ރާއްޖޭގެ އެންމެ ބޮޑު އަދި ހިމާޔަތްކޮށްފައިވާ ކަނޑޫފާތަކުގެ ތެރެއިން ހދ. ވައިކަރަދޫ ކަނޑޫފާ ވެސް ހަލާކުވެ މަރުވާން ފަށައިފި އެވެ.
15 ސެޕްޓެމްބަރ 2020
ރާއްޖޭގެ އެންމެ ބޮޑު އަދި ހިމާޔަތްކޮށްފައިވާ ކަނޑޫފާތަކުގެ ތެރެއިން ހދ. ވައިކަރަދޫ ކަނޑޫފާ ވެސް ހަލާކުވެ މަރުވާން ފަށައިފި އެވެ.
ހދ. ވައިކަރަދޫގެ ޒުވާނުންތަކެއް ކަނޑޫފަލަށް ގޮސް ނަގާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ. އެ ފޮޓޯތަކުން ފެންނަނީ ކަނޑޫފަލުގެ ވަރަށް ބޮޑު ބައެއް މަރުވެފައި އޮއްވަ އެވެ. ސަލާމަތުން ވަނީ ވަށައިގެން ހުރި ބޮޑެތި ގަސްތަކެވެ.
ވައިކަރަދޫގެ ޒުވާނެއް ކަމަށްވާ ހުސައިން ނުވާސް "މިހާރު"އަށް ބުނީ އެކުވެރިންނާ އެކު އެތަނަށް އިއްޔެ ދިޔައީ ކަނޑޫފާ މަރުވާ ވާހަކަ މީހުން ދައްކާތީ ބަލައިލަން ކަމަށެވެ. ނަމަވެސް ފެނުނީ ހިތަށް ވެސް ނާރާ ފަދަ މަންޒަރެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި މީގެ ދެތިން މަސް ކުރިން ވެސް ކަނޑޫފަލަށް އޭނާ ދިޔަ އެވެ. އޭރު އެ އަތޮޅުގެ ނޭކުރެންދޫ ކަނޑޫފާ މަރުވަމުންދާ ކަމުގެ ހަބަރުތައް އޮތީ ފެތުރިފަ އެވެ. ނަމަވެސް ވައިކަރަދޫގެ ކަނޑޫފާ އޮތީ ރަނގަޅަށް ކަމަށް ނުވާސް ބުންޏެވެ. އެހެންކަމުން މިހާރު އެ ފެންނަ ގޮތަށް ބޮޑު ބައެއް އެ މަރުވީ، އޭނާ ބުނި ގޮތުގައި، ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ އެވެ.
"މީގެ ދެ މަސް ކުރިން ދިޔަ އިރު ހަމަ ވަރަށް ބަރާބަރު. އޮގަސްޓު މެދު ތެރެއިން ކިޔަން ފެށީ ހަލާކު ވަނީއޭ. ދެން އޭރު ދިޔަ އިރު ކުޑަކޮށް މިލާފައި ހުރީ ގަސް އެކީ މަރެއްނުވޭ،" ނުވާސް ބުންޏެވެ.
"ފުރަތަމަ އެންމެން ވެސް ހީކުރީ ބޮޑެތި ގަސްތައް މަރުވަނީއޭ. އެކަމަކު އެތާ ހުރި ކުދި ގަސްތައް ވެސް މިހާރު ހުރީ މަރުވެ ދަނޑި ވެފައި."
ކަނޑޫފަލުގައި ހުރި ގަސްތައް މަރުވެ ހިކިފައި: މިއީ ވަރަށް ބޮޑު ގެއްލުމެއް
މޭ މަހާއި ޖޫން މަހު ވެސް އެރަށުގެ މީހުން ކަނޑޫ ފަލަށް ގޮސް، ނުވާސްގެ ބަހުން ނަމަ، "ބަސްތާތައް ފުރާ ކަނޑޫ ނަގި" އެވެ. އޭގެ ފަހުން އޮގަސްޓު މަހު ވެސް އެތަނުގައި އެވަރަށް ކަނޑޫ އޮތް ކަމަށް ރަށު މީހުން ބުނެ އެވެ.
މިހާރު ޔަގީންވަނީ ރާއްޖޭގެ އެެހެން ކަނޑޫފާތަކަށް ވެސް ދިމާވި މައްސަލަ، ވައިކަރަދޫގެ ގުދުރަތީ އެ ރީތިކަމާއި ހިމާޔަތަށް ވެސް ކުރިމަތިވީ ކަމެވެ. ކަނޑޫ ގަސްތައް މަރުވުން ފިޔަވައި، އެ ސަރަހައްދުން އާދަޔާ ހިލާފު އެހެން ކަމެއް ފާހަގަވެފައި ނުވާ ކަމަށް، ރަށު ޒުވާނުން ބުނެ އެވެ.
