Roadha Mihaaru
ކޮވިޑާ ދެކޮޅަށް ފައިސާ ހޯދި މުސްލިމަކަށް ރާނީގެ އެވޯޑް

ކޮވިޑް-19 އާ ދެކޮޅު މަސައްކަތަށް ފަންޑް ހޯދި މުސްލިމަކަށް އިނގިރޭސި ރާނީގެ އެވޯޑެއް

12 އޮކްޓޯބަރ 2020

އިނގިރޭސިވިލާތުން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ފައިސާ އެއްކުރަން ހިނގި، އުމުރުން ދުވަސްވީ މުސްލިމަކު ދެއްކި ހިތްވަރު ފާހަގަކޮށް އިނގިރޭސި ރާނީ އެލިޒަބަތު ދެއްވާ ދަ މޯސްޓް އެކްސެލެންސް އޯޑަ އޮފް ދަ ބްރިޓިޝް އެމްޕަޔާ (އޯބީއީ) ގެ ޝަރަފު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިނގިރޭސިވިލާތުން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ފައިސާ އެއްކުރަން ހިނގި، އުމުރުން ދުވަސްވީ މުސްލިމަކު ދެއްކި ހިތްވަރު ފާހަގަކޮށް އިނގިރޭސި ރާނީ އެލިޒަބަތު ދެއްވާ ދަ މޯސްޓް އެކްސެލެންސް އޯޑަ އޮފް ދަ ބްރިޓިޝް އެމްޕަޔާ (އޯބީއީ) ގެ ޝަރަފު ދީފި އެވެ.

އެ ޝަރަފު ލިބުނު ދަބިރުލް އިސްލާމް ޗައުދަރީ ކިޔާ ބަންގްލާދޭޝް ދަރިކޮޅުގެ 100 އަހަރުގެ މީހާ ވަނީ މިދިޔަ ރޯދަ މަހުގެ ތެރޭގައި އީސްޓް ލަންޑަންގައި ހުންނަ އޭނާގެ ގޭގެ ބަގީޗާ ތެރޭގައި ފަންޑްރައިޒްކުރަން ހިނގައިގެން 420،000 ޕައުންޑް ހޯދައިފަ އެވެ. އެގޮތުން އެޕްރީލް 23 އިން މެއި 23 އަށް ދަބީރުލް ވަނީ 970 ލެޕަށް ހިނގައިފަ އެވެ.

އޭނާ ބުނި ގޮތުގައި މިކަން ކުރަން ހިތްވަރު ލިބުނީ ފަންޑްރައިޒްކުރަން ބަގީޗާ ތެރޭގައި ހިނގި އިނގިރޭސީ އަސްކަރިއްޔާގެ ކުރީގެ އޮފިސަރެއް ކަމަށްވާ 100 އަހަރުގެ ކެޕްޓަން ޓޮމް މޯގެ ކިބައިންނެވެ. އޭނާ ވަނީ ބަގީޗާތެރޭގައި ހިނގައިގެން 28 މިލިއަން ޕައުންޑް (36 މިލިއަން ޑޮލަރު) އެއްކޮށްފަ އެވެ. އަދި އެ އަދަދަކީ މިހާތަނަށް އެކަނި ފަރުދެއްގެ މަސައްކަތުން އެންމެ ގިނަ ފައިސާ ލިބުނު ފަހަރު ވެސް މެ އެވެ. އެއާ އެކު ޓޮމްގެ ނަން ވަނީ ދުނިޔޭގެ ރެކޯޑް ފޮތަށް ވެސް އަރައިފަ އެވެ.

ދަބީރުލް ބުނި ގޮތުގައި އުމުރުން ކިތަންމެ ދުވަސްވެފައި ހުއްޓަސް ވަރުގަދަ އަޒުމަކާ އެކު ކަމެއް ހާސިލުކުރަން ނުކުމެއްޖެ ނަމަ އެކަމެއް ކުރެވޭނެ އެވެ. އަދި އޭނާ ކުރި ހިތްވަރުން ވެސް އެކަން ސާބިތުވެއްޖެ ކަމަށް ބުންޏެވެ.

"ވަރަށް އުފާކުރަން އަހަރެންގެ މަސައްކަތް ފާހަގަކޮށް ރާނީގެ ޝަރަފު ލިބުނީތީ." ދަބީރުލް ބުންޏެވެ.

ބައްޕަ ދެއްކި ހިތްވަރާއި ރާނީގެ ފަރާތުން ލިބުނު ޝަރަފާ ބެހޭ ގޮތުން ދަބީރުލްގެ ދަރިފުޅު އަތީގް ބުނީ މިއީ އާއިލާ އަށް ވެސް ލިބުނު ވަރަށް ބޮޑު ފަހުރެއް، އުފަލެއް ކަމަށެވެ.

"ގިނަ ފަހަރަށް އަހަރެމެން ކަހަލަ ހިޖުރަކޮށްފައިވާ އާދައިގެ މީސްމީހުން ކުރާ ކަންކަމަކީ މާ ބޮޑު ސަމާލުކަމެއް ލިބޭ އަދި ބަޔަކު ބަލައިގަންނަ ކަންކަމެއް ވެސް ނޫން. އެކަމަކު ބައްޕަގެ ހިތްވަރުން އިނގިރޭސި ކޮވިޑް ރިލީފް ފަންޑަށް އެހިވާން ކުރި މަސައްކަތް އިނގިރޭސިވިލާތުން ބަލައިގަތުމަކީ އާދައިގެ ކަމެއް ނޫން،" އިނގިރޭސި ލިޓްރޭޗާ އިން ކުރިއަށް ދާން 1957 ގައި ލަންޑަނަށް ހިޖުރަކުރި ދަބީރުލްއާ ބެހޭ ގޮތުން ދަރިފުޅު ބުންޏެވެ.

އަތީގް ބުނި ގޮތުގައި ބައްޕަ މިހާރު ހުރީ ފަންޑްރައިޒްކުރަން ހިނގުން ކުރިއަށް ގެންދަން ވެސް ނިންމައިގެންނެވެ. އަދި ބައްޕަގެ މަސައްކަތުން ބަޔަކަށް އެހީވެވޭނެ ގޮތް ވުމަކީ މުޅި އާއިލާ އަށް ވެސް ލިބޭ ހިތްހަމަޖެހުމެއް ކަމަށް ބުންޏެވެ.

ދަބީރުލްގެ ފަންޑްރައިޒުން ލިބުނު ފައިސާ ހަދިޔާކުރީ އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އާއި ރަމަދާން ފެމިލީ ކޮމިޓްމަންޓް (އާރްއެފްސީ) ގެ ދަށުން 52 ގައުމެއްގެ 30 ޗެރިޓީއަކަށް ވަނީ ދީފަ އެވެ. އާރްއެފްސީ އަކީ އިނގިރޭސިވިލާތުގައި ހިންގާ އިނގިރޭސި-ބަންގްލާ ޓީވީ ޗެނެލް "ޗެނެލް އެސް" ގެ އިނިޝިއޭޓިވްއެކެވެ.