Roadha Mihaaru
ހިރާނީގެ ފިލްމުގައި ޝާހްރުކާ އެކީ ތާޕްސީ؟

ރާޖްކުމާރު ހިރާނީގެ ފިލްމުގައި ޝާހްރުކް ޚާނާ އެކީ ތާޕްސީ ޕައްނޫ؟

18 ސެޕްޓެމްބަރ 2020

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޝާހްރުކް ޚާނާ އެކު ހަދާ ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ތާޕްސީ ޕައްނޫ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޝާހްރުކް ޚާނާ އެކު ހަދާ ފިލްމުގެ ބަތަލާގެ ރޯލުން ފެންނާނީ ތާޕްސީ ޕައްނޫ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމުފެއާ އިން ބުނިގޮތުގައި ހިރާނީ ވަނީ ފިލްމާ ބެހޭ ގޮތުން ތާޕްސީއާ ވާހަކަ ދައްކައިފަ އެވެ. އަދި އޭނާ ފިލްމުން ޝާހްރުކާ އެކު ފެނުމުގެ ފުރުސަތު ބޮޑެވެ. ނަމަވެސް "ސަންޖޫ" އާއި "ޕީކޭ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރު އާ ފިލްމާ ބެހޭ ގޮތުން މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކާތީ އެކަން ކަށަވަރެއް ނުވެ އެވެ.

މީޑިއާތަކުން އެންމެ ފުރަތަމަ މިދިޔަ އަހަރު ރިޕޯޓްކޮށްފައިވާ ގޮތުގައި ހިރާނީއާ އެކު ޝާހްރުކް އަލަށް މަސައްކަތްކުރާ ފިލްމުގެ ބަތަލާ އަކީ ހިރާނީގެ "3 އިޑިއަޓްސް" ގެ ބަތަލާ ކަރީނާ އެވެ. އެކަމަކު ދުވަސްތަކެއް ފަހުން އަޑުއެރީ ޝާހްރުކާ އެކީ ފެންނާނީ ކާޖޮލް ކަމަށް ބުނެ އެވެ.

އަންނަ އަހަރު ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ހިރާނީގެ އާ ފިލްމަކީ ހިޖުރަކުރުމާ ބެހޭ ގޮތުން ހަދާ ސޯޝަލް ކޮމެޑީއެކެވެ. މީގެ މަންޒަރުތައް ނަގާނީ އިންޑިއާގެ ޕަންޖާބާއި ކެނެޑާގައި ކަމަށްވެ އެވެ.

ޝާހްރުކާ އެކީ ސްކްރީން ހިއްސާކޮށްލަން ތާޕްސީ އަށް ލިބުނު ކަމަށް ބުނާ ވާހަކަ އަކީ ތެދަކަށްވެއްޖެ ނަމަ އެކަންވެގެން ދާނީ ދެ ތަރިން އެކީގައި ފިލްމަކުން ފެންނާނެ ފުރަތަމަ ފަހަރަށެވެ. ތާޕްސީ އަކީ މިދިޔަ އަހަރު ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓުން އަމީތާބް ބައްޗަނާ އެކު ގެނެސްދިން "ބަދުލާ" ގެ ބަތަލާ އެވެ.

ވަރަށް ހުނަރުވެތި ބަތަލާއެއްގެ ގޮތުގައި ފާހަގަކުރެވޭ ތާޕްސީ، 33، އަކީ ބޮލީވުޑްގެ އިތުރުން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގައި ވެސް މަސައްކަތްކުރާ ބަތަލާއެކެވެ. އޭނާގެ އަތުގައި މި ވަގުތު ހުރި ހިންދީ ފިލްމުތަކުގެ ތެރޭގައި "ހަސީން ދިލްރުބާ" އާއި "ލޫޕް ލަޕޭޓާ" ހިމެނެ އެވެ.