Roadha Mihaaru
ޒަރޫރީ ބޭނުންތަކަށް އެކަނި އިތުރަށް ޑޮލަރު ދޫކުރަނީ

ޒަރޫރީ ބޭނުންތަކަށް ބޭންކްތަކަށް އިތުރަށް ޑޮލަރު ދޫކުރަނީ

01 ސެޕްޓެމްބަރ 2020

ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އެކަނި މި މަހުން ފެށިގެން ތިން މަސް ދުވަހު ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމުން ގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފި އެވެ.

ހަމައެކަނި ޒަރޫރީ ބޭނުންތަކަށް އެކަނި މި މަހުން ފެށިގެން ތިން މަސް ދުވަހު ބޭންކުތަކަށް އިތުރަށް ޑޮލަރު ދޫކުރަމުން ގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފި އެވެ.

އެތަނުން ދެންމެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުން، ސެޕްޓެމްބަރު މަހުން ފެށިގެން ތިން މަސް ދުވަހަށް ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ނުވަތަ ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ އަދަދު ވެސް ވަނީ އިތުރުކުރަން ވަނީ ރާވައިފަ އެވެ.

"މި އަދަދު ހާއްސަކުރެވޭނީ ޒަރޫރީ ބޭނުންތައް ކަމުގައިވާ ކާބޯތަކެތި އަދި ބޭސްފަރުވާ އަށް ބޭނުންވާ ތަކެތި އިމްޕޯޓް ކުރުމަށެވެ،" ބަޔާނުގައި ވެ އެވެ.

އެމްއެެމްއޭ އިން ބުނި ގޮތުގައި މި ދުވަސްވަރު ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް ކުރަމުންދާ ޕްރެޝަރު ކުޑަކުރުމަށްޓަކައި ވިޔަފާރި ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް ބާޒާރަށް ފޯރުކޮށްދޭ ޑޮލަރުގެ އަދަދު އޭޕްރިލް މަހާއި މެއި، ޖޫން އަދި ޖުލައި މަހުގެ ތެރޭގައި ވެސް ވަނީ އިތުރުކޮށްފަ އެވެ. މީގެ އިތުރުން ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަން ޖެހޭ ބޭރު ފައިސާގެ މިނިމަމް ރިޒާވް ވެސް މިހާރު ދެބައިކުޅަ އެއްބައި ނުވަތަ 5 ޕަސެންޓަށް މިހާރު ދަށްކޮށްފައިވާ ކަމަށް ބުންޏެވެ.

"ރާއްޖޭގެ ރަސްމީ ރިޒާވަށް އިތުރުވާ ބޭރު ފައިސާގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުން ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބޭ ބޭރު ފައިސާކަމުން، ފަތުރުވެރިކަން މަޑުޖެހިފައިވާ މި ދަނޑިވަޅުގައި މީގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވްއަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށްޓަކައި އެމްއެމްއޭއިން ދަނީ ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުންނެވެ،" ބަޔާނުގައި ވެ އެވެ.

އެމްއެމްއޭ އާއި ރިޒާވް ބޭންކް އޮފް އިންޑިއާ އާ ދެމެދު ވެފައިވާ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށާއި އެ ސްވޮޕްގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.

"މީގެ އިތުރުން، އިންޑިއާ ސަރުކާރުން ރާއްޖެ އަށް 250 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިން ދިނުމަށް މިހާރުވަނީ ހަމަޖެހިފަ އެވެ. މިފަދަ އެހީތަކާއި އަދި މީގެ އިތުރުން ސަރުކާރާއި އެމްއެމްއޭއާ ގުޅިގެން ބޭރު ފައިސާގެ އެހީ ހޯދުމަށް ކެނޑިނޭޅިކުރެވެމުންދާ މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެއެވެ،" ބަޔާނުގައި ވެ އެވެ.

އެމްއެމްއޭ އިން ބުނީ ބާޒާރުގައި މުދަލުގެ އަގުތައް އުފުލޭ މިންވަރު ނުވަތަ އިންފްލޭޝަން، ގައުމީ އުފެއްދުންތެރިކަމާއި އެކަށޭނަ މިންވަރެއްގައި ހިފެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުވެފައި އޮންނަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ކަމަށެވެ. އަދި ބާޒާރުގެ އަގުތައް އެއް ވަރެއްގައި ހިފެހެއްޓުމަށްޓަކައި ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓަށް އައިސްދާނެ ބަދަލުތައް ކުޑަކޮށް ދިވެހި ރުފިޔާގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށް އެމްއެމްއޭގެ މަނިޓަރީ ސިޔާސަތުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ. .