Roadha Mihaaru
އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ސިޔާމަށް

އެންމެ ބޮޑު އާމްދަނީއެއް ލިބުނު މެމްބަރަކީ ސިޔާމް

09 ސެޕްޓެމްބަރ 2020

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބިވަޑައިގެންނެވީ ޓޫރިޒަމް ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ކަން އާއްމުކުރި މާލީ ބަޔާންތަކުން އެނގިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބިވަޑައިގެންނެވީ ޓޫރިޒަމް ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ކަން އާއްމުކުރި މާލީ ބަޔާންތަކުން އެނގިއްޖެ އެވެ.

ރިސޯޓްތަކެއް ހިންގަވާ ސިޔާމްގެ މާލީ ބަޔާނުގައިވާ ގޮތުން އޭނާއަށް މިދިޔަ އަހަރުގެ މޭ މަހުން ފެށިގެން މިއަހަރުގެ މޭ މަހުގެ ނިޔަލަށް މުސާރައިގެ ގޮތުގައި 20.2 މިލިޔަން ރުފިޔާ ލިބިވަޑައިގަތެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ލިބިވަޑައިގަތް މުސާރަ އާއި އިނާޔަތްތަކާއި އަމިއްލަ ކުންފުނިން ނެންގެވި މުސާރައާ އެކު ޖުމްލަކޮށް ލިބިވަޑައިގަތް އަދަދެެވެ. އޭގެ އިތުރުން ކުންފުނިތަކުގެ ހިއްސާގެ ފައިދާގެ ގޮތުގައި ސިޔާމަށް މި މުއްދަތުގައި 887،520ރ. ލިބިވަޑައިގަތެވެ. އެއާ އެކު މާލީ ބަޔާނުގެ މުއްދަތުގައި އޭނާއަަށް 21.1 މިލިޔަން ރުފިޔާ ލިބިވަޑައިގެންނެވި އެވެ.

ސިޔާމަށް މިވަރުގެ އާމްދަނީއެއް ލިބިވަޑައިގަތް އިރު އޭނާގެ ބޭންކް އެކައުންޓްތަކާއި ގެދޮރައި ވެހިކަލް އަދި ހިއްސާއާ އެކު އޭނާގެ މިލްކިއްޔާތުގެ އަގަކީ މާލީ ބަޔާނުން ދައްކާ ގޮތުގައި 25 މިލިޔަން ރުފިޔާ އެވެ.

އެންމެ ބޮޑު އާމްދަނީއެއް މިދިޔަ އަަހަރު ލިބިވަޑައިގެންނެވީ ސިޔާމަށް ކަމަށް ވިޔަސް މިލްކިއްޔާތުގެ އެންމެ އަގު ބޮޑީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެވެ. އޭނާގެ މިލްކިއްޔާތުގެ އަގު އެއް ބިލިޔަން ރުފިޔާއަށް ވުރެ މައްޗެވެ. އެކަމަކު މާލީ ބަޔާނުގެ މުއްދަތުގައި ގާސިމަށް ލިބިވަޑައިގެންނެވި އާމްދަނީ ސިޔާމަށް ވުރެ މަދެވެ. ގާސިމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަތީ 9.5 މިލިޔަން ރުފިޔާ އެވެ.

ސިޔާމަށް 25 މިލިޔަން ރުފިޔާއަށް ވުރެ ބޮޑު އާމްދަނީއެއް ލިބިވަޑައިގެންނެވި ނަމަވެސް އޭނާ ނަންގަވާފައިވާ ލޯނުތަކަށް ދައްކަވަން ޖެހިވަޑައިގަންނަވާ އަދަދު ވެސް ބޮޑެވެ.

ލޯނުގެ ގޮތުގައި ސިޔާމް ދެ ބޭންކަކަށް، ދިވެހި ރުފިޔާއިން ބަލާ ނަމަ 31.2 މިލިޔަން ރުފިޔާ ދައްކަވަން އޮތް އިރު މާލީ ބަޔާނުގެ މުއްދަތުގައި އޭނާ 3.3 މިލިޔަން ރުފިޔާ ދައްކަވާފައި ވެ އެވެ.