ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ވަޒީފާ ގެއްލުނު މީހަކު ވަޒީފާއެއް ހޯދަން ކުރި އެތައް މަސައްކަތެއް ނާކާމިޔާބުމުން ރެއިލްވޭ ސްޓޭޝަނެއްގެ ވަޒީފާއެއްގެ އިންވިއު އަށް ދިޔަ އިރު ސީވީއަކަށް "އައި ވުޑް ލަވް ޓު ވޯކް" ލިޔެފައިވާ ބޯކަރުދާސްގަނޑެއް ގެންދިއުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
09 ސެޕްޓެމްބަރ 2020
ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ވަޒީފާ ގެއްލުނު މީހަކު ވަޒީފާއެއް ހޯދަން ކުރި އެތައް މަސައްކަތެއް ނާކާމިޔާބުމުން ރެއިލްވޭ ސްޓޭޝަނެއްގެ ވަޒީފާއެއްގެ އިންވިއު އަށް ދިޔަ އިރު ސީވީއަކަށް "އައި ވުޑް ލަވް ޓު ވޯކް" ލިޔެފައިވާ ބޯކަރުދާސްގަނޑެއް ގެންދިއުމުން އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.
އިނގިރޭސީ ޝާހީ އާއިލާ ދިރިއުޅުއްވާ ލަންޑަންގެ ބަކިންހަމް ޕެލަސްގެ ބަޓްލާއެއްގެ މަގާމު ވެސް ކުރިން އަދާކުރި ޓްރެވާ ވޮލްފޯޑް، 63، ބުނީ ވަޒީފާ ގެއްލުމުން އޮންލައިންކޮށް އެތައް ސަތޭކަ ވަޒީފާއަކަށް ކުރިމަތިލި ކަމަށެވެ. އެކަމަކު އެއްވެސް ދިމާލަކުން އިޖާބައެއް ނުލިބުމުން ލީޑްސްގެ ރެއިލްވޭ ސްޓޭޝަނަކަށް ބޯކަރުދާހުގެ ސީވީ ހިފައިގެން ދިޔައީ ކަމަށް ބުންޏެވެ. އޭގައި "އައި ވުޑް ލަވް ޓު ވޯކް" ގެ އިތުރުން "ޕްލީޒް ފީލް ފްރީ ޓު ޓޭކް އަ ސީވީ" ވެސް ލިޔެފައިވެ އެވެ. ޓްރެވާ އެ "ސީވީ" އާ އެކު ނަގާފައިވާ ފޮޓޯތަކެއް ވެސް ބައެއް ނޫސްތަކުގައި ޖަހާފައިވެ އެވެ.
އޭނާ ބުނީ މިކަމުން އެނގުނީ ވަޒީފާއެއް ހޯދުން އުނދަގޫ މިންވަރު ކަމާއި އަމުދުން ދުވަސްވީ މީހަކަށް ވަޒީފާ ދޭން ގިނަ ތަންތަނުން ބޭނުން ނުވުން ކަމަށެވެ. އެހެންވެ މިކަން ތަޖުރިބާކުރަން ޖެހޭ މީހުންނާއި ޒުވާނުން ވެސް މިފަދަ ގޮތަކަށް މިހާރު އަމަލުކުރަން ޖެހޭ ކަމަށް ބުންޏެވެ.
"އަހަރެންގެ ސީވީ ފެނިގެން ވަރަށް ގިނަ ޒުވާނުން ވެސް މެސެޖްކޮށްފައިވޭ. އަދި އެއީ އިންސްޕިރޭޝަނެއް ކަމަށް ބުނެ ހިތްވަރު ވެސް ދެމުން ގެންދޭ،" ޓްރެވާ ބުންޏެވެ.
އޭނާ ބުނީ އެންމެ ފުރަތަމަ ވަޒީފާ އަދާކުރީ ބަކިންހަމް ޕެލަސްގައި ކަމަށެވެ. އެއީ އުމުރުން އެންމެ 15 އަހަރުގަ އެވެ. އަދި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހޮސްޕިޓާލިޓީ ދާއިރާގައި މަސައްކަތްކުރި އެވެ. އޭގެ ތެރޭގައީ މަޝްހޫރު ރިޒް ހޮޓެލްސް ވެސް ހިމެނެ އެވެ. ފާއިތުވި 16 އަހަރު ޓްރެވާ މަސައްކަތްކުރީ ކްރޫޒްޝިޕް އޮޕަރޭޓްކުރާ ސާގާގަ އެވެ. އެކަމަކު ކޮވިޑާ އެކު ކުރިމަތިވި ލޮކްޑައުނާ ހެދި ދަތުރުތައް ހުއްޓުމުން ވަޒީފާ ގެއްލުނީ އެވެ.
ވަޒީފާއެއް ހޯދަން އުފުލަމުންދާ ބުރައިގެ ވާހަކަ ޓްރެވާ ލިންކެޑްގައި ހިއްސާކުރުމުން ބައެއް ކުންފުނިތަކުން މިހާރު ވަނީ ފުރުސަތުތަކެއް ދީފަ އެވެ. އޭގެ ތެރޭގައި ކޭޓަރިންގެ ހިދުމަތް ދޭ ތަންތަން ވެސް ހިމެނެ އެވެ.
"ކޭޓަރިން އެޖެންސީތަކަށް އެޕްލައިކުރާތާ ވެސް ދެ މަހެއްހާ ދުވަސްވެއްޖެ. އެއިން ތަނަކުން ކުރިން އެއްވެސް އިޝާރާތެއް ނުލިބި ވަނިކޮށް މިހާރު އެފަދަ ތަންތަނުން ހުށަހެޅުންތައް އެބައާދޭ." ޓްރެވާ ބުންޏެވެ.
އިސްތިއުފާގެ ސިޓީ: ސާފުކުރާ މީހާއާ އެންމެން އެއްވަރު
ބަކިމްހަމް ޕެލަސްގެ މަރާމާތަށް މީހަކު ހޯދަނީ
ރާނީ އަށް ސޯޝަލް މީޑިއާ މެނޭޖަރަކު ހޯދަނީ
ސްޓާޓަޕެއްގެ އިސް މަގާމެއް ޕްރިންސް ހެރީ އަށް
މޭގަން ބުލީކުރި މައްސަލަ ބަލަން ލޯ ފާމަކާ ހަވާލުކޮށްފި
ސިއްހީ ހިދުމަތަށް އެހީވެ ރެކޯޑް ހެދި މޯ މަރުވެއްޖެ
ބަކިންހަމް ޕެލަސްގެ ގާޑަން ޕާޓީތައް ކެންސަލް
އިނގިރޭސިވިލާތުގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ
ކޮވިޑާ ދެކޮޅަށް ފައިސާ ހޯދި މުސްލިމަކަށް ރާނީގެ އެވޯޑް
ޕިއްޒާ ޑެލިވަރީކުރާ މީހަކަށް 12،000 ޑޮލަރުގެ ޓިޕްސްއެއް