Roadha Mihaaru
ރޮނާލްޑޯ ގައުމީ ޓީމަށް 100 ގޯލު ހަމަކޮށްފި

ރޮނާލްޑޯ ގައުމީ ޓީމަށް 100 ގޯލު ހަމަކޮށްފި

09 ސެޕްޓެމްބަރ 2020

ސޮލްނަ، ސްވިޑެން (ސެޕްޓެމްބަރު 9) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޑަން އަތުން 2-0 އިން ޕޯޗުގަލް މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާ އެކު ގައުމީ ޓީމަށް އޭނާ ޖަހައިދިން ގޯލުގެ އަދަދު 100 އަށް އަރައިފި އެވެ.

ސޮލްނަ، ސްވިޑެން (ސެޕްޓެމްބަރު 9) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޑަން އަތުން 2-0 އިން ޕޯޗުގަލް މޮޅުވި މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ދެ ގޯލާ އެކު ގައުމީ ޓީމަށް އޭނާ ޖަހައިދިން ގޯލުގެ އަދަދު 100 އަށް އަރައިފި އެވެ.

އުމުރުން 35 އަހަރުގެ ރޮނާލްޑޯ އަށް ވުރެ ގައުމީ ޓީމަށް ގިނަ ގޯލު ޖަހައިދީފައިވަނީ އީރާނުގެ ލެޖެންޑް އަލީ ދާއީ އެކަންޏެވެ. އަލީ ދާއީ ވަނީ އީރާން ގައުމީ ޓީމަށް 109 ގޯލު ޖަހައިފަ އެވެ. މިވަގުތު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ދެން އެންމެ ކުރީގައި އުޅެނީ އިންޑިއާގެ ސުނިލް ޗެތުރީ އާއި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އެވެ. ޗެތުރީ 72 ގޯލު ޖަހާފައިވާއިރު، މެސީ ވަނީ 70 ގޯލު ޖަހައިފަ އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ސްވިޑަން އަށް މައްސަލަ ދިމާވީ މެޗުގެ 44 ވަނަ މިނިޓްގައި އެ ޓީމުގެ ގުސްޓާވް ސްވެންސަން އަށް ރަތް ކާޑު ދެއްކުުމުންނެވެ. އޭގެ މިނިޓެއް ފަހުން ރޮނާލްޑޯ ޕޯޗުގަލް އަށް ލީޑުނަގައިދިނީ ހިލޭ ޖެހުމަކުންނެވެ. ރޮނާލްޑޯ ދެ ވަނަ ގޯލު ޖެހީ މެޗުގެ 72 ވަނަ މިނިޓްގައި އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުންނެވެ.

ރޮނާލްޑޯ ގައުމީ ޓީމަށް ޖަހައިދިން 101 ގޯލުގެ ތެރެއިން 49 ގޯލު ކާމިޔާބުކުރީ އޭނާގެ އުމުރުން 30 އަހަރުވި ފަހުންނެވެ. އެ ފަހުން އޭނާ ވަނީ ގައުމީ ޓީމަށް 47 މެޗު ކުޅެދީފަ އެވެ. ރޮނާލްޑޯ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލަކީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ގްރީސް ކޮޅަށް ޖެހި ގޯލެވެ. އޭރު އޭނާގެ އުމުރަކީ 18 އަހަރެވެ.

"މިއީ އަހަރެން ވަރަށް އުއްމީދުކޮށްގެން ހުރި ދުވަހެއް. ގައުމީ ޓީމަށް 100 ގޯލު ހަމަކުރަން އަހަރެން ވަރަށް މަސައްކަތްކުރަމުން އައީ. މީގެ ކްރެޑިޓް އަހަންނާ އެކު ކުޅުނު ކުޅުންތެރިންނަށް ވެސް ހައްގުވޭ،" ޕޯޗުގަލްގެ އާރްޓީޕީ އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުންޏެވެ.

ފްރާންސްގެ ޖިރޫޑް ކްރޮއޭޝިއާ ކޮޅަށް ޕެނަލްޓީ ފޮނުވާލަނީ: ރޭގެ މެޗަކީ ޖިރޫޑް ފްރާންސަށް ކުޅެދިން 99 ވަނަ މެޗު.-- ފޮޓޯ: އޭއެފްޕީ

ފްރާންސްގެ ޖިރޫޑް ކްރޮއޭޝިއާ ކޮޅަށް ޕެނަލްޓީ ފޮނުވާލަނީ: ރޭގެ މެޗަކީ ޖިރޫޑް ފްރާންސަށް ކުޅެދިން 99 ވަނަ މެޗު.-- ފޮޓޯ: އޭއެފްޕީ

މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ފްރާންސުން ވަނީ ކްރޮއޭޝިއާ 4-2 އިން ބަލިކޮށްފަ އެވެ. މިއީ މީގެ ދެ އަހަރު ކުރިން ރަޝިއާގައި ބޭއްވި ފީފާ ވޯލްޑް ކަޕް ފައިނަލުގައި ވެސް ނުކުތް ނަތީޖާ އެވެ. ރޭގެ މެޗުގައި ކްރޮއޭޝިއާ އަށް ޑޭޔާން ލޮވްރެން ލީޑުނަގައިދީފައިވަނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ފްރާންސުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އެންޓޮއިން ގްރީޒްމަން ފްރާންސަށް އެއްވަރުކޮށްދިންއިރު، އެ ޓީމުން ލީޑުނެގި ގޯލަކީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވަކޮވިޗް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެ ގޯލުގައި ފްރާންސްގެ ފޯވާޑް އެންތަނީ މާޝިއަލްގެ ދައުރު ބޮޑެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން 10 މިނިޓް ތެރޭ ކްރޮއޭޝިއާ އަށް އެއްވަރުކޮށްދިނީ ޔޯސިފް ބްރެކާލޯ އެވެ. ފްރާންސް މޮޅުކޮށްދިން ލަނޑުތައް ޖެހީ ޒުވާން ޑިފެންޑަރު ޑަޔޫޓް އުޕަމެކާނޯ އާއި އޮލިވިއޭ ޖިރޫޑް އެވެ. ޕެނަލްޓީ އަކުން ޖިރޫޑް ޖެހި މި ގޯލަކީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 40 ވަަނަ ގޯލެވެ. ކޮވިޑް-19 ޖެހިގެން ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭ ރޭގެ މެޗުގައި ނުކުޅެ އެވެ.

ގްރޫޕް ދޭއްގައި ރޭ އިންގްލެންޑް ރަށުން ބޭރުގައި ޑެންމާކާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ބެލްޖިއަމް ވަނީ 5-1 އިން އައިސްލެންޑް ބަލިކޮށްފަ އެވެ. ބެލްޖިއަމްގެ ގޯލުތައް ޖެހީ މިޗީ ބަޓްޝުއާޔީ ދެ ގޯލާއި އެކްސެލް ވިޓްސެލް، ޑްރީސް މާޓެންސް އަދި ޖެރެމީ ޑޮކޫ އެވެ. އައިސްލެންޑްގެ ހަމައެކަނި ގޯލު ޖެހީ ހޮލްމްބާޓް ފްރިޑްޔޯންސަން އެވެ.