Roadha Mihaaru
ރެކޯޑް އަދަދަކަށް ކޮވިޑުން މީހުން ރަނގަޅުވި ދުވަހެއް

ރެކޯޑް އަދަދަކަށް ކޮވިޑުން މީހުން ރަނގަޅުވި ދުވަހެއް

12 ސެޕްޓެމްބަރ 2020

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން އިއްޔެ އަކީ އެންމެ ގިނަ މީހުން އެ ބަލިން ރަނގަޅުވެ ދޫކޮށްލަން ނިންމި ދުވަސް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން އިއްޔެ އަކީ އެންމެ ގިނަ މީހުން އެ ބަލިން ރަނގަޅުވެ ދޫކޮށްލަން ނިންމި ދުވަސް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އިން ރޭ އާއްމުކުރި މައުލޫމާތުން އެނގުނު ގޮތުގައި ބުރާސްފަތިދުވަހުގެ ހަވީރު 6:00 އިން އިއްޔެ ހަވީރު 6:00 އަށް 287 މީހަކު ކޮވިޑުން ރަނގަޅުވެފައިވާ ކަމަށް ވަނީ ނިންމައިފަ އެވެ. މީގެ ކުރިން، ރަނގަޅުވި މީހުންގެ އަދަދު އެއް ދުވަހާ މިހާ ގިނައެއް ނުވެ އެވެ. އެ 24 ގަޑިއިރުގެ ތެރޭގައި އެބައްޔަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 90 އެވެ.

ބަލިން ރަނގަޅުވި މީހުންގެ އަދަދު އިތުރުވި އިރު ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދު ވެސް ލޮކްޑައުންގެ ލުއިތަކާ އެކު ކޭސްތައް އިތުރުވިތާ އެތައް ދުވަހެއް ފަހުން މިހާރު ވަނީ 1،000 އަށް ވުރެ މަދުވެފަ އެވެ. ފެސިލިޓީތަކުގައި މިހާރު ތިބީ 951 މީހުން ކަމަށް ރޭގެ ހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިފަހުން އެ ބަލީގެ ކޭސްތައްް އެންމެ ގިނަވީ މިދިޔަ މަހު އެވެ. އޭރު ގިނަ ދުވަސްތަކުގައި ކޮވިޑް ކޭސްތަކުގެ އަދަދު 100 އަށް ވުރެ މަތީގައި ހުރި އިރު ބައެއް ދުވަސްތަކުގައި 200 އަށް ވުރެ ވެސް އިތުރުވި އެވެ. އެކަމަކު މިހަރު އެ ބަލީގެ ކޭސްތައް ފެންނަަވަރު މަޑުމަޑުން ދަށަށްދާން ވަނީ ފަަށައިފަ އެވެ. އެގޮތުން މިހާރު އާއްމޮށް އެބަލީގެ ކޭސްތަކުގެ އަދަދު ދުވާލަލު 100 އަށް ވުރެ މަދެވެ.

ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ މިދިޔަ ހޯމަ ދުވަހު ވިދާޅުވެފައިވާ ގޮތުގައި މިމަހު ފަހުކޮޅު ކޭސްތަކުގެ އަދަދު ދަށަށް ދާން ފަށާނެ ކަމަށް ލަފާކުރެވެ އެވެ.

ކޮވިޑްގެ ކޭސްތައް ފެންނަވަރު މަދުވާން ފެށި އިރު ރާއްޖެއިން އެބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 9،000 އާ ގާތްވެފަ އެވެ. އިއްޔެ އާއްމުކުރި އަދަދުތަކާ އެކު މިހާރުގެ ޖުމްލަ އަކީ 8،990 އެވެ. އޭގެ ތެރެއިން 6،846 މީހަކު ރަނގަޅުވި އިރު 31 މީހަކު ވަނީ މަރުވެފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ މިހާރު 2،113 އެވެ.