Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

09 ސެޕްޓެމްބަރ 2020

އަންނަ މަހުގެ 2 ގައި ޕްރިމިއާކުރަން ނިންމާފައިވާ ފިލްމު "ކާލީ ޕީލީ" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ 2 ގައި ޕްރިމިއާކުރަން ނިންމާފައިވާ ފިލްމު "ކާލީ ޕީލީ" ގެ ފުރަތަމަ ލަވަ ދައްކާލައިފި އެވެ.

މަގުބޫލް ޚާން ޑައިރެކްޓްކޮށްފައިވާ މި ރޮމޭންޓިކް އެކްޝަން ފިލްމުގެ ލަވަތަކުގެ ތެރެއިން ފުރަތަމަ ނެރުނު ލަވަ އަކީ ފިލްމުގެ ދެ ތަރިން ކަމަށްވާ އިޝާން ޚައްތަރާއި އަނަންޔާ ޕާންޑޭގެ ވަރުގަދަ ނެށުންތަކެއް ވެސް ހިމެނޭ "ބިޔޯންސޭ ޝަރުމާ ޖާއޭގީ" އެވެ.

ވިޝާލް-ޝޭކަރްގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ނަކާޝް އަޒީޒާއި ނީތީ މޯހަނެވެ. ލަވައިގެ ޅެން ހެދީ ކުމާރާއި ރާޖް ޝޭކަރެވެ.

"ކާލީ ޕީލީ" އަކީ މިދިޔަ އަހަރު "ބާރަތު" ގެނެސްދިން ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ޕްރޮޑިއުސްކުރި ފުރަތަމަ ފިލްމެވެ. މި ފިލްމު ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ ޒީ ނެޓްވޯކްގެ ޒީ ޕްލެކްސްއިންނެވެ.

ބާލަސުބްރަމާނިއާމް ކޮވިޑުން ރަނގަޅުވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން މިދިޔަ މަހުން ފެށިގެން އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން ގެންދިޔަ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެސްޕީ ބާލަސުބްރަމާނިއަމް ބަލިން ފަސޭހަވެއްޖެ އެވެ.

އެކަން އޭނާގެ ދަރިފުޅު އެސްޕީ ޗަރަން އިންސްޓްގްރާމް ވީޑިއޯއެއްގައި ހިއްސާކުރަމުން ބުނީ ބައްޕަ ކޮވިޑް-19 އިން ރަނގަޅުވި ނަމަވެސް ސިއްހީ ހާލަތު އަދިވެސް އެއްކޮށް ރަނގަޅު ނުވާތީ އޮތީ ވެންޓިލޭޓަރުގައި ކަމަށެވެ.

އުމުރުން މިހާރު 74 އަހަރުގެ ބާލަސުބްރަމާނިއަމް އަކީ "މޭނޭ ޕިޔާރު ކިޔާ" އާއި "ހަމް އާޕް ކޭ ހޭ ކޯން" އަދި "އޭކް ދޫޖޭ ކޭ ލިޔޭ" ފަދަ އެތައް ފިލްމަކަށް މަޝްހޫރު ލަވަތަކެއް ކިޔައި ދީފައިވާ ފަންނާނެވެ.

އޭނާ އަށް އެ ދާއިރާ އިން ނެޝަނަލް އެވޯޑްގެ އިތުރުން އިންޑިއާގެ ސަރުކާރުން ދޭ މަތީ ޝަރަފު ކަމަށްވާ ޕަދުމާ ޝްރީ އާއި ޕަދުމާ ބުޝަން އެވޯޑް ވެސް ލިބިފައިވެ އެވެ.

ފަރުވާ ހޯދަމުން ސަންޖޭ މަސައްކަތަށް

ފުއްޕާމޭގެ ކެންސަރަށް މިހާރު ކީމޯތެރަޕީ ފަރުވާ ހޯދަން ފަށާފައިވަ އެކްޓަރު ސަންޖޭ ދަތު މަސައްކަތް ފަށާފައި ހުރި ފިލްމުތަކުގެ ތެރެއިން ކުދިކުދި މަސައްކަތްތައް ނުނިމި ހުރި ފިލްމުތަކުގެ މަސައްކަތްތައް އޭނާ ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސަންޖޭ ކެންސަރު ޖެހިގެން ފަރުވާ ހޯދަން މަަސައްކަތްތަކުން ބްރޭކެއް ނަގާކަން މިދިޔަ މަހު އިއުލާންކުރި އިރު ފަސް ފިލްމެއްގެ މަސައްކަތްތައް އެކި މަރުހަލާގައި އެބަހުއްޓެވެ. އެގޮތުން މި ވަގުތު އޭނާ މަސައްކަތް ކުރަނީ ދެން އެންމެ އަވަހަށް ރިލީޒްކުރާނެ ކަމަށް ބެލެވޭ އަޖޭ ދޭވްގަންގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ އިތުރުން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ޝަމްޝޭރާ" އާއި ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ގަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޝޫޓިންގެ ބޮޑުބައި ނިމި ޕޯސްޓް-ޕްރޮޑަކްޝަން ހުރި އެ ފިލްމުތަކުގެ ޕެޗް-ވޯކް މަސައްކަތްތައް ވަރަށް އަވަހަށް ސަންޖޭ ނިންމާނެ އެވެ. މުމްބާއީގެ ކޮކީލާބެން ހޮސްޕިޓަލުން ކީމޯތެރަޕީ ފަރުވާ ހޯދާ އިރު، ސަންޖޭ އިތުރު ފަރުވާ އަށް އެމެރިކާ އަށް ދާނީ ޑިސެމްބަރު މަހު ކަމަށް މީޑިއާތަކުން ބުންޏެވެ.

"ކާގޯ" ނެޓްފްލިކްސް އިން މިއަދު

އިންޑިއާގެ ފުރަތަމަ ސްޕޭސްޝިޕް ސައިންސް-ފިކްޝަން ފިލްމު "ކާގޯ" މިއަދު ނެޓްފްލިކްސް އިން ސްޓްރީމްކުރަން ތައްޔާރުވެއްޖެ އެވެ.

އޭގެ ޓްރެއިލާ ވެސް މިހާރު ދައްކާލާފައިވާ އިރު، މީގެ މުހިއްމު ތަރިންނަކީ ވިކްރާންތު މަސީ އާއި ޝްވޭތާ ތުރިޕަތީ އެވެ. "ކާގޯ" ޑައިރެކްޓްކޮށްފައި ވަނީ އަރާތީ ކަދާވް އެވެ. މި ފިލްމި ބެލުންތެރިންނަށް ދޫކޮށްލުމުގެ ކުރިން ވަނީ ބޭރުގެ ފެސްޓިވަލްތަކެއްގައި ވެސް ދައްކައިގެން ކްރިޓިކުންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

"ކާގޯ" އަކީ އިންޑިއާގެ ސިނަމާއާ ވަރަށް ބީރައްޓެހި ޖޯންރާއެއްގެ ފިލްމަކަށްވިޔަސް، ޓްރެއިލާ އިން މިއީ ވަރަށް ޝައުގުވެރި ފިލްމަކަށްވާނެ ކަމަށް ބެލެވެ އެވެ.

މީގެ ޕްރޮޑިއުސަރުންނަކީ އަނޫރާގް ކެޝަޕާއި ވިކްރަމަދިތިޔާ މޮޓްވާނޭ އެވެ.