Roadha Mihaaru
މެމްބަރުންގެ އަނބިދަރިންގެ ބަޔާން ހާމަނުކުރާ ގޮތްހަދަނީ

މެމްބަރުންގެ އަނބިދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް ހަދަނީ

30 ޖޫން 2020

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިންނާއި ދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަނބިންނާއި ދަރިންގެ މާލީ ބަޔާން އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެންނަން މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން މެމްބަރުންނާއި މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓްގައި އާންމު ކުރަން ޖެހޭނެ އެވެ.

ގަވާއިދުގެ އެ ބައި އިސްލާހުކޮށް، މެމްބަރުންގެ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ކުރަން ނުޖެހޭ ގޮތަށް އިސްލާހު ގެންނަން އާންމު ކޮމެޓީ އަށް ހުށަހެޅުއްވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ކޮމެޓީން ނިންމީ މެމްބަރުންގެ އަނބިންނާއި ދަރިން ނުހިމެނޭ ގޮތުން މެމްބަރުގެ މާލީ ބަޔާން އެކަނި އާންމު ކުރަން ޖެހޭ ގޮތަށް އިސްލާހު ގެނައުމަށެވެ.

ކޮމެޓީން ގެނައިި އެ އިސްލާހު ފާސް ކުރާނީ މަޖިލީހުގެ ތަޅުމުންނެވެ.

ކޮމެޓީން އެގޮތަށް ނިންމުމުގެ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އިތުރުން އޮޑިޓާ ޖެނެރަލްގެ ލަފާ ހޯދާފައިވެ އެވެ. އެ މުއައްސަސާތަކުން ވެސް ލަފާ ދިނީ އަނބިން ނުވަތަ ފިރިންނާއި ދަރިންގެ މާލީ ބަޔާން އާންމު ކުރުން ރަނގަޅު ނޫން ކަމަށެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާ ދިނީ މާލީ ބަޔާންތައް މަޖިލީހުގެ އަމީން އާންމަށް ހުށަހެޅުމުގެ ބަދަލުގައި އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހޭ ގޮތަށް ހެދުމަށެވެ، އެކަމަކު ކޮމެޓީން ނިންމީ ގާނޫނުއަސާސީ އޮތްގޮތުން އެ ބަދަލު ގެނެވެން ނެތް ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކޮންމެ އަހަރެއްގެ އޮގަސްޓް މަސް ނިމުމުގެ ކުރިން ކޮންމެ މެމްބަރަކާއި އަނބިން ނުވަތަ ފިރިންނާއި 18 އަހަރު ނުފުރޭ ކުދިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭނެ އެވެ. އެ ބަޔާން ހުށަނާޅައިފި ނަމަ، އޭނާގެ ނަން މަޖިލީހުގެ ތަޅުމުގައި އިއްވުމަށް ފަހު ޖަލްސާތަކަކާއި ކޮމެޓީތަކުގައި ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރެވޭނެ އެވެ. އަދި ސަސްޕެންޑް ކޮށްފައި ހުންނަ މުއްދަތުގައި މުސާރަ ވެސް ކެނޑޭނެ ކަމަށް ގަވާއިދުގައިވެ އެވެ.