Roadha Mihaaru
ރަންބީރް، ރަންވީރު އަދި ވިކީ އަށް ޑްރަގްސްގެ ތުހުމަތު

ރަންބީރް، ރަންވީރު އަދި ވިކީ މަސްތުވާތަކެއްޗަށް ޓެސްޓްކުރަންޖެހޭ: ކަންގަނާ

04 ސެޕްޓެމްބަރ 2020

ބޮލީވުޑްގެ ޒުވާން ފަންނާނުންތަކެއް މަސްތުވާތަކެތި ބޭނުންކުރާ ވާހަކަތަކެއް އަޑު އަހާފައިވާ ކަމަށާއި އެކަމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދޭން އެ މީހުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ބަތަލާ ކަންގަނާ ރަނާވަތު އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ޒުވާން ފަންނާނުންތަކެއް މަސްތުވާތަކެތި ބޭނުންކުރާ ވާހަކަތަކެއް އަޑު އަހާފައިވާ ކަމަށާއި އެކަމާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދޭން އެ މީހުން މަސްތުވާތަކެއްޗަށް ޓެސްޓްކުރަން ބަތަލާ ކަންގަނާ ރަނާވަތު އެދިއްޖެ އެވެ.

އޭނާ ކުރި ޓްވީޓެއްގައި ބުނީ ރަންބީރް ކަޕޫރާއި ރަންވީރު ސިންގާއި ވިކީ ކޯޝަލްގެ އިތުރުން ޑައިރެކްޓަރު އަޔާން މުކަރްޖީ އަކީ ކޮކެއިން އެޑިކްޓުން ކަމަށް ބުނެ ފެތުރޭ ވާހަކަތައް ޔަގީންކުރުމުގެ ގޮތުން ޓެސްޓްކުރަން ޖެހޭ ކަމަށެވެ. އަދި އެ މީހުންނާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގެ ތެދުދޮގު ސާފުކޮށް ދިނުމަކީ އެތައް ޒުވާނުންނަކަށް ދެއްކޭނެ ނަމޫނާއެއް ކަމަށް ކަންގަނާ ބުންޏެވެ.

ކަމްގަނާ މީގެ ކުރިން ވެސް ވަނީ ބޮލީވުޑްގެ ވަރަށް ފަންނާނުންނަކީ މަސްތުވާތަކެތި ބޭނުންކުރާ ބައެއް ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން އެކްޓަރު ރިތިކް ރޯޝަނަށް ރައްދުވާ ގޮތަށް ވެސް، ދާދި ފަހުން ޓީވީ ޗެނެލަކަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ވާހަކަ ދައްކާފައިވެ އެވެ. އޭނާ ބުނި ގޮތުގައި ބޮލީވުޑްގެ ޕާޓީތަކާއި އިވެންޓްތަކަކީ މަސްތުވާން ލިބޭ ފުރުސަތުތަކެއް ކަމަށެވެ.

މިދިޔަ އަހަރު ކަރަން ޖޯހަރް ގޭގައި ބޭއްވި ޕާޓީއެއްގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކުރުމާ އެކު ކަރަން އަށް ވަރަށް ގިނަ ބަޔަކު ތުހުމަތުކޮށް ފާޑުކިޔާފައިވެ އެވެ. ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި އެ ވީޑިއޯ އިން ފެންނަ ހުރިހާ ފަންނާނުންގެ މޫނުމަތިން ވެސް ފެންނަން ހުރި ކުލަވަރަށް ބަލާ އިރު އެ މީހުން ތިބީ "ސިކްވެފައިކަން" އެނގެ އެވެ. މި މައްސަލާގައި ބީޖޭޕީގެ ސިޔާސީ ލީޑަރުންތަކެއް ވެސް ކަރަންއާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލި އެވެ.

ނަމަވެސް ކަރަން ވަނީ ފިލްމު ކްރިޓިކް ރަޖީވް މަސަންދަށް ދިން އިންޓަވިއުއެއްގައި އޭނާގެ ޕާޓީގައި ފަންނާނުންނަށް މަސްތުވާތަކެތި ދިން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. ކަރަން ބުނެފައި ވަނީ އެފަދަ އަސްލެއް ނެތް ދޮގު ތުހުމަތުތައް އަޅުވާ ނަމަ ކުރިއަށް އޮތް ތަނުގައި ދައުވާ ވެސް ކުރާނެ ކަމަށެވެ. އަދި ގޭގައި ބާއްވާ ޕާޓީތަކުގައި ފަންނާނުންނަށް މަސްތުވާތަކެތި ދޭ ކަމަށް ބުނުމަކީ ގޭގެ ހައިބަތާއި ހުރުމަތް ކަނޑާލުން ކަމަށް ވެސް ބުންޏެވެ.