Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

09 ޑިސެމްބަރ 2020

ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ފިލްމު "އާރްއާރްއާރް" ގެ ކްރޫއާ އެ ފިލްމުގެ ބަތަލާ އާލިއާ ބަޓް ހޯމަ ދުވަހު ގުޅިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ ފިލްމު "އާރްއާރްއާރް" ގެ ކްރޫއާ އެ ފިލްމުގެ ބަތަލާ އާލިއާ ބަޓް ހޯމަ ދުވަހު ގުޅިއްޖެ އެވެ.

ޝޫޓިން ކުރިއަށްދާ ފިލްމުގެ ކާސްޓާއި ކްރޫއާ، ހުނަރުވެރި ޒުވާން ބަތަލާ ގުޅުނު ވާހަކަ ޑައިރެކްޓަރު ރާޖަމޯލީއާ އެކު ނަގާފައިވާ ފޮޓޯތަކަކާ އެކު އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. އާލިއާ "އާރްއާރްއާރް" ގެ ޝޫޓިންއާ ގުޅުނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ގަންގްބާއީ ކަތިއަވާޅީ" ގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭގެ ޝޫޓިން މިހާރު އޮތީ ނިމުމާ ގާތުގަ އެވެ.

"ބާހްބަލީ" ގެ ދެ ފިލްމު ގެނެސްދިން ރާޖަމޯލީގެ "އާރްއާރްއާރް" ގައި އާލިއާ ކުޅޭނީ ސީތާ ކިޔާ ކެރެކްޓާއެކެވެ. މި ޕީރިއަޑް އެކްޝަން ޑްރާމާގެ ލީޑް ބަތަލުންނަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ އެވެ.

ދެހާސް އަށާރައިގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި މި ފިލްމުގެ މަސައްކަތް އަލުން ފެށީ ކޮވިޑާ ހެދި މާޗްގައި މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

"އާރްއާރްއާރް" ގެ ރޯލަކުން އަޖޭ ދޭވްގަން ވެސް ފެންނާނެ އެވެ.

ކްރިތީ ކޮވިޑަށް ޕޮޒިޓިވް

ބަތަލާ ކްރިތީ ސެނަން ކޮވިޑް-19 އަށް ޕޮޒިވްވެގެން ފަރުވާ ހޯދަން ފަށައިފި އެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވީ ޗަންދީގަޅްގައި ފިލްމު "ހަމް ދޯ ހަމާރޭ ދޯ" ގެ ޝޫޓިން ނިންމާލައި މުމްބާއީ އަށް މި ހަފުތާގެ ކުރީކޮޅު ދިޔަ ތަނާ އެވެ. އަދި ކްރިތީ އަށް ކޮވިޑް ޖެހުނީ އޭނާގެ ކުރިއަށް އޮތް ފިލްމު "މިމީ" ގެ ހާއްސަ ލަވައެއް ވެސް ޝޫޓްކުރަން ހަމަޖެހިފައި ވަނިކޮށެވެ. ރިޕޯޓްތައް އެ ލަވަ އަކީ އޭއާރް ރަހްމާންގެ މިއުޒިކަށް ހަދާ ލަވައެކެވެ.

"ހަމް ދޯ ހަމާރޭ ދޯ" އާއި "މިމީ" ގެ އިތުރުން ކްރިތީ އަކީ ޕްރަބާސް އާއި ސައިފް އަލީ ޚާންގެ "އާދިޕުރުޝް" ގެ ބަތަލާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

"އޭކޭ ވާސަސް އޭކޭ" ގެ ޓްރެއިލާ

އަނިލް ކަޕޫރާއި ޑައިރެކްޓަރު އަނޫރާގް ކޭޝަޕްގެ ކުރިމަތިލުންތަކެއް ފެންނަ ނެޓްފްލިކްސްގެ ފިލްމު "އޭކޭ ވާސަސް އޭކޭ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ "އުޅާން" އާއި "ލުޓޭރާ" ފަދަ ފިލްމުތައް ގެނެސްދިން ވިކްރަމައަދިތިޔަ މޮޓްވާނާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނާ އެންމެ ފަހުން ގެނެސްދިނީ އަނިލްގެ ފިރިހެން ދަރިފުޅު ހާޝްވަރުދަން ކަޕޫރް ކުޅުނު 2018 ގެ "ބަވޭޝް ޖޯޝީ" އެވެ.

"އޭކޭ ވާސަސް އޭކޭ" އަކީ ފިލްމީ ތަރިއެއްގެ ދަރިއަކު، ޑައިރެކްޓަރަކު ކިޑްނެޕްކުރުމުން ދިމާވާ ހާދިސާތަކެއް ކިޔައިދޭނެ އެއްޗެކެވެ، މީގެ ހާއްސަ ފެނިލުންތަކުން ހާޝް އާއި ސޯނަމް ކަޕޫރް ވެސް ފެންނާނެ އެވެ.

"އޭކޭ ވާސަސް އޭކޭ" ސްޓްރީމްކުރާނީ މި މަހުގެ 24 ގަ އެވެ.

"ޕަތާން" ގެ ކާސްޓަށް އިތުރު ދެ އެކްޓަރަކު

ޝާހްރުކް ޚާން މިހާރު ކުޅެން ފަށާފައި އޮތް ފިލްމު "ޕަތާން" އަށް އިތުރު ދެ އެކްޓަރަކު ސޮއިކޮށްފި އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމާ ގުޅުނު ދެ އެކްޓަރުންނަކީ "ސަރަސްވަތީޗަންދުރާ" ފަދަ ސިލްސިލާތައް ކުޅުނު މަޝްހޫރު ޓީވީ އެކްޓަރު ގޯތަމް ރޯޑް އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "މިރުޒާޕޫރް" އުން ފެނިފައިވާ ޝާޖީ ޗައުދަރީ އެވެ.

މީޑިއާތަކުން ބުނީ އެ ދެ މީހުން "ޕަތާން" ގައި ކުޅޭނީ ރޯ އެޖެންޓުންތައް ރޯލްތައް ކަމަށެވެ. މިދިޔަ ހަފުތާގައި މި ފިލްމުގެ ކާސްޓާ ޑިމްޕަލް ކަޕާޑިއާ ވެސް ގުޅިފައިވެ އެވެ.

އަންނަ އަހަރުގެ ނޮވެމްބަރުގައި ސިނަމާތަކަށް ގެންނާނެ "ޕަތާން" ގައި ޝާހްރުކާ އެކު މައިގަނޑު ރޯލުތަކުން ފެންނާނީ ދީޕިކާ ޕަދްކޯނާއި ޖޯން އަބްރަހަމެވެ.