"ފާހަގަވޭ މިހެން ވެފައި އޮތީ ބޮޑަށް ޗަކަ ބިންގަނޑުން ކަން. މުޅި ތަން އޮތީ ހަމަ އެއްކޮށް ހިކިފައި. ގަސްތައް ވެސް ހަމަ ހިކި ދަނޑިތަކަކަށް ވެފައި. އެ ސަރަހައްދުގައި އެއްވެސް ދިރުމެއް ނެތް،" ނުވާސް ބުންޏެވެ.
"ހިއެއް ނުވޭ ދެން އަވަހަށް ރިކަވާ ވާނެ ހެނެއް ވެސް."
ބޮޑަށް ގެއްލުންވެފައި ވަނީ ކިސަނޑު ބިންގަނޑަށް: އެ ސަރަހައްދު މިހާރު އޮންނަނީ ހިކިކޮށް
ވައިކަރަދޫގެ އުމުރުން ދުވަސްވީ މީހުން ބުނާ ގޮތުގައި ރަށުގެ ކަނޑޫފަލަށް އެވަރުގެ ބޮޑު ގެއްލުމެއް ވީ އެއްވެސް ދުވަސްވަރެއް އެމީހުންގެ ހަނދާނަކަށް ނާދެ އެވެ.
ރަށުގެ ޒުވާނުންް މިހާރު ވަނީ ރަށު ކައުންސިލްގެ ސަމާލުކަމަށް އެ މައްސަލަ ގެނެސްފަ އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ނަސީމް "މިހާރު" އަށް ވިދާޅުވީ ކަނޑޫފަލުގެ ހާލަތު ކަމާ ބެހޭ އިދާރާތަކަށް އަންގަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެންވަޔަރަމަންޓް މިނިސްޓްރީ އާއި އީޕީއޭ އަދި ތިމާވެށީގެ ކަންކަން ބަލަހައްޓާ އެކި އެންޖީއޯތަކުގެ ސަމާލުކަމަަށް ގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކަނޑޫފަލުން މިހާރު އެ ފެންނަނީ ނުވާސް ފަދަ ޒުވާނުންގެ ލޮލުން ކަރުނަ ހިލޭ ފަދަ މަންޒަރުތަކެކެވެ. އެ މުޅި ކަނޑޫފާ މަރުވެ، ހިސާބުގަނޑު "ހަނަފަސް" ވެދާނެކަމުގެ ބިރު ވެސް އެ މީހުންގެ އެބަ އޮތެވެ.
"ވާނުވާ ނޭނގި މިހާ އަވަހަށް ކަނޑޫފާ މަރުވާން ވެއްޖެއްޔާ ތިން މަހެއްހާ ދުވަސް ފަހުން މި ތަން ބަލައިލަން އަޔަސް މީހުންނަށް ދައްކާކަށް ކަނޑޫފަލެއް ނޯންނާނެ،" އޭނާ ބުންޏެވެ.
ވައިކަރަދޫން މިހާރު މި ފެންނަނީ ރާއްޖޭގެ ކަނޑޫފާތަކަށް މި ފަހުން ކުރިމަތިވަމުން ދާ ނުރައްކަލުގެ މަންޒަރުތަކެވެ. އީޕީއޭ އާއި އެންވަޔަރުމަންޓް މިނިސްޓްރީގެ އިތުރުން ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ އާންމުން ގެންދަނީ، އޭގެ ސަބަބު ދެނެގަތުމުގެ މަސައްކަތްކުރަމުންނެވެ.
ކަނޑޫފާތައް ބަލިކަށިކޮށްލާ ފަންގަސްއެއް ފެނިއްޖެ
ކެލައާއި ނޭކުރެންދޫ ކަނޑޫފަލަށް ދިމާވި މައްސަލަ ތަފާތު
ޕީޓްރަލް ކައިރީ ހުރި 35 އަހަރުވީ ނިކަގަސް ކަނޑާލަނީ
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ރޯދައާ ދިމާކޮށް މަގުތަކުގައި ކުނިބަހައްޓާތީ ކަންބޮޑުވުން
މަޑިއަށް ކާންދޭ މައްސަލަ ބޮޑުވެއްޖެ
މޫދަށް ކްލޮރިން އެޅުމުން ދިރުންތައް މަރުވެގެން ލައްގަނީ
ފަރަށް އުރިފައިވާ 8 އުޅަނދު އަދިވެސް ފުން ނުކުރޭ!
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
ކުޑަގިރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ދައްކަން ހުކުމް