Roadha Mihaaru
ގދ. ތިނަދޫގައި ކޮވިޑް ޓެސްޓުކުރުން ލިމިޓްކޮށްފި

ގދ. ތިނަދޫގައި ކޮވިޑް ޓެސްޓުކުރުން ލިމިޓްކޮށްފި

26 އޯގަސްޓް 2020

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓުކުރުން ލިމިޓްކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓުކުރުން ލިމިޓްކޮށްފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު "މިހާރު" އަށް މިއަދު ވިދާޅުވީ، މިހާރު ހަމަޖައްސާފައިވާ ގޮތުން، ހޯމް ކަރަންޓީން ފުރިހަމަ ކުރާ މީހުންގެ ސާމްޕަލްތަކުގެ ޓެސްޓު ހަދަނީ މާލެ އަށް ފޮނުވައިގެން ކަމަށެވެ. މިގޮތަށް ސާމްޕަލް މާލެ ފޮނުވައިގެން ޓެސްޓު ހަދާތާ ހަފުތާއެއްހާ ދުވަސް ވެއްޖެ ކަމަށާއި މި ޓެސްޓުތަކުގެ ނަތީޖާ ލިބެން ދެ ތިން ދުވަސް ނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޓެސްޓު ހަދަން ވެގެން ސާމްޕަލް މި ނަގަނީ މާލެ އަށް ދާ ފްލައިޓް ޝެޑިއުލްއާ އެއްގޮތަށް،" ސައީދު ވިދާޅުވި އެވެ.

މި ބަދަލު ގެންނަން ނިންމީ ތިނަދޫ ހޮސްޕިޓަލުގައި ބޭނުންކުރަމުން އައި ޖީން އެކްސްޕާޓް މެޝިނަށް ބޭނުންވާ ކާޓްރިޖް ލިބުމުގެ ދަތިތަކެއް ކުރިމަތިވާން ފެށުމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ލަފައާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލުން އަޅުގަނޑުމެން މިހާރު މި ޓެސްޓު ކުރަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުން [އެކަނި]. ސައީދު ވިދާޅުވި އެވެ.

ތިނަދޫގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ފެށީ މި މަހުގެ ފަސް ވަނަ ދުވަހެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ހަރުކަށި ފިޔަވަޅުތަކަށް ލުއިދީ، ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުން ރަށްރަށުގައި ކޮވިޑް ފެތުރޭ ވަރު މި ވަނީ އިތުރުވެފަ އެވެ. މާލެ ސަރަހައްދުގައި ވެސް ކޮވިޑް ފެތުރޭ ވަރު އަވަސްވެފައި ވުމުން، ބަލިން ރައްކާތެރިވާން އިތުރު ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފަ އެވެ. ރާއްޖެ އިން ކޮންމެ ދުވަހަކު އަލަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 100 އިން މަތީގައި އުޅޭއިރު، އެ އަދަދު ދަށް ނުކުރެވިއްޖެ ނަމަ މާލެ ސަރަހައްދު އަނެއްކާވެސް ލޮކްޑައުން ކުރަން ޖެހޭނެ ކަމަށް ކަމާ ގުޅޭ ސިއްހީ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

މިހާތަނަށް 7،047 މީހަކު ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވްވެފައިވާ އިރު، 4،439 މީހުން ވަނީ ރަނގަޅުވެފަ އެވެ. މާލެ ނޫން 32 ރަށެއްގައި ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ހުރި ކަމަށް އެޗްޕީއޭ އިން ރޭ ބުންޏެވެ. އޭގެ ތެރޭގައި 10 ރިސޯޓެއް ހިމެނެ އެވެ.