Roadha Mihaaru
ތިނަދޫގައި ބޭރަށް ދެވޭނީ ކޮންމެ ގެއަކުން އެކަކަށް

ކޮވިޑްގެ ހާލަތު ގޯސްވެ، ތިނަދޫގައި ކޮންމެ ގެއަކުން އެކަކަށް ބޭރަށް ދެވޭ ގޮތް ހަދައިފި

26 ޖޫން 2021

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ގދ. ތިނަދޫގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު ވެސް އެ ބަލި ޖެހޭ މީހުންގެ އަދަދުތައް ދަށަށް ނުދާތީ، ކޮންމެ ގެއަކުން ހަފުތާއަކު އެކަކަށް ބޭރަށް ދެވޭ ގޮތަށް އެ ރަށު ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ގދ. ތިނަދޫގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކާ އެކު ވެސް އެ ބަލި ޖެހޭ މީހުންގެ އަދަދުތައް ދަށަށް ނުދާތީ، ކޮންމެ ގެއަކުން ހަފުތާއަކު އެކަކަށް ބޭރަށް ދެވޭ ގޮތަށް އެ ރަށު ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

ކައުންސިލްގެ ރައީސް ސައުދު އަލީ ސޮއިކުރައްވައި ނެރުއްވި އިއުލާނެއްގައި ބުނީ ތިނަދޫގައި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތުމާ އެކު، އާންމުންގެ ރައްކާތެރިކަމަށްޓަކައި ކާފިއު ވަގުތު، ނޫންް ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ކޮންމެ ގެއަކަށް ވެސް މިހާރު ދެ ފާސް ދޫކޮށްފައިވާ ކަމަށެވެ. އެކަމަކު ބަލި ޖެހޭ މީހުންގެ އަދަދުތައް އިތުރުވެފައިވާއިރު، ރަށުގެ ތެރޭގައި މީހުން ހަރަކާތްތެރިވާ ވަރު ވެސް ގިނަކަން ފާހަގަކުރެވޭ ކަމަށް އެ އިއުލާނުގައި ވެ އެވެ.

އެހެންވެ، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އީއޯސީގެ ބައްދަލުވުމެއްގައި ނިންމާފައި ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް ކައުންސިލުން ބުނެ އެވެ.

"މިހާރު ގޭގެއަށް ދޫކޮށްފައިވާ ހައުސްހޯލްޑް ޕާމިޓް ބޭނުންކޮށްގެން ބޭރަށް ނިކުމެވޭނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ކަނޑައަޅާފައިވާ ވަގުތުތަކަށް ކޮންމެ ގޭބިސީއަކުން އެކަކަށް، ހަފުތާ އަކު އެއް ދުވަހު އެއް ގަޑިއިރަށް،" އިއުލާނުގައި ވެ އެވެ.

ފުލުހުން ކަނޑައަޅާފައިވާ ވަގުތުތައް ފިޔަވައި އިތުރު ވަގުތެއްގައި ބޭރަށް ނުކުނަ ނަމަ، ނުކުމެވޭނީ "ޕޮލިސް ޓައިމް ބައުންޑް ޕާމިޓް" ގައި ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

ކޮވިޑްގެ ބަލި ފެނިގެން އަރައިފޭބުން މަނާކޮށްފައި އޮތް ތިނަދޫގައި ކާފިއު ހިންގަމުންދާތާ ވެސް މަސް ދުވަސް ވެއްޖެ އެވެ. އާބާދީގައި 12،000 އަށް ވުރެ ގިނަ ބަޔަކު ދިރިއުޅޭ އެ ރަށުގައި މި ވަގުތު ވެސް 260 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައި އެބަ ތިއްބެވެ. އަދި ފަސް މީހަކަށް އަންނަނީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންނެވެ.

ސައުދު، "މިހާރު" އަށް ވިދާޅުވީ ރަށުގެ ރައްޔިތުންގެ ރައްކާތެރި ކަމަށް އަޅަމުންދާ ފިޔަވަޅުތަކާ އެކު ގިނަ ބަޔަކަށް އުނދަގޫވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު މި ވަގުތު ބަލިމަޑުކަމުން އަރައިގަތުމަށް އެ ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށާއި ރަށް ހުޅުވައިލުމަށް ކުރަމުންދާ މަސައްކަތަކަށް އެންމެންގެ ވެސް އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.