Roadha Mihaaru
ކޮވިޑް-19: ކޭސްތަކުގެ އަދަދު މަދުވާން ފަށައިފި

ކޮވިޑް-19: ކޭސްތަކުގެ އަދަދު މަދުވާން ފަށައިފި

30 މެއި 2021

މިދިޔަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދާއި އެކްޓިވް ކޭސްތަކުގެ މިދިޔަ ދެތިން ހަފްތާއަކާ އަޅައި ބަލާއިރު ދަށަށް ހިނގައްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިދިޔަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދާއި އެކްޓިވް ކޭސްތަކުގެ މިދިޔަ ދެތިން ހަފްތާއަކާ އަޅައި ބަލާއިރު ދަށަށް ހިނގައްޖެ އެވެ.

ހެލްުތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ޓެސްޓްކުރި 4،356 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 780 ސާމްޕަލް އެވެ.

އެ 24 ގަޑި އިރުގެ ތެރޭގައި 1،081 މީހަކު އެ ބަލިން ރަނގަޅުވެ، އެކްޓިވް ކޭސްތަކުގެ އަދު ވެސް ވަނީ ދަށްވެފަ އެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 24،205 އެވެ. މި 24 ގަޑިއިރުގެ ކުރިން 24،507 އެކްޓިވް ކޭސް އޮތެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުން މިދިޔަ ތިން ދުވަހު ވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަށް ވުރެ، އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ގިނަ އެވެ. އެގޮތުން އިއްޔެ ހަވީރު 6:00 އަށް ނިމުނު 24 ގަޑިއިރުގެ ތެރޭގައި އެ ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 10،62 ކަމަށް ވާއިރު ރަނގަޅުވީ މީހުންގެ އަދަދަކީ 1.371 އެވެ. ހުކުުރު ދުވަހުގެ ހަވީރަށް ނިމުނު 24 ގަޑިއިރުގެ ތެރޭގައި 901 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު ރަނގަޅުވި މީހުންގެ އަދަދަކީ 1،497 އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ވުރެ އެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު މަތީގައި ހިފެހެއްޓިފައި ހުރުމުން، އެ ބަލީގައި ހާލުބޮޑުވާ މީހުންގެ އަދަދު ވެސް ވަނީ ދަށަށް ދާން ފަށައިފަ އެވެ. ކޮވިޑަށް ފަރުވާ ކުރުމަށް ޓަކައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު ވެސް ވަނީ މިއާ އެކު ދަށް ވެފަ އެވެ. އެގޮތުން މިހާރު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައި ތިބީ 218 މީހުންނެވެ.

ކޮވިޑްގެ ކޭސްލޯޑް ދަށްވާން ފަށާފައި މިވަނީ ކޭސްތަކުގެ އަދަދު ކުއްލިއަކަށް އިތުރުވުމުން، ކޮންޓްރޯލްކުރަން ފިޔަވަޅުތައް ވަރުގަދަކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

ރާއްޖޭން މިހައިތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ 63،686 އެވެ. އެބަލީގައި ރާއްޖޭން 158 މީހަކު ވަނީ މަރުވެފަ އެވެ.