Roadha Mihaaru
އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުން މަނާކޮށްފި

އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން މަނާކޮށްފި، ރާއްޖެ އަށް ދައްޗެއް ނެތް

15 ސެޕްޓެމްބަރ 2020

އިންޑިއާގައި ފިޔާ އުފެއްދުން ދަތިވެ އެކްސްޕޯޓު ކުރުން މަނާކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އިންޑިއާގައި ފިޔާ އުފެއްދުން ދަތިވެ އެކްސްޕޯޓު ކުރުން މަނާކޮށްފި އެވެ.

އެ ގައުމުގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެންމެ ގިނައިން ފިޔާ އުފައްދާ ކަރްނާޓަކާ އާއި އަންދްރަ ޕްރަދޭޝް އަށް ކުރި ވިއްސާރައިގެ ސަބަބުން ފިޔާ ދަނޑުތައް ވަނީ އެއްކޮށް ހަލާކުވެފަ އެވެ. މީގެ ސަބަބުން ފިޔާ ލިބުން ދަތިވެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ.

އިންޑިއާއިން އިއްޔެއާ ހަމައަށް ފިޔާ އެކްސްޕޯޓު ކުރަމުން އައީ ޓަނެއް 408.52 ޑޮލަރު (7،070ރ.) އަށެވެ.

އެ ގައުމުގެ ފޮރިން ޓްރޭޑް، ޑިރެކްޓާ ޖެނެރަލް އަމިތު ޔާދަވް ސޮއި ކުރައްވައި ނެރުނު ބަޔާނެއްގައި ވަނީ ފިޔާ އެކްސްޕޯޓު ކުރުން މަނާކޮށްފަ އެވެ. ނަމަވެސް އެ ގައުމުން ހާއްދަ ހުއްދައިގެ ދަށުން އެކްސްޕޯޓް ކުރާ ގައުމުތައް މީގެ ތެރޭގައި ނުހިމެނޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ހާއްސަ ހުއްދައެއްގެ ދަށުން އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެ އެވެ. އެހެންކަމުން ރާއްޖެއަށް ފިޔާ ލިބުމުގައި ދަތި ނުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުުން މަނާކުރި ނަމަވެސް ހާއްސަ ހުއްދައެއްގެ ދަށުން، ނިމިދިޔަ މަހު އާކޮށްދީފައިވާ ކޯޓާއާ އެއްގޮތަށް މެދު ނުކެނޑި އަދި ދަތިކަމެއް ނެތި ރާއްޖެއަށް ފިޔާ އެކްސްޕޯޓު ކުރެވޭނެ." ފޮރިން މިނިސްޓްރީން ބުންޏެވެ.

އިންޑިއާއިން ވަނީ މިދިޔަ މަހު ފިޔާއާއި އަލުވިއާއި ހަނޑުލާއި ހަކުރާއި ފުށާއި ބިހާއި މުގު ހިމެނޭހެން ޒަރޫރީ ބޭނުންތަކަށް އެ ގައުމުން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ކޯޓާ އާ ކޮށްދީފަ އެވެ.