Roadha Mihaaru
އެތެރޭގެ ދަތުރުތަކަށް ބޭނުންކުރަން ޖެހޭނީ ޕީސީއާރް

އެތެރޭގެ ދަތުރުތަކަށް ބޭނުންކުރަން ޖެހޭނީ ޕީސީއާރް ޓެސްޓް: އެޗްޕީއޭ

25 ޖެނުއަރީ 2022

ވަގުތުން ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ބޭނުމަށް ރަނގަޅު އެއްޗެއް ނޫން ކަމަށާއި ދަތުރުގެ ބޭނުމަށް އަދިވެސް ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ވަގުތުން ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ބޭނުމަށް ރަނގަޅު އެއްޗެއް ނޫން ކަމަށާއި ދަތުރުގެ ބޭނުމަށް އަދިވެސް ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

އެ އިދާރާގެ ގައިޑްލައިންގައިވާ ގޮތުން، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރު ހަމަނުވާ ޕީސީއާރް ޓެސްޓުގެ ނެގެޓިވް ނަތީޖާއެއް އޮންނަން ޖެހެ އެވެ. އެކަމަކު އިއްޔެއިން ފެށިގެން ވަނީ ރެޕިޑް ޓެސްޓް ހަދައިދޭން ވެސް ފަށައިފަ އެވެ.

އަލަށް ފަށާފައިވާ ރެޕިޑް ޓެސްޓް ހަދައިގެން ވެސް ރަށްރަށަށް ދަތުރު ކުރެވޭނެތޯ ސުވާލު ކުރުމުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން "މިހާރު" އަށް ވިދާޅުވީ އަދިވެސް ދަތުރުކުރުމުގެ ބޭނުމަށް ހަދަން ޖެހޭނީ ޕީސީއާރް ޓެސްޓް ކަމަށެވެ. މިހާރު ހަދާ ރެޕިޑް ޓެސްޓުގެ ނަތީޖާ އަށް ބުރަވެ، ރާއްޖެ އިން އެއްވެސް ތަނަކަށް ދަތުރު ނުކުރެވޭނެކަން ވަރަށް ސާފުކޮށް އޭނާ ވިދާޅުވި އެވެ.

އޭގެ އެއް ސަބަބެއް ކަމަށް ތަސްލީމާ ވިދާޅުވީ ރެޕިޑް ޓެސްޓަކީ ކޮވިޑްގެ އަލާމާތްތައް ހުންނަ މީހުން ހަދަން ޖެހޭ ޓެސްޓަކަށް ވެފައި އެއްވެސް އަލާމާތެއް ނެތި ހަދާ ޓެސްޓުގެ ނަތީޖާ ރަނގަޅު ނުވެދާނެތީ ކަމަށެވެ.

"ބަލީގެ އަލާމާތް ނެތް މީހަކު ރެޕިޑް ޓެސްޓުން ނެގެޓިވް ނަތީޖާ ލިބުނަސް ފަހުން ޕީސީއާރް ޓެސްޓެއް ހަދައިގެން ޕޮޒިޓިވް ވުމުގެ ފުރުސަތު އެބަ އޮތް،" ތަސްލީމާ ވިދާޅުވި އެވެ.

އެހެންވެ، އެއްވެސް އަލާމާތެއް ނެތި، ދަތުރު ކުރުމުގެ ބޭނުމުގައި ޓެސްޓު ހަދާއިރު އެންމެ ރަނގަޅު ވާނީ ޕީސީއާރް ޓެސްޓެއް ހެދުން ކަމަށް ތަސްލީމާ ވިދާޅުވި އެވެ.

މި ދުވަސްވަރު ޓެސްޓްކުރާ މީހުން ވަރަށް ބޮޑަށް އިތުރުވެ ޕީސީއާރް ޓެސްޓުގެ ނަތީޖާ ލިބުމުގައި ވަރަށް ބޮޑަށް ލަސްވާ ފަހަރު ވެސް ދިމާވާ އެވެ.

އެޗްޕީއޭ އިން އިއްޔެ، ވަގުތުން ނަތީޖާ ލިބޭ ޓެސްޓް ހަދައިދޭން ފަށައި އިއްޔެ އެކަނި ވެސް މީގެ 300 އަށް ވުރެ ގިނަ ޓެސްޓް ހެދި ކަމަށް އެނގިފައިވެ އެވެ.

އިއްޔެ އަކީ ރެކޯޑް އަދަދަކަށް ޓެސްޓުކޮށް އަދި ރެކޯޑް އަދަދަކަށް ޕޮޒިޓިވް ކޭސް ފެނުނު ދުވަހެކެވެ.

ރެޕިޑް އެންޓިޖެން ޓެސްޓަކީ 15 މިނެޓާއި 30 މިނެޓާ ދެމެދުގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނަތީޖާ ލިބޭ، އަގުހެޔޮ އަދި އަމިއްލަ އަށް ވެސް ހަދާލެވޭ ޓެސްޓެކެވެ.

އެޑިޓަރުގެ ނޯޓް: މި ޚަބަރު އެންމެ ފުރަތަަމަ ޝާއިއުކުރި ކުރި އިރު، ދަތުރުގެ ބޭނުމަށް އެންޓިޖެން ޓެސްޓް ބަލައިގަންނާނެ ކަމަށް ލިޔެވިޔައިވަނީ މައުލޫމާތުގެ ކުށަކުންނެވެ.