތަކަށް އެ މަގާމުތަކަށް އަންނަން ބޭނުންވާ ފަރާތްތަކުން ތައްޔާރުނުވުމަކީ ފަހަކަށް އައިސް އާންމުކޮށް ކުޅިވަރު ތެރޭގައި ދިމާވާ މައްސަލައެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި މިނިސްޓްރީން މަސައްކަތްތައް ކުރަމުން އަންނައިރު އެންމެ ބޮޑަށް ސަމާލުވާ އެއް ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވެފައިވާ ކުޅިވަރު ތެރެއަށް ސިޔާސީ ކަންތައް ނުވެއްދުމަށް ކަމަށް ވިދާޅުވި އެވެ